"ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވަވާ އަޅަކަށް ރިޒުޤް ތަނަވަސްކޮށްދެއްވަވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (ރިޒްޤް) ދަތިކުރައްވަތެވެ. އަދި ތިއަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަވަތެވެ. އަދި އެކަލާނގެއީ، ރިޒްޤް ދެއްވަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." (ސަބާ: 39)
ބައެއް މީހުން ދަތިހާލުގައި އުޅޭތީ ނުވަތަ އަތްމަތި ދަތިވެދާނެ ކަމުގެ ބިރަށް ޞަދަޤާތް ކުރަން ފަސް ޖެހެއެވެ. މި ބިރަކީ ޝައިޠާނާ ދޭ ވަސްވާސްތަކެކެވެ. އެއީ ތިބާގެ އަތްމަތި ތނަވަސް ވިއަ ނުދިނުމަށް ޝައިޠާނާ ކުރާ ކަމެކެވެ.
މީހަކު ކަމަކު އެދިއްޖެ ނަމަ އަތުގައި އެންމެ ރުފިޔާއެއް އޮތް ނަމަވެސް ޞަދަޤާތްކުރާށެވެ! އެ ރުފިޔާގެ ބަދަލުގައި މާގިނަ ރުފިޔާ ތިބާ ހީވެސް ނުކުރާހައި ގިނަ ގޮތްގޮތުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެތެވެ!
ނަމަވެސް މީހަކު ފައިސާ ހޯދަނީ ނުބައި ބޭނުމެއްގައިކަން އެނގޭނަމަ އަތުގައި ހުރި ނަމަވެސް އެހީތެރިވުމެއް ނެތެވެ. އެއިރުން އެހީތެރި އެވެވެނީ އެމީހަކު އިތުރަށް ފާފަކުރަން ކަމުގައިވާތީއެވެ. އެއީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.
މުސްލިމުން އެކަކު އަނެކަކަށް އެހީތެރިވުން އޮތީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމުގައެވެ. އެއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަކު އަނެކަކަށްޓަކައި އަދާކުރަން ޖެހޭ ޙައްޤެކެވެ.
ހަމަ އެއާއިއެކު ކަންކަމުގައި އެދޭއިރު އެދޭ މީހާ ވެސް ވިސްނައިލަން ޖެހޭ ކަންކަން އެބަހުއްޓެވެ. "މީހުންގެ ގާތު ކަންކަމުގައި އެދުމަށްވުރެ ކޮނޑުގައި ދަރު އުފުލުން ވެސް މާރަނގަޅު" ކަމަށް އޮތް ޙަދީޘްފުޅަށް ވިސްނައިލުމުން ފުދޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން