ނަމާދު ވަޤުތު ޖެހުމުން ވަޤުތުން ނަމާދުކުރަން އިސްކަންދެވެނީ މަދުމީހަކަށެވެ. މިސްކިތުގެ ޖަމާޢަތަށް ދެވެނީވެސް މަދުމީހަކަށެވެ. ފަހުން ކޮށްލަން މަޑުކުރާ ގިނަ މީހުންނަށް އޮންނަނީ ވަޤުތު ފާއިތުވާއިރުވެސް ނަމާދުނުކުރެވިފައެވެ. އެއިރުން އެއެނގެނީ އެމީހާގެ ކިބައިގައި އިޙްޞާންތެރިކަމެއް ނެތްކަމެވެ.
އިޙްޞާންތެރިކަން އިސްކުރީމާ ލައްވަވާ ރަޙްމަތް ނިކަން ދެކިބަލާށެވެ!
ބަކަރިތައް ހުއިހައްޕަން ފަރުބަދަތަކުގެ މަތީގައި އުޅުނު މީހަކު ނަމާދުވަގުތު ޖެހުމުން މަސައްކަތް ހުއްޓާލާފައި ނަމާދުކުރުމުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވެވިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙިކުރެއްވެވިބަސްފުޅުގެ މާނައިގައިވެއެވެ. "އޭނާ ތިމަން ﷲ އަށް ބިރުވެތިވާ މިންވަރު ނިކަން ދެކިބަލާށެވެ! ތިމަން ﷲ އަށް ބިރުވެތިވެ (ވަގުތުޖެހުމުން) އޭނާ ނަމާދުކޮށްފިއެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވައިފީމެވެ. އޭނާ ސުވަރުގެ ވައްދަވައިފީމެވެ."
ނިކަން ބުނެބަލާށެވެ. އުނދަގޫވާނީ އަހަރެމެން މިކުރާ މަސައްކަތް ކުރަނިކޮށް ނަމާދުވަގުތު ޖެހުމުން ނަމާދުކުރަންހެއްޔެވެ؟ އެތައް ބައިވަރު ބަކަރިތަކެއް ބަލަހައްޓަމުން އައި އެމީހާއަށް ހެއްޔެވެ؟ އަހަރެމެންނަށް އޮފީސް ނޫނީ ފިހާރަ ތަޅުލާފައިވެސް އިރުކޮޅަކަށް ނަމާދަށް ދެވިދާނެއެވެ. ނަމަވެސް އޭނާ ނަމާދުކުރާ ވަގުތު ބަކަރިތައް ބަލަހައްޓައިދޭނީ ކާކުހެއްޔެވެ؟
ތަފާތަކީ އިޙްޞާންތެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވޭ މިންވަރެވެ. ނަމާދަށް ބަންގިގޮވުމުން އެކަމަށް ސަމާލުކަން ދެވޭ މިންވަރެވެ. މީސްތަކުންނޭވެ! ނަމާދާއިމެދު އަހަރެމެން މިގެންގުޅޭ ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ.
މިބަޔާންކުރި ޙަދީޘްފުޅުން އެނގިގެންދަނީ ނަމާދުވަގުތު ޖެހުމުން ﷲ އަށް ބިރުވެތިވެ ނަމާދުކުރާ މީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެކަމެވެ. އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. އަހަރެމެން ބޭނުންވެގެން މިއުޅެނީ އެކަން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟
ވީމާ ކުރަންހުރި މަސައްކަތް ބަހައްޓާފައިވެސް ވަގުތު ޖެހުމުން ނަމާދުކުރާ މީހަކަށްވާށެވެ! ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅަކަށްވުމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން