ގޭމް ކުޅުމަކީ ގޯސްކަމެއްކަމަށް އެބަބުނެއެވެ. އެއީ ތެދެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ މީހަކު ފޫހިފިލުވާލަން އިރުކޮޅަކު ގޭނެއް ކުޅެލުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ. އެހެނަސް އެކަން މިހާރު މިވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ. މައްސަލައަކަސްވާގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
މީސްތަކުންނާއި ﷲ ތަޢާލާ އާއި ދުރުކުރުވުމަށްޓަކައި ޝައިޠާނާއަށް މިހާރު ކުރަން އެންމެ ފަސޭހަ އެއްކަމަކީ ގޭމް ކުޅެލަން ވަސްވާސް ދިނުމެވެ. އެހިސާބުން މީހާ ގޭމްކުޅެން ފަށައެވެ. އެ ފަށާގޮތަށް އެތައް ގަޑިއިރެއް ވަންދެން އެކަމުގައި ވަގުތުތައް ހޭދަކުރެއެވެ.
މިވަގުތުތަކުގެ ސަބަބުން ޝައިޠާނާގެ މަސައްކަތަށް ވަރަށް ބޮޑު ލުއިކަމެއް ލިބެއެވެ. އެއީ އެ ވަގުތުތަކުގައި އެމީހާ ﷲ ތަޢާލާގެ މަތިން އެއްވެސް ވަރަކަށް ހަނދުމަ ނުކުރާނެތީއެވެ. އެއްވެސް އަޅުކަމެއް ނުކުރާނެތީއެވެ.
ޝައިޠާނާ އަބަދުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ މީސްތަކުންނާއި ﷲ ތަޢާލާ އާއި ދުރުކުރުވުމެވެ. މިކަމުގައި ޝައިޠާނާގެ އެންމެ ބޮޑު ބައިވެރިއަކީ ތަފާތު ވީޑިއޯ ގޭމްތަކެވެ. ފޯނުން ގޭމް ކުޅެވޭ އެޕްލިކޭޝަންތަކެވެ.
އެމެރިކާއިން މިސާލެއް ނަގަމާ ހެއްޔެވެ؟ 2014 ވަނަ އަހަރުކުރި ދިރާސާއަކުން އެނގުނު ގޮތުގައި 40 އިންސައްތަ އަންހެނުން ގޭމްކުޅެއެވެ. ވީމާ މިހާރު މިއަދަދު 90 އިންސައްތައަށްވުރެ މަތިވާނެއެވެ. މުސްލިމް ޤައުމުތަކަށް ބަލައިފިނަމަ ނިޞްބަތް ތަންކޮޅެއް މަދުވެދާނެއެވެ. ނަމަވެސް އެކަށީގެންވާވަރަށްވުރެ މާގިނަ ބައަކު ގޭމްކުޅެއެވެ.
ވަރަށް ފަހުން މީހަކު ބުނެފައިވެއެވެ. ގެއަކަށް ވަދެވުނުއިރު 1 އަހަރު ތުއްތު ދަރިފުޅު ނަޕީ ހަޑިކުރުމުން ތަޅުމުގައި އުނގުޅެއެވެ. އެ ނަޖިހުގައި ކުއްޖާގެ އަތް އުނގުޅައެވެ. އެ އަތް ގައިގައިވެސް އުނގުޅައެވެ. އެއިރު މަންމަ ޢާއި ބައްޕަ އާއި ދެމީހުން ހަމަ ފޯނުން ގޭމްކުޅެނީއެވެ. މަންޒަރު ފެނުމުން ބުނަންހުރި ބަސްތައް ގިނަވުމުން އަނގައިންވެސް ނުބުނެ ނުކުމެގެން އައީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! މިޙާލަތުގައި ތިބޭ ބައަކަށް އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭނެ ހެއްޔެވެ؟ ނަމާދުވަގުތުތައް ވަދެ ނުކުމެގެންދާކަން އެނގޭނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މިހިރީ މިއަދު ފުންކޮށް ވިސްނަންޖެހިފައިވާ ކަންކަމެވެ. އެމީހާގެ އަގުހުރި ވަގުތުތައް އެ ނަގައިލަނީ މުޅިން ބޭކާރު ގޮތުގައެވެ. ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައެވެ. ނިކަން ބުނެބަލާށެވެ! ގޭމެއް ކުޅެގެން 1 މިލިއަން ޕޮއިންޓް ލިބުނިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުރާނެ އެއްވެސް ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ ހަމައެއާއިއެކު 1 މިލިއަން ޕޮއިންޓް ހޯދޭއިރު ތިމާއަދާކުރަންޖެހޭ ވާޖިބުތަކުން ކިހައި މިންވަރެއް އަދާ ނުކުރެވި ދޫކޮށްލެވިފައިވާނެ ހެއްޔެވެ؟
ހިތާމައަކީ މިފަދަ އެއްވެސް ކަމަކަށް ވިސްނައިލުމެއްވެސް ނެތި އެމީހުން ފަދައިން އެމީހުންގެ ދަރިންވެސް މިމަޅީގައި ޖައްސައި އެކުދިންގެ މުސްތަޤްބަލްވެސް ނަގައިލަމުން ގެންދާ ކަމެވެ. މިވާހަކަ ކިތަން ދިގުކޮށްވެސް ދެއްކިދާނެއެވެ. ފައިދާއެއް ކުރާނީ ގޭމްތަކުން ސަލާމަތްވެ ވިސްނައިލާނެ ވެސް ވަގުތުކޮޅެއް ލިބޭ މީހަކަށްކަމުގައިވާކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން