ޒަވާޖީ ޙަޔާތްވެސް ހިމެނޭ ގޮތަށް ތިބާގެ ދުނިޔެއާ އާޚިރަތް ބާއްޖެވެރިކޮށްލަން ބޭނުންނަމަ މިސިފަ ހަރުލައްވާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޒަވާޖީ ޙަޔާތްވެސް ހިމެނޭ ގޮތަށް ތިބާގެ ދުނިޔެއާ އާޚިރަތް ބާއްޖެވެރިކޮށްލަން ބޭނުންނަމަ މިސިފަ ހަރުލައްވާށެވެ! ކާމިޔާބުވާނެ! އިން ޝާ ﷲ

އިޙްސާންތެރިކަމުގެ މާނަ ފޮތުގައި އޮންނަނީ އިޙްޞާންތެރިކަމަކީ ތިމާއަށް ﷲ ތަޢާލާ ނުފެނުނު ކަމުގައިވީނަމަވެސް ތިމާއަށް ﷲ ތަޢާލާ ފެންނަ ނަމަވެސް އަޅުކަންކުރާނެހައި ފުރިހަމައަށް އަޅުކަން ކުރުމަށެވެ. "ﷲ ތަޢާލާ ދެކެދެކެ ހުރެ" އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމަށެވެ.

އެގޮތަށް ބަޔާންކޮށްފައި އެވަނީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި އިޙްސާންތެރިކަމުގެ މާނައެވެ.

އިޙްޞާންތެރިވުމަކީ އެމީހަކު ކުރާ ކޮންމެ ޢަމަލެއްގައިވެސް އިޙްޞާންތެރިވުމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް އިޙްޞާންތެރިވުމެވެ. ފުރަތަމަ ކަމެއްގެ ގޮތުން އޮތީ ﷲ ތަޢާލާއަށް އިޙްޞާންތެރިވުމެވެ. ޢާއިލީ ދިރިއުޅުމުގައިވެސް އިޙްޞާންތެރިވުމެވެ. ކުރާ މަސައްކަތުގައިވެސް އިޙްޞާންތެރިވުމެވެ. އަދާކުރާ ވަޒީފާގައިވެސް އިޙްޞާންތެރިވުމެވެ.

ފުރަތަމަ ކަމަކަށް ޙަޤީޤީ އިޙްޞާންތެރިއަކު ފާފަކުރަން އިންތިހާއަށް ބިރުގަންނާނެއެވެ. ތިމާކުރާ އަމަލު ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން އިޙްޞާޞް ކުރެވޭތީއެވެ. ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް އިޙްޞާންތެރިވާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އިޙްޞާންތެރިވުމަކީ ފިރިމީހާ ނުވަތަ އަނބިމީހާ ފެންނަން ނެތްތަނެއްގައި ނަމަވެސް އޭނާ ރުޅިއަތުވެދާނެ އެއްވެސް އަމަލެއް ނުކުރުމެވެ. ބޭވަފާތެރިނުވުމެވެ.

ދިރިއުޅެން ކުރާ މަސައްކަތުގައި އިޙްޞާންތެރިވުމަކީ މަކަރު ނުހެދުމެވެ. ވަޒީފާގައި އިޙްޞާންތެރިވުމަކީ މުސާރަ ދޭ މީހާ ފެންނަން ނެތް ނަމަވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކުގައި މަސައްކަތްކުރުމެވެ. ޒިންމާދާރުކަމާއިއެކު މަސްއޫލިއްޔަތު އަދާކުރުމެވެ.

ހިތާމައަކީ މި މުހިންމު ސިފަ އާއި މީސްތަކުން ދުރުހެލިވެފައިވާ ކަމެވެ. ވަރަށް މަދު މީހެއްގެ ކިބައިގައި ނޫނީ އިޙްޞާންތެރިކަން ނެތްކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ތިމާއަށް އެ ދޫކޮށްލެވެނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން އޮތް ކިހައި މަތިވެރި ފުރުޞަތެއްކަމާއިމެދު ވިސްނައިލާ މީހާ އަބަދުވެސް އިޙްޞާންތެރިވާނެއެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ﷲ ގެ މަގުގައި ތިއަބައިމީހުން ހޭދަކުރާށެވެ! އަދި ތިއަބައިމީހުންގެ އަތްތަކުން ތިއަބައިމީހުންގެ ނަފްސްތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ! އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން