ލޯބިވާކަމަށް ދުލުން ބުނުމަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިޑާނެ ކަމެކެވެ. ލޯބިވާކަމަށް ބުނެ މެސެޖްތައްވެސް ފޮނުވިދާނެއެވެ. ހިތުގެ ތަޞްވީރުވެސް ފޮނުވިދާނެއެވެ. އަދި ލޯބިވާކަމަށްބުނެ ހުވާވެސް ކުރެވިދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާ ތިބާދެކެ ލޯބިވާކަމުގެ ހެއްކެއް ނޫނެވެ.
ސަބަބަކީ ލޯބިވުމަކީ ޢަމަލުން ދައްކަންޖެހޭ ކަމަކަށްވާތީއެވެ. މައްސަލއަކަސް ވެގެން މިއުޅެނީ ލޯބިވާކަމަށް ބުނި ނަމަވެސް ޢަމަލުން އެކަން ނުދެއްކޭތީއެވެ.
އަނެކާ ތިބާދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. ބޭވަފާތެރިވެގެން ހޯދޭ ކުޑަކުޑަ އުފާވެރިކަމެއް ހޯދުމުގެ ބޭނުމުގައި އެކަން ތިބާއަށް އެނގިއްޖެނަމަ ތިބާދެރަވާނެ ކަމެއް ނުކުރާނެއެވެ. އޭނާ އާއި ތިބާ ވަކިވެދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ޢަމްދުން ތިބާއަށް ދޮގުހަދައި އޮޅުވާލުން ފަދަ ކަންކަމެއް ނުކުރާނެއެވެ.
ހަމަ އެއާއިއެކު އަނެކާ ތިބާދެކެ ލޯބިވާނަމަ އަބަދުވެސް މަސައްކަތްކުރާނީ ތިބާ އުފަލުގައި ބެހެއްޓުމަށެވެ. ވީމާ ތިބާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އަދި ތިބާއަށް އަޅައިވެސްލާނެއެވެ. އަބަދު ތިބާއާއިއެކުގައިވުމަށްވެސް އެދޭނެއެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ތިބާއަށް ބޭނުމެއް ޖެހިގެން ތަނަކަށްދާންޖެހޭ ޙާލަތުގައި އެހެން އެއްވެސް ގޮތެއް އޮއްވައި އެކުވެރިން ނުވަތަ އެނޫންވެސް މީހަކާއިއެކު އެތަނަކަށް ދިއުމަކަށް ނުބުނާނެއެވެ. ބޭނުންވާނީ ތިބާ ގޮވައިގެން އެތަނަކަށް ދިއުމަށެވެ.
ހަމައެއާއިއެކު ހިލޭ މީހުންގެ ކުރިމައްޗަށް ނެރެ ތިބާ އިޝްތިހާރެއް ނުކުރާނެއެވެ. ބޭނުންވާނީ ވީހައި ބޮޑަށް ފޮރުވައިގެން ގެންގުޅުމަށެވެ. ހަމައެއާއިއެކު ތިބާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން ދޫކޮށެއްވެސް ނުލާނެއެވެ. ތިބާއަށް ފާރަވެރިވާނެއެވެ. ރައްކައުތެރިކަންވެސް ފޯރުކޮށްދޭނެއެވެ.
މިއީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތަކުން ކުޑަ މިންވަރެކެވެ. އެންމެ ކުޑަމިނުން މިސިފަތައް އެމީހެއްގެ ކިބައިން ނުފެންނަނަމަ ކިތަންމެ ގިނައިން، ކިތަންމެ ބާރަށް ތިބާދެކެ ލޯބިވާކަމަށް ބުނިނަމަވެސް އެމީހަކީ ތިބާދެކެ ލޯބިވާ މީހެއްކަމަށް ޤަބޫލުނުކުރާށެވެ!
- ޝަމްވީލާ / މިއަދުނޫހަށް