ޢަލީ އިޙްޞާން ފިރާޤް
ތީހުގެ މައިދާނުގައި ދެއްވި ނިޢުމަތްތައް:
ކުރިންވެސް ދެންނެވިފައި ވާނެ ފަދައިން، ބަނީ އިސްރާއީލުންގެ މީސްތަކުންނަށް ތީހުގެ މައިދާނުގައި ވަރަށް ގިނަ ނިޢުމަތްތަކާއި މުޢުޖިޒާތްތަކެއް ދެއްވިއެވެ. އޭގެ ތެރޭގައި މައްނު އާއި ސަލްވާ ބާވައިލެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 57 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَأَنزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٥٧﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެއުރެން އެ نعمة އަށް كافر ވެ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެއުރެން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ.]
ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް މަންނު އާއި ސަލްވާ ބާވައިލެއްވި ވާހަކަ ޤުރްއާނުގެ ސޫރަތުލް އަޢުރާފުގެ 160 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَا إِلَىٰ مُوسَىٰ إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِب بِّعَصَاكَ الْحَجَرَ ۖ فَانبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ الْغَمَامَ وَأَنزَلْنَا عَلَيْهِمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿١٦٠﴾
މާނައީ: [އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ. އަދި موسى ގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّ އާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ.]
ހަމަ މި ވާހަކަ ޠާހާ ސޫރަތުގެ 80 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ލަފްޒުތަކުންނެވެ.
يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ ﴿٨٠﴾
މާނައީ: [އޭ އިސްރާއީލުގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسى ގެފާނަށް) طور ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعاد އެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [މައްނު ފައިބަނީ، ގަސްތަކަށެވެ. ދެން އެބައިމީހުން އޭގެ ތަކެތި ނަގައިގެން ބޭނުން މިންވަރަކަށް ކައިއުޅެއެވެ.] ޤަތާދާ ވިދާޅުވެފައިވެއެވެ. [މައްނުއަކީ، ކިރަށްވުރެ ހުދު މާމުޔަށްވުރެ ފޮނި އެއްޗެކެވެ. އެތަކެތި ފައިބަނީ ފަޖުރުގެ ވަޤުތުން ފެށިގެން އިރު އެރުމާ ހަމައަށެވެ. ކޮންމެ މީހަކުވެސް އެއިން ނަގަނީ އެ ދުވަހަށް ވާ މިންވަރަށެވެ. އެއަށްވުރެ އިތުރަށް ނަގައިފިނަމަ، އެތަކެތި ކުނިވެއެވެ. ހުކުރުދަވަހު އެބައިމީހުން ހޮނިހިރު ދުވަހަށް ވާވަރަށް މައްނު ނަގައެވެ. އެހެނީ ހޮނިހުރު ދުވަހަކީ އެބައިމީހުން އަޅުކަން ކުރުމަށް ޢައްޔަންކޮށްފައިވާ ދުވަހެކެވެ. ހޮނިހިރު ދުވަހު އެބައިމީހުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް ބޭރަށް ނުކުމެއެއް ނޫޅެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 234}
އަދިވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [މައްނުއަކީ ކާނަމަ ފޮނި އެއްޗެކެވެ. ފެނާ އެއްކޮށްފިނަމަ، އެ ފޮނި ބުއިމަކަށް ބަދަލުވެގެންދެއެވެ.]
ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު ތިމަންކަލޭގެފާނު އަޑު އެއްސެވީމެއެވެ.
" الْكَمْأَةُ مِنَ الْمَنِّ، وَمَاؤُهَا شِفَاءٌ لِلْعَيْنِ " {صحيح البخاري،كتاب الطب، ޙަދީޘް ނަންބަރު 5708}
މާނައީ: [ އަލްކަމާއާ (ނުވަތަ ޓްރައިފުލް) އަކީ މަންނުގެ ބާވަތެކެވެ. އޭގެ ދިޔައަކީ ލޮލަށް ޝިފާއެކެވެ.]
އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" الْكَمْأَةُ مِنَ الْمَنِّ الَّذِي أَنْزَلَ اللَّهُ تَبَارَكَ وَتَعَالَى عَلَى بَنِي إِسْرَائِيلَ وَمَاؤُهَا شِفَاءٌ لِلْعَيْنِ " {صحيح مسلم، كتاب الأشربة، باب فَضْلِ الْكَمْأَةِ وَمُدَاوَاةِ الْعَيْنِ بِهَا، ޙަދީޘް ނަންމަބަރު 2049}
މާނައީ: [އަލްކަމާއާވަނީ މަންނުގެ ތެރެއިންނެވެ. މަންނަކީ، އަރަހުށި މާތްﷲ، ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ މައްޗަށް ބާވައިލެއްވި އެއްޗެކެވެ. އޭގެ ދިޔައަކީ ލޮލުގެ ބަލިތަކަށްވާ ޝިފާއެކެވެ.]
ހަމަ މި ޢިބާރާތުގެ ޙަދީޘެއް އިމާމު ތިރުމިޛީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުންވެސް ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" الْعَجْوَةُ مِنَ الْجَنَّةِ وَفِيهَا شِفَاءٌ مِنَ السُّمِّ وَالْكَمْأَةُ مِنَ الْمَنِّ وَمَاؤُهَا شِفَاءٌ لِلْعَيْنِ "{جامع الترمذي، كتاب الطب عن رسول اللَّهِ صلى الله عليه وسلم، ޙަދީޘް ނަންބަރު 2066}
މާނައީ: [ޢަޖުވާ ކަދުރަކީ ސުވަރުގޭގެ މޭވާއެކެވެ. އޭގައި ވިހަވުމުގެ ބައްޔަށް ޝިފާވެއެވެ. އަލްކަމާއަކީ މަންނުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އޭގެ ދިޔައަކީ ލޮލުގެ ބަލިތަކަށް ހުރި ޝިފާއެކެވެ.]
ސަލްވާ އާ ބެހޭ ގޮތުން ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ސަލްވާއަކީ ދޫންޏެކެވެ. އެ ދޫނި އެންމެ ވައްތަރުވަނީ، سمان އޭ ކިޔުނު ދޫންޏާއެވެ.] ޢަރަބި ބަހުން سمان އޭ ކިޔަނީ، އިނގިރޭސި ބަހުން ކުއެލް (quail) އޭ ކިޔުނު ދޫންޏަށެވެ. އިކްރިމާ ވިދާޅުވެފައިވެއެވެ. [ސަލްވާއަކީ ސުވަރުގޭގެ ދޫންޏެކެވެ. އެ ދޫނީގެ ބޮޑު މިނަކީ ގާތްގަނޑަކަށް ފެންފޯއް ދޫންޏެއްގެ ބޮޑުމިނެއެވެ.]
އަދި ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ސަލްވާއަކީ ފެންފޯއްދޫންޏާ އެއްފަދަ ދޫންޏެކެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކޮންމެ ދުވަހަކުވެސް އެ ދުވަހަށް ވާވަރަށް ސަލްވާ ހިފައި އުޅެއެވެ. އެއަވުރެ ގިނައިން ހިފައިފިނަމަ، އެތަކެތީގެ މަސް ކުނިވެގެން ދެއެވެ. ނަމަވެސް ހުކުރު ދުވަހު އެބައިމީހުން ހޮނިހިރު ދުވަހަށް ވާވަރަށް ސަލްވާ ހިފައެވެ. އެހެނީ ހޮނިހިރު ދުވަހަކީ އެބައިމީހުން އަޅުކަން ކުރަން ޢައްޔަންކޮށްފައިވާ ދުވަހެވެ. އެދުވަހު އެބައިމީހުން ގެތަކުން ބޭރަށްގޮސް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 235}
ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންނަށް މިދެންވި ފަދައިން އެންމެ ހެޔޮ ރަނގަޅު ތަކެތިން ރިޒުޤު ދެއްވުމުންވެސް އެބައިމީހުންނަށް އެތަކެއްޗެއް ކަމަކު ނުދިޔައެވެ. މަންނު އާއި ސަލްވާ ފަދަ ރަނގަޅުތަކެތި ދޫކޮށް އެބައިމީހުން މޫސާގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމުން ގެންދެވީ ބިމުން ފަޅާ ދެރަތަކެއްޗަށެވެ. މި ވާހަކަ ބަޤަރާ ސޫރަތުގެ 61 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَإِذْ قُلْتُمْ يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ ۚ اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللَّـهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّـهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٦١﴾
މާނައީ: [އަދި ތިޔަބައިމީހުން (މިފަދައިން) ދެންނެވިހިނދު، ހަނދުމަކުރާށެވެ! އޭ موسى ގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ. ފަހެ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، قثاّء (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟ (އެގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ. ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ.]
ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް އެބައިމީހުންނަށް ދެއްވި ކާނާއެއްގެ މައްޗަކަށް ކެތެއް ނުކުރެވުނެވެ. އެބައިމީހުން ކުރިން އުޅުނު ދިރިއުޅުން މަތީން އެބައިމީހުން ހަނދާންވާން ފެށިއެވެ. މުގާއި، ފިޔާ އާއި ލޮނުމެދާއި، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކުގެ މަތީން ހަނދާންވާން ފެށިއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 243}