އެންމެ ބޮޑެތި ދެރަދެނީ އެންމެ ގާތް މީހުން! ދެމަފިރިންގެ ގުޅުމާ ޖެހޭ މައްސަލަތައް ޙިއްޞާކުރުމަކީ އަމިއްލައަށް ދިރިއުޅުމުގަ ހުޅުޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އެންމެ ބޮޑެތި ދެރަދެނީ އެންމެ ގާތް މީހުން! ދެމަފިރިންގެ ގުޅުމާ ޖެހޭ މައްސަލަތައް ޙިއްޞާކުރުމަކީ އަމިއްލައަށް ދިރިއުޅުމުގަ ހުޅުޖެހުން!

އަހުރެން މިކަމުގައި މަޝްވަރާކުރި އެންމެންވެސް އެއްބަސްވީ އުފަލުގައި ދިރިއުޅެވެނީ ދެމަފިރިންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ވާހަކަ ހަމައެއްވެސް މީހަކާއި ޙިއްޞާ ނުކުރުމުން ކަމަށެވެ. އުފަލުގައި ދެމަފިރިންނަށް ދިރިއުޅެވުމުގެ އެންމެ ބޮޑު ސަބަބަކަށް ދެމަފިރިންގެ ކަންކަން ހަމަ އެއްވެސް މީހަކާއި ސިއްރުކުރުން ހިމެނޭ ކަމަށެވެ. 

އަދި ހަމައެފަދައިން ދެމަފިރިންގެ މެދުގައި ހިނގާ ކަންކަމާއި ލޯބިވާ މިންވަރު އެކުވެރިންނާއި އަދި ޢާއިލާއާއިވެސް ތަފްޞީލުކޮށް ޙިއްޞާކުރާނަމަ އެކި ގޮތްގޮތުން ދެމަފިރިންގެ ގުޅުމަށް އަސަރުކުރާކަމަށްވެސް އެއްބަސްވިއެވެ. 

ޢުމުރުން ދުވަސްވީ ބައެއް މީހުން ބުނީ ދެމަފިރިންގެ ގުޅުމާއިމެދު ކިތަންމެ ގާތް މީހަކު ސުވާލުކުރިނަމަވެސް ދޭން އެންމެ ރަނގަޅު ޖަވާބަކީ "ގުޅުން ރަނގަޅު" ކަމަށެވެ. ޖެހޭ މައްސަލަތައް ކިޔައިދިނުމުންވެސް ކުރިމަތިވަނީ އިތުރު މައްސަލަތައް ކަމަށެވެ. 

މިއެންމެންގެ ވާހަކަތަކުންވެސް އެނގުނީ ދެމަފިރިންގެ މެދުގައި އުފާވެރިކަން އޮތް ނަމަވެސް އެކަންވެސް ސިއްރުކުރަންޖެހޭ ކަމެވެ. އަދި ބައެއް ކުދިކުދި މައްސަލަތައް ޖެހުނަސް އެންމެންނަށް އެކަންކަން އެންގުމުގެ ބަދަލުގައި ސިއްރުކޮށް މައްސަލަތައް އަމިއްލައަށް ޙައްލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރުމުން ކުރާ ފައިދާ ބޮޑުކަމެވެ. 

ނަމަވެސް މިހާރަކަށް އައިސް ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން އިޢުލާނުކުރުން މިވަނީ އުފަލަކަސް ހަދައިފައެވެ. އެންމެ ކުޑަމިނުން ބައިވެރިޔާ ތިމާއަށް ހަދިޔާއެއް ދިނަސް ފޮޓޯނަގައި ނުވަތަ ވީޑިއޯކޮށް އެކަންވެސް އެބަ އިޢުލާނުކުރެއެވެ. ސޯޝަލްމީޑިއާގައިވެސް އެބަހާމަކުރެއެވެ. ގިނައީ ހަދިޔާ ނުލިބޭ މީހުން ކަމަށްވުމުން އެކަމަށް ހަސަދަލައި އެސްފީނާލާނެ މީހުންތަކެއް ތިބޭނެކަމަށް ވިސްނައިވެސް ނުލައެވެ. 

އަހުރެންގެ ނަޞޭޙަތަކީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި ހިނގާކަންކަން ސިއްރުކުރުމެވެ. ބޮޑެތި މައްސަލަތައް ޖެހި އެކަންކަން އަމއްލައަށް ޙާލުނުކުރެވިގެން އެހެން މީހުންގެ އެހީތެރިކަން ހޯދަން މަޖުބޫރުވުން ފަދަ ޙާލަތެއްގައި ނޫނީ ކަންކަން ސިއްރުކޮށްފައި ބޭއްވުމެވެ. 

އެކުވެރިންނަކީ ބަދަލުވާ ބައެކެވެ. އަބަދު އެއްގޮތަކަށް ތިބޭނީ ވަރަށް މަދުބައެކެވެ. އަނެކާއަށް ތަނަވސްކަމާއި އުފާވެރިކަން ލިބުމަށް އެދޭނީވެސް ވަރަށް މަދުބައެކެވެ. އަދި އެމަދު މީހުންނަކީވެސް ވިސްނުން ބަދަލުނުވާނެ ބައެއްކަމުގެ އެއްވެސް ޔަޤީންކަމެއް އޮތީ ކާކަށް ހެއްޔެވެ؟

 

- އެލީޒާ ޝާކިރު / މިއަދުނޫހަށް

 

 

މިއަދު އޮންލައިން