"އީމާންވެ ޞާލިޙް ޢަމަލު ކުޅަމީހަކަށް، ﷲ ގެ ޘަވާބު (ޤާރޫނުގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އެދަރަޖަ ލިބޭނީ ކެތްތެރިންނަށެވެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
"އީމާންވެ ޞާލިޙް ޢަމަލު ކުޅަމީހަކަށް، ﷲ ގެ ޘަވާބު (ޤާރޫނުގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އެދަރަޖަ ލިބޭނީ ކެތްތެރިންނަށެވެ!: ޤުރްއާން

ވިސްނަންވީ މިއަދަކަށް ނޫނެވެ. ކޮންމެ ވަޤުތަކުވެސް މިއަދު ނިމިދާނެއެވެ. މާނައަކީ ދުނިޔަވީ ޙަޔާތް ނިމިގެން ހިނގައިދާނެއެވެ. މަސައްކަތްކުރަންވީ އެހިށާބުން ދެން ފެށޭ ޙަޔާތް އުޖާލާކުރެވޭނެ ގޮތަކަށެވެ. 

އެހެނަސް ގިނަ ބައަކަށް އެމީހުންނަށް ތަޤްވާވެރިނުވެވޭތީ ކަންބޮޑެއް ނުވެއެވެ. ހެޔޮ ޢަމަލުތައް ނުކުރެވޭތީވެސް ކަންބޮޑެއް ނުވެއެވެ. ނަމަވެސް އެންމެންވެސް ފައިސާވެރި ނުވެވުމުން ކަންބޮޑުވެއެވެ. އެފަދަ މީހުން ހަމައެކަނި 4 އާޔަތަށް ވިސްނައިލިނަމަވެސް ފުދޭނެއެވެ. 

"ފަހެ، އޭނާ (އެބަހީ: ޤާރޫނު) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ ޤައުމުގެ ތެރެޔަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުނޫއެވެ. ޤާރޫނަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ބޮޑުވެގެންވާ ނަޞީބެއްގެ ވެރިއެއްކަން ކަށަވަރެވެ. 

ޢިލްމް ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. އީމާންވެ ޞާލިޙް ޢަމަލު ކުޅަމީހަކަށް، ﷲ ގެ ޘަވާބު (ޤާރޫނުގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ.

ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާ ތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، ﷲ އާ ދެކޮޅަށް އޭނާޔަށް ނަޞްރު ދޭނޭ އެއްވެސްބައެއް ނުވިއެވެ. އަދި ނަޞްރު ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ. 

އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: ޤާރޫނު ގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ﷲ، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް ރިޒުޤް ތަނަވަސް ކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ރިޒުޤް) ދަތިކުރައްވަތެވެ. ﷲ، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ނުދިނޭނެތެވެ. 

އެއީ آއާޚިރަތުގެ (ނިޢުމަތު ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަ ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤްވާވެރިންނަށެވެ."

(އަލްޤަޞަޞް: 79،80،81،82،83) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން