ކާފިރުން ކުރާ ގޮތަށް ކަންކަން ކުރަން އާދަވަމުން ގޮސް ކާފިރުންކުރާ ގިނަ ކަންތައްތަކެއް ކުރެވޭ މީހުން އަންނަނީ ގިނަވަމުންނެވެ. ގިނަ ބައަކަށް އެފަދަ ކަންކަން ކުރެވެނީ ގޯސްކަމެއްކަން ނުވެސް ވިސްނޭ ޙާލުގައެވެ.
ވަރަށް ފަހުން ބައްދަލުވި ޒުވާނަކު ބުންޏެވެ. "އަހުރެންނަށް ވަޒީފާގެ ކުރިއެރުން ލިބި މުސާރަ ބޮޑުވެއްޖެއެވެ. އެހެންވެ ޙަފްލާއެއް ބާއްވަން ބުނި އެކުވެރިންގެ ގާތުގައި ބުނީމެވެ. ތިއަފަދަ ހަފްލާއެއް ބާއްވާނަމަ ހާދަގިން އެކުވެރިންނަށް ދަޢުވަތުދޭންޖެހޭނެއެވެ. ނަމަވެސް އަހުރެން ވަރަށް ދަތިޙާލުގައި މިހައި ގިނަ ދުވަހު އުޅުނުއިރުވެސް އަހުރެންނަށް އެހީތެރިކަމެއް ފޯރުކޮށްލައިދިނީ އެންމެ 2 އެކުވެރިންނެވެ. ވީމާ ތިއަ ކަންތައް ކުރެވޭކަށް ނެތެވެ. އެކަމަކު އިރާދަކުރެއްވިއްޔާ މުށާރަ ލިބޭއިރަށް އަހުރެންނަށް ރަޙްމަތް ލެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރާނަމެވެ."
އޭނާ އެބުނީ ވަރަށް ރަނގަޅު ވާހަކަކޮޅެކެވެ. ޢިބްރަތްތެރިވެސް ވާހަކަކޮޅެކެވެ. އަހުރެން އެކަމަށް އޭނާއަށް ހިތްވަރުދިނީމެވެ.
ލޮބުވެތި އެކުވެރިންނޭވެ! އުފާވެރިކަމެއް ލިބުމުން އިސްރާފްކޮށް ކޮފީއަށް ދިއުމާއި ޕާޓީ ބާއްވަން ބާރު އަޅާމީހުންގެ ބަހަށް ނުހެއްލޭށެވެ! އެމީހުން އެ މަސައްކަތްކުރަނީ އެ ނިޢްމަތް ތިބާއަށް ގެއްލުވައިލުމަށެވެ. އެފަދަ މީހުންނަކީ ހެޔޮ އެދޭ ރަޙްމަތްތެރިނަ ކަމުގައި ނުބަލާށެވެ!
ޕާޓީއަށް ދަޢްވަތު ދިނުމުގެ ބަދަލުގައި އެމީހުންނަށްވެސް ދަޢުވަތު ދޭންވީ ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރާ ބައަކަށްވުމަށެވެ. އެމީހުންނަށް ބުނާށެވެ! ޕާޓީ ބާއްވަން ނޭދޭށެވެ! އަހަރެންނަށް ހެޔޮ އެދޭނަމަ އަހަރެންގެ ތަޤްވާވެރިކަން އިތުރުވާނެ ކަންކަމަށް ހިތްވަރުދީ މަގުދައްކައިދޭށެވެ! އެކަމަށް ވާގިވެރިނުވާ އެންމެންނަކީ ޢަދާވާތްތެރިންނެވެ. އެ އެންމެންނާއި ދުރުހެލިވާށެވެ!
ތިބާއަށް ނިޢްމަތެއް ދެއްވެވުމުން އެކަން ދަމައި ދިގުކުރަން ނުހަދާށެވެ! އެކަމާއި ގުޅުވައިގެން ޕާޓީ ބާއްވައި ލަވަކިޔައި ނަށަންވީއެއް ނޫނެވެ! އެއިރުން އެ ދެވެނީ ނިޢްމަތް ދެއްވެވި ފަރާތުން ނަހީކުރެއްވެވި މަގުންނެވެ.
ނިޢްމަތެއް ދެއްވަވައިފިނަމަ ޝުކުރުވެރިވުން އިތުރުކުރާށެވެ! ކިޔަމަންތެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަ ކުރާށެވެ! ﷲ ތަޢާލާ ދެއްވެވި މިންވަރު އަތުން ބީވެގެން ދިއަނުދީ ހިފަހައްޓަން މަސައްކަތްކުރުމަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން