ތިމާ ފާފަމިކުރަނީ ފިލައިހުރެ ކަމަށް ހީވާނަމަ އެއީ ބޮޑުކުށެއް!- ބޭނުންފުޅުވެވޮޑިގެންފިނަމަ މިހާރުން މިހާރަށް ކޯފާފޮނުއްވަވަން ކުޅަދުންވަންތަކަމުގެ ހެކިތައް ބައިވަރު! ޝައިޚް ތައުފީޤް ޗައުދްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިމާ ފާފަމިކުރަނީ ފިލައިހުރެ ކަމަށް ހީވާނަމަ އެއީ ބޮޑުކުށެއް!- ބޭނުންފުޅުވެވޮޑިގެންފިނަމަ މިހާރުން މިހާރަށް ކޯފާފޮނުއްވަވަން ކުޅަދުންވަންތަކަމުގެ ހެކިތައް ބައިވަރު! ޝައިޚް ތައުފީޤް ޗައުދްރީ

އުފާކުރަން ބެންކޮކަށާއި އެހެންވެސް އެފަދަ ޤައުމުތަކަށް ގޮސް އުޅޭ މީހުންނަށް ހަމަ ނުވިސްނެނީއެވެ. ﷲ ތަޢާލާ ތިބާ ހިއްޕަވަން ބޭނުންފުޅުވެވޮޑިގެންފިނަމަ ކޮންމެހެން އެކަން ކުރައްވަވާނީ ތިބާ މަރުވުމަކުން ނޫނެވެ! މިހިނދުން މިހިނދަށް ވެސް އެކަން ކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.  

އެކަމުގެ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ޔޫނުސްގެފާނަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެވަޑައިގަތުމުގެ ޢަމަލެއް ކުރެއްވެވުނު ބޭކަލެކެވެ. ﷲ ތަޢާލާ އެންގެވީ ޤަުމުގެ މީހުންނަށް ދީނަށް ގޮވާލެއްވެވުން މަތީގައި ދެމިހުންނެވުމަށެވެ. އެމީހުން އީމާން ނުވުމުން ކޯފާ އިސްކުރައްވަވައި އެމީހުން ދޫކުރައްވަވައި ވަޑައިގަތީއެވެ. އުޅަނދެއްގައި ކަނޑުދަތުރުފުޅަކަށްވެސް ފެށްޓެވިއެވެ.  

ނަމަވެސް ކަންތައްވީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ތަނަކަށް ވަޑައެއް ނުގެންނެވުނެވެ. ކަނޑަށް އެއްލައިލެވުނެވެ. އެހިސާބުން ވަޑައިގަންނަވަން ޖެހިވަޑައިގަތީ ބޮޑުމަހެއްގެ ބަނޑަށެވެ! ކުރެއްވެވުނު ކުށުގެ ބޮޑުކަން އިޙްޞާޞްވެވަޑައިގަތީ އެ ހިސާބުންނެވެ!  

"އަދި ذوالنّون (އެބަހީ: ޔޫނުސްގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމު ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވެވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވެވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ." (އަލްއަންބިޔާ: 87) 

މިއީ ޔޫނުސްގެފާނަށް ކަންތައްމެދުވެރިވަޑައިގެންނެވި ގޮތެވެ. ޖެހިވަޑައިގެންނެވި ޙާލުކޮޅެވެ. އަހަރެމެންގެ ޤއުމުގެ ޤާނޫނުތަކަށް ފިލަން، އަނބިދަރިންނަށް ފިލަން އެހެން ޤައުމަކަށް ދެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ފިލަން ދެވޭނީ ކޮން ތަނަކަށް ހެއްޔެވެ؟ ﷲ ތަޢާލާ ތިބާ ހިއްޕަވަން ބޭނުންފުޅުވެވޮޑިގެންފިނަމަ އެކަން ނުކުރެއްވެވޭނެ އެއްވެސް ތަނެއް ވޭހެއްޔެވެ؟  

މީސްތަކުންނޭވެ! ވިސްނައި ހޭލުންތެރިވާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުން އަހަރެމެން ފާފަކުރަން ދޫކޮށްލައްވަވާފައި ތިބުމަކީ ފާފަތައް ކުރަމުން ދުވަން އޮތް ސަބަބެއް ނޫނެވެ! ބިރުވެތިވެ ފާފަކުރުމުން ދުރުހެލިވާން އޮތް ސަބަބެވެ. ފާފަކުރުން ހުއްޓާލައި އަވަހަށް ތައުބާވާށެވެ! ތިބާ ހިއްޕަވައިފާނެ ވަގުތައް ބިރުވެތިވާށެވެ! 

ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ހިތުހުރި ގޮތަކަށް އުޅޭ މީހުން ވިސްނައިލާށެވެ! ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ ތިބާ ހިއްޕަވާނީ ކޮން ގޮތަކަށް ކޮންތަނެއްގައި ހުއްޓައިކަން އެނގެނީ ކާކަށް ހެއްޔެވެ؟  

- ޝައިޚް ތައުފީޤް ޗައުދްރީގެ ދަރުސަކުން

 

މިއަދު އޮންލައިން