ރުޅިއައިސް ޞުލްޙަނުވެ ތިބުމަކީ އާޚިރަތް ގެއްލިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރުޅިއައިސް ޞުލްޙަނުވެ ތިބުމަކީ އާޚިރަތް ގެއްލިދާނެ ސަބަބެއް!

ކިތަންމެ ކުޑަކުޑަ ކަމަކާއި ހިތްހަމަނުޖެހުނަސް އެއީ ވަރަށް ބޮޑު ކަމަކަށް ހަދައި އެކަކު އަނެކަކަށް ވާހަކަ ނުދައްކައި ތިބޭ މީހުން ވަރަށް ގިނައެވެ. ޞުލްޙަވާން މަސައްކަތްނުކޮށް މޫނުކުނިކުރާ މީހުން ބައިވަރެވެ. އެހެންކަމުން އާދޭސްކޮށްފައި ބުނަމެވެ. އެގޮތަށް އެކަން ނުކުރާށެވެ.  

ދިމާވާ ކަމެއްގެ ސަބަބުން ދުރުހެލިވެލަން ޖެހުނަސް އެއްވެސް މީހަކަށް ރުޅިވެރިކަން ނުބާއްވާށެވެ! ބައްދަލުވުމުން ސަލާމްކޮށް ވާހަކަދައްކާލައި އުޅޭށެވެ. އަޚްވަންތަކަން ނަގައިނުލާށެވެ. ސަބަބު މިޙަދީޘްފުޅުން މިއޮތީ ފެންނާށެވެ!  

ރަސޫލާ ޙަދީޘް ކުރެއްވިއެވެ.  

"ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގައި މީސްތަކުންގެ ޢަމަލުތައް اللهގެ ޙަޟްރަތަށް ހުށަހެޅޭނެއެވެ. الله އަށް ޝިރްކުކުރާ މީހަކު ފިޔަވާ ކޮންމެ މީހަކަށް އެދުވަހުގައި ފާފަ ފުއްސަވާދެއްވާނެއެވެ. ނަމަވެސް އެމީހަކާއި އޭނާގެ އަޚާ އާއި ދެމެދު ރުޅިވެރިކަމެއް އޮންނަ މީހާ ފިޔަވައެވެ. ވަޙީ ކުރައްވާނެއެވެ. "އެދެމީހުން ޞުލްޙަވަންދެން ދޫކޮށްލާށެވެ. އެދެމީހުން ޞުލްޙަވަންދެން ދޫކޮށްލާށެވެ."

މިޙަދީޘްފުޅަކީ ހަމަ ކޮންމެ މުސްލިމަކުހެން ހިތުދަސް ޙަދީޘްފުޅެކެވެ. އެހެންކަމާއިއެކުވެސް އަޚާ އާއިމެދު ހިތުގައި ނަފްރަތާއި ރުޅިވެރިކަން ބާއްވާނަމަ ޙަދީޘްފުޅު އެނގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެނގޭކަމުން ކުރާ ފައިދާއަކީ ކޮބައިހެއްޔެވެ؟  

"އެދެމީހުން ޞުލްޙަވަންދެން" ދޫކޮށްލައްވަވާފައިވަނިކޮށް މަރުވެއްޖެނަމަ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ބިރުވެތިވާށެވެ! ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ރުޅިއައިސް ވާހަަކ ނުދައްކައި ނުތިބޭށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން