މޫސާގެފާނު ވާހަކަ- 16: ވިލާގަނޑަކުން ހިޔާ އެޅުއްވުން

ކިޔުމަށް ހޭދަވާނީ 6މ 36ސ
މޫސާގެފާނު ވާހަކަ- 16: ވިލާގަނޑަކުން ހިޔާ އެޅުއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ވިލާގަނޑަކުން ހިޔާ އެޅުއްވުން: 

ތީހުގެ މައިދާނުގައި ބަނީ އިސްރާއީލުންގެ މީސްތަކުންނަށް ދެއްވި އަނެއް ނިޢުމަތަކީ، އެބައިމީހުން ހޫނުވާތީ އުޅެންފެށުމުން، ވިލާގަނޑަކުން އެބައިމީހުންނަށް ހިޔާ އެޅުއްވުމެވެ. ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 57 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَأَنزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٥٧

މާނައީ: [އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެއުރެން އެ نعمة އަށް كافر ވެ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެއުރެން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ.]

އަލް އިމާމުލް ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. [ތީހުގެ މައިދާނުގައި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން މޫސާގެފާނަށް ދެންނެވިއެވެ. [މިތަނުގައި ތިމަންމެންނަށް ކާންދޭނީ ކާތުތޯއެވެ؟] އެހިނދު މާތް އެބައިމީހުންގެ މައްޗަށް މަންނު އާއި ސަލްވާ ބާވައިލެއްވިއެވެ. ދެން އެބައިމީހުން ދެންނެވިއެވެ. [މިތަނުގައި އިރުގެ ހޫނުން ތިމަންމެން ރައްކާތެރިކޮށްދޭނީ ކާކުތޯއެވެ؟] އެހިނދު މާތް ވިލާގަނޑަކުން އެބައިމީހުންނަށް ހިޔާ އެޅުއްވިއެވެ. ދެން އެބައިމީހުން ދެންނެވިއެވެ. [ތިމަންމެންނަށް ފެންދޭނީ ކާކުތޯއެވެ؟] އެހިނދު މާތް މޫސާގެފާނަށް އެކަލޭގެފާނު އަސާކޮޅު ހިލައެއްގައި ޖެއްސެވުމަށް އަމުރު ކުރެއްވިއެވެ. އެވަގުތު އެ ހިލައިން ފެންއާރުތައް ދެމިގެން ދިޔައެވެ. ދެން އެބައިމީހުން ދެންނެވިއެވެ. [ތިމަންމެންނަށް ފޭރާން ހޯއްދަވައިދެއްވާނީ ކާކުތޯއެވެ؟] ދެން، އެބައިމީހުންގެ ފޭރާންތައް ބާނުވާނެ ގޮތް މާތް މިންވަރުކޮށް ދެއްވިއެވެ. އެ ހެދުންތައް ދާނުވާނެ ގޮތް މިންވަރުކޮށް ދެއްވިއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ފުރަތަމަ ޖިލްދު، ޞަފްޙާ 446}

ހަމަ މިވާހަކަ ސޫރަތުލް އަޢުރާފުގެ 160 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَا إِلَىٰ مُوسَىٰ إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِب بِّعَصَاكَ الْحَجَرَ ۖ فَانبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ الْغَمَامَ وَأَنزَلْنَا عَلَيْهِمُ الْمَنَّ وَالسَّلْوَىٰ ۖ كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿١٦٠

މާނައީ: [އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ. އަދި موسى ގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެ ހިލައިގައި ޖެއްސެވި ހިނދު) އެ ހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ منّ އާއި سلوى ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިއެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ.]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ހިޔާ އެޅުއްވީ ހުދު ކުލައިގެ ވިލާގަނޑަކުންނެވެ. އެ ވިލާގަނޑު އެބައިމީހުން އިރުގެ ހޫނުން ރައްކާތެރިކޮށްދެއެވެ.] ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [އަރަހުށި މާތްﷲ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ވިލާގަނޑުން ހިޔާ އެޅުއްވީ އެބައިމީހުން ތީހުގެ މައިދާނުގައި ތިބި ދުވަސްވަރުގައެވެ.] އިބްނު ޖަރީރު އާއި އަނޫންވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. [އާޔަތުގައި ނަންގެނެވިގެންވާ ވިލާގަނޑަކީ އަހަރެމެން ދެކޭ ވިލާތަކަށްވުރެ ރަނގަޅު ފިނި ވިލާގަނޑެކެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 233- 234}

 

މިއަދު އޮންލައިން