ތިމާގެ ތުބުޅި ދިގުނުކުރިނަމަވެސް ސުންނަތަށް ޢަމަލުކުރާ މީހުންނަށް ނުބައިބަސް ނުބުނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 39ސ
ތިމާގެ ތުބުޅި ދިގުނުކުރިނަމަވެސް ސުންނަތަށް ޢަމަލުކުރާ މީހުންނަށް ނުބައިބަސް ނުބުނާށެވެ!

ސުންނަތަށް ޢަމަލުކުރުން އޮތީ އިޚްތިޔާރީކަމެއްގެ ގޮތުގައެވެ. އެއްވެސް ސުންނަތަކަށް ޢަމަލުކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. ސުންނަތަށް ޢަމަލުކުރަންވީ ގިނަ ޘަވާބު ހޯދުމަށެވެ. އެނގިތިބެގެންނާއި ނުއެނގި ތިބެވެސް ފާފަތައް ކުރެވޭނެއެވެ. ވީމާ ހޯދެން އޮތް ކޮންމެ ކަމަކުންވެސް ޘަވާބު ހޯދަން މަސައްކަތްކުރުމަކީ އެންމެ ފައިޑާހުރި ގޮތެވެ. 

މިހާރަކަށް އައިސް ތުބުޅިބާލައި މޫނު އޮމާންކޮށްގެން ތިބޭ މީހުން ތުނބުޅިލީ މީހުންނަށް މަލާށމާތްކުރާތަން އެބަފެނެއެވެ. އެއިރުން މަލާމާތް އެކުވެރިވެނީ އެމީހާއަކަށް ނޫނެވެ. ސުންނަތަށެވެ. ސުންނަތަށް ތިމާ ޢަމަލު ނުކުރިނަމަވެސް ދެކޮޅުހެދުމާއި ފުރައްސާރަކުރުމެއް ނެތެވެ. 

"ތުނބުޅި ދިގުކުރުމުގެ ދަލީލަކީ ކޮބައިތޯ؟" ކުރާ ސުވާލުގެ ޖަވާބުގައި މިގެނެސްދެނީ "ތުނބުޅި ދިގުކުރުމުގެ ޙުކުމް"ގެ ނަމުގައި އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

إن الحمد لله نحمده و نستعينه و نستغفره . الصلاة و السلام على حبيبنا و قدوتنا و أسوتنا محمد و آله و صحبه أجمعين. 

ސުބުހާނަހޫ ވަތަޢާލާ ގެ ދީނަށް ލޯބިކުރާ އަދި ނަބިއްޔާ ޞައްލަﷲ  ޢަލައިހި ވަސައްލަމަ ގެންނެވި ނަމޫނާއަށް ލޯބިކުރާ ޒުވާނުންނަށް ﷲ އާއި ރަސޫލާ ޞައްލަﷲ  ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަގުގައި ފައިތިލަ ސާބިތުކޮށްދެއްވުން އެދި ދުޢާކުރާ ހާލު މި ސިޓީއާއިގެން ފަށައިގަންނަމެވެ. 

السلام عليكم و رحمة الله وبركاته.

އެންމެހާ ލޮބުވެތި އަޚުންނޭވެ. 

އެންމެ ފުރިހަމަ ނަމޫނާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ބަޔާންކުރައްވަމުން ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. 

لَقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴿الأحزاب: ٢١﴾
މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން، اللَّه ގެ ރަސޫލާ(މުޙައްމަދު صلى الله عليه وسلم) ގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ ﷲ އާއި (ބައްދަލުކުރުމަށާއި) އަދި އާޚިރަތް ދުވަހަށް އުއްމީދުކޮށް އަދި ގިނަގިނައިން ﷲ ގެމަތިން ހަނދުމަކުރާމީހާއަށެވެ." 

އެކަލޭގެފާނުގެ މަތިވެރި އަޚުލާޤުފުޅު ބަޔާންކޮށްދެއްވަމުން އެކަލޭގެފާނުވަނީ މަތިވެރިވެގެންވާ އަޚުލާޤުފުޅެއްގެ މަތީގައި ކަން ބަޔާންކޮށްދެއްވަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿القلم: ٤﴾
މާނައިގެ ތަރުޖަމާއީ: ” އަދި ހަމަކަށަވަރުން ކަލޭގެފާނު (މުޙައްމަދު صلى الله عليه وسلم) ވާކަން ކަށަވަރީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." 

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ޥަސައްލަމަ ދެއްވި އެއްޗެއްގައި ހިފުމަށް އަމުރުކުރައްވައި އަދި މަނާކުރެއްވި ކަމެއް ކަންތައްތަކުން ބަރީޢަވުމަށް އަންގަވަމުން އެއިލާހު ބަޔާންކުރައްވަނީ މިފަދައިންނެވެ. 

وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا  ﴿٧ الحشر﴾

މާނައިގެ ތަރުޖަމާއި: އަދި ރަސޫލާ (ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ޥަސައްލަމަ) ގެންނެވި އެއްޗެއްކަމުގައި ވާނަމަ އޭގައި ހިފާށެވެ. އަދި އެކަލޭގެފާނު މަނާކުރެއްވި ކަމެއްކަމުގައިވާނަމަ އެކަމުން ދުރުވެގަންނާށެވެ." 

އަދި ނަބިއްޔާއަށް ކިޔަމަންވެއްޖެ މީހަކީ ﷲ އަށް ކިޔަމަންވެއްޖެ މީހާކަމުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. 

(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا) النساء 80 މާނައިގެ ތަރުޖަމާއީ: ” ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން الله އަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. “ 

ވީމާ އަޅުގަނޑުމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އަމުރުފުޅު ކުރައްވައިފިނަމަ ކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. 

އެކަލޭގެފާނުގެ މި ޙަދީޘްބަސްފުޅުތަކާ މެދު ވިސްނާލުން ކީއްތޯއެވެ؟ 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ((عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أنْهِكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) متفق عليه މާނައީ: "ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފު ކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)" 

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. 

((عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌ  

މާނައީ: އަބޫ ހުރައިރާ ޜަޟިޔާﷲ ޢަންހުގެ އަރިހުން ރިވާވެގެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި  ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާއި (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ. “ 

އެންމެ ފުރިހަމަ ނަމޫނާ ވަނީ އެކަލޭގެފާނުގެ ކިބައިގައި ކަން ﷲ ގެ ބަސްފުޅުން އިސްވެ ހިނގައްޖެއެވެ. 

ހުދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމަލުފުޅުން އެކަލޭގެފާނު ތުނބުޅިފުޅު ދިގުކުރައްވައި މުޝްރިކުންނާއި ޚިލާފު ވެވަޑައިގަތެވެ. 

((كَانَ رَسُولُ اللَّهِ كَثِيرَ شَعْرِ اللِّحْيَةِ)) رواه مسلم

މާނައި: "ﷲ ތަޢާލާގެ ރަސޫލާގެ ތުނބުޅިފިޅުގެ އިސްތަށިތައް ގިނައެވެ." 

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.  ((كَانَ رَسُوْلُ اللهِ ضخمَ الهَامَةِ ، عَظِيْمَ اللِّحْيَةِ)) حسنه الألباني

މާނައީ: "ރަސޫލުﷲ ޞައްލަﷲގެ އިސްތަށިފުޅު ބޮޑުކަމުގައި ވިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅުވެސް ބޮޑެވެ."

އަލްބަރާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. 

((كَانَ رَسُولُ الله رَجُلَا مرْبُوْعَا, عَرِيْضَ ما بَيْنَ المَنْكِبَيْنِ, كثَّ اللِّحْية ))  صححه الألباني 

މާނައީ: ރަސޫލުﷲ އަކީ އިސްކޮޅުގައި މެދުމިނުގެ ބޭކަލެކެވެ. އެކަލޭގޭފާނުގެ ބައިމަތިފުޅު ފުޅަލެވެ. އަދި ތުނބުޅިފުޅު އިސްތަށިން ބޯވެފައިވެއެވެ." 

ހަމައެހެންމެ، ތުނބުޅި ދިގުކުރުމަކީ އެކަލޭގެފާނުގެ ހިދާޔަތްވެސްމެވެ. އެކަލޭގެފާނުގެ ޚުތުބާފުޅުގައި ޙަދީޘް ކުރައްވާފައިވެއެވެ. 

((وَ خَيْرَ الهَدْيِ هَدْيُ مُحَمَّدٍصلى الله عليه و سلم- )) رواه مسلم މާނައީ: "އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު –صلى الله عليه و سلم- ގެ ގޮތެވެ." 

ގެ މިއާޔަތް ނުދެކެމުތޯއެވެ؟ 

(لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ) التين 4

މާނައީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ."   

އެޔަށްފަހު ނިކަން ތިބާގެ މޫނުން އެއްޗެއް މަދު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ؟ އަންހެނުންނާއި ޚިލާފަށް އެލެއްވި ސިފަ ނައްތާލެވުނު ކަމުގައި އިހުސާސް ނުކުރެވޭތޯއެވެ. ޝެއިޚު ބިން ބާޒު ރަޙިމަހުﷲ ވިދާޅުވާގޮތުން ތުނބުޅި ބޭލުން އަންހެނުންނާއި ވައްތަރުވުމުގެ ތެރެއަށް ވަދެއެވެ. 

((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري 

މާނައީ: "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ." 

ނިންމުން.

އޭ އަޚާއެވެ. ﷲ ތިބާއަށް ރަޙުމަތް ލައްވައި އަޅުގަނޑަށާއި ތިބާއަށް ހިދާޔަތު ދައްކަވާށިއެވެ. ތިބާ މިކަމާއި މެދު ވިސްނާލައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާ އަމަލީ ގޮތުން ދައްކަން ފަށަމާ ހިނގާށެވެ. އަންހެނުންނާއި ވައްތަރުވެ ގަންނަ މީހުން ކަމުގައި ނުވާށެވެ. ކާފަރުންހެން އޮފުކުރި ދަޅައަޅާ ދަތްދޮޅިއެއްގެ ބަދަލުގައި ﷲ ގެ ރުއްސެވުން ލިބެނިވި ތުނބުޅިން ޖަރީވެފައިވާ ދަތްދޮޅިއެއްގެ ވެރިއެއްކަމުގައިވާށިއެވެ. 

سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْ‌سَلِينَ . وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ .

 

މިއަދު އޮންލައިން