ފަރުޟްނަމާދުތައްކޮށް އަދި އެހެންވެސް އަޅުކަންކުރިނަމަވެސް ތިމާއަކީ މާމޮޅު މީހެއްކަމަށާއި އެހެންމީހުންނަކީ މާދަށުދަރަޖައިގެ މީހުން ކަމަށް ޤަބޫލުކުރެވޭ ބައަކު އުޅެއެވެ. ޚާއްޞަކޮށް ތަނަވަސްކަން ލިބިގެންވާ މީހުންގެ ތެރޭގައި މިބުނި ފަދަ މީހުން ގިނައެވެ. ވީމާ ވިސްނައިގެން އަޑުއަހާށެވެ!
އިންސާނުންނަށް ކުރެވޭ ޢަމަލުތަކުގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ޢަމަލަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ބައެއް މީހުންގެ ކިބައިގައި ހުންނަ ސިފައެކެވެ. އެ ސިފަ ހުންނަ މީހަކު ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރިނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އެމީހަކު ސުވަރުގެ ނުވައްދަވާނެތެވެ.
އެއީ ކޮން ސިފައެއްކަން އެބަ އެނގޭ ހެއްޔެވެ؟ އެއީ ކިބުރުވެރިކަމާއި ބޮޑާކަމެވެ.
ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކިބުރުވެރިކަމާއި ބޮޑާކަމުގެ ތެރޭގައި ތަނަވަސްކަން ލިބިގެންވާ މީހަކު ރީތި، އަގުބޮޑު ފޭރާންލުން ފަދަ ކަންކަމެއް ނުހިމެނެއެވެ. އެހެނީ އެމީހެއްގެ ކިބައިގައި ތަނަވަސްކަންހުރިވަރަކުން އުފާވެރި ދިރިއުޅުމެއް އުޅުން އިސްލާމް ދީން މަނައެއް ނުކުރެއެވެ. ސާފަތުތާހިރުކޮށް، ރީތިކޮށް ތިބުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ވީމާ އެމީހެއްގެ ފެންވަރުން ރީތި، އަގުބޮޑު ފޭރާންލުމަކީ ހަމަކުރަންވީ ކަމެކެވެ.
Abdullāh ibn Mas‘ūd (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: "Anyone has an atom's weight of arrogance in his heart will not enter Paradise." A man said:" What if one likes his clothes and shoes to look good?" He said: "Verily, Allah is beautiful and He loves beauty. Arrogance is to reject the truth and look down on people."
Sahih/Authentic. - [Muslim]
ކިބުރުވެރިކަމާއި ބޮޑާކަމަކީ އެހެންމީހުންނަކީ ތިމާއަށްވުރެ ދަށުދަރަޖައިގެ ނިކަމެތި ބައަކު ކަމުގައި ޤަބޫލުކުރުމެވެ. ހަމައެއާއިއެކު ޙަޤީޤަތް އެނގުމުންވެސް ޤަބޫލުނުކުރުމެވެ. ތިމާއަށް ވިސްނެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކުރުމެވެ.
އެންމެ ނުބައިކަން ބޮޑުވެގެންވާ ކިބުރުވެރިކަމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކުރުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވުމާއި ﷲ ތަޢާލާއަށް އަޅުކަން ނުކުރުމެވެ. ކަންކަމަށް ބޭނުންވުމުން ﷲ ތަޢާލާއަށް ދުޢާ ނުކުރުމެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." އަލް ޣާފިރު: 60)
ބޮޑާ، ކިބުރުވެރި މީހުންވާނީ ނަރަކައިގައިކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަޙިކުރައްވަވާފައިވެއެވެ.
"ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ." (އަލް ޣާފިރު: 76)
ﷲ ތަޢާލާ ފޮނުއްވެވި ރަސޫލް ބޭކަލުންނަށް އީމާންވެ އެބޭކަލުން ގެނެސްދެއްވެވި ކަންކަން ބަލައިނުގަތުމަކީވެސް ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެކެވެ.
"ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ އާދަމްގެދަރި ދެމީހަކަށް ތިމަންމެން އީމާންވާނެ ހެއްޔެވެ؟ އެ ދެމީހުންގެ ޤައުމުގެމީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ ޙާލުގައެވެ."
(އަލް މުއްމިނޫން: 47)
މީސްތަކުންނޭވެ! ކިބުރުވެރިކަމާއި ބޮޑާކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހަކު ސުވަރުގެ ނުވައްދަވާނެތެވެ. އެކަން ކުރިން ބަޔާންކުރި ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން