ސާފުތާހިރު ކޮންމެ ތަނަކީވެސް އަދި ކޮންމެ ސާފުތާހިރު ކޮންމެ ބިމަކީވެސް މުސްލިމުންނަށްޓަކައި މިސްކިތެވެ! އޮތީ ނަމާދުކުރަން އަވަސްވެގަތުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސާފުތާހިރު ކޮންމެ ތަނަކީވެސް އަދި ކޮންމެ ސާފުތާހިރު ކޮންމެ ބިމަކީވެސް މުސްލިމުންނަށްޓަކައި މިސްކިތެވެ! އޮތީ ނަމާދުކުރަން އަވަސްވެގަތުމެވެ!

ނަމާދު ވަގުތު ޖެހޭއިރު އެމީހަކަށް ހުރެވުނު ކޮންމެ ތަނަކީ މުސްލިމުންނަށްޓަކައި މިސްކިތެކެވެ. ވުޟޫކުރާނެ ފެން ލިބެން ނެތް ނަމަ ބިމުގައި އަތްޖައްސާލައިގެންވެސް ފުއްދައިލެވެން އެބައޮތެވެ. ވީމާ މިސްކިތަށް ދާން އުނދަގޫވެގެން ނަމާދުނުކޮށް ހުރުމެއް ނެތެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބު ލިބިގަތުމަށް އަވަހަށް އައުމަށް ގޮވާލެވުމުން ލަސްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޮތީ އެކަމަށް އަވަސްވެގަތުމެވެ.

މިސްކިތަށް ދެވޭނެ ގޮތެއް އޮތްނަމަ މިސްކިތަށް ދާނީއެވެ. ދެވޭނެ ގޮތެއް ނެތް ނަމަ ހުރިތަނެއްގައި ހުރެގެން ވެސް ނަމާދުކުރުން ލަސްނުކުރާށެވެ! ނަމާދަށް އޮތީ އަވަސްވެގަތުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުނިމި ހުރީތީ ނަމާދުކުރުން ފަސްނުކުރާށެވެ! ވަޤުތު ޖެހުމުން ނަމާދަށް އަވަސްވެގަންނާށެވެ. އެއިރުން އެމީހަކު ކުރަން ހުރި މަސައްކަތްތައް ކުރުމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ. އަދި އެމީހަކު ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

ލޮބުވެތި ކަނބަލުންނޭވެ! މަސައްކަތް ނިންމައި ފެންވަރައިގެން މެންދުރުނަމާދުކުރަން މަޑުކޮށްގެން ހުއްޓައި މެންދުރުނަމާދުގެ ވަޤުތު ފާއިތުވެގެންދިއަނުދޭށެވެ. ކޮންމެ ޙާލެއްގައި ނަމަވެސް ނަމާދު އެނަމާދުގެ ވަޤުތުގައި ކުރަން އާދަކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބެމުންދާނީ އެއިރުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން