ތިބާއަށް ކަމެއް ކުރިމަތިވުމުން އެއީ މެދުވެރިވި ވަރަށް ދެރަގޮތެއް ކަމަށްބުނާ މީހުންގެ ގާތުގައި އަހައިލާށެވެ! އެއީ ދެރަގޮތެއްކަމަށް ތިބާގެ ގާތުގަ ބުނީ ކާކުހެއްޔެވެ؟ އެކަން އޭނާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ އަދި ބުނާށެވެ! ހަމަޔަޤީނުންވެސް އަހުރެންނަށް ދެރަގޮތެއް އަހުރެންގެ ވެރި ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެތެވެ!
މީހަކަށް ކަމެއް ކުރިމަތިވުމުން އެކަމަށް ކަންބޮޑުވެ ވާހަކަދައްކަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުއެވެ. އެއީ ކުރިމަތިވި ވަރަށް ބޮޑުކަމެއްކަމަށް ބުނެ އޭނާގެ ހިތްވަރު އެލިގެންދާފަދަ ބަސްތައް ނުބުނާށެވެ!
ބުނާށެވެ! "ތިއައީވެސް ﷲ ގެ ރަޙްމަތެވެ! ދާދި އަވަހަށް ތިބާގެ ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ"
އެއްވެސް މީހަކަށް ދެރަގޮތެއް ނުވަތަ ކަންބޮޑުވުމެއް ކުރިމަތިވެއްޖެނަމަ އޮތީ އެމީހަކަށް ހިތްވަރުދިނުމެވެ. އެމީހަކަށް ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީތެރިވުމެވެ. އެއްވެސް ޙާލެއްގައި އޭނާގެ ހިތްވަރު އެލިގެންދާނެފަދަ ވާހަކަދައްކައި މާޔޫސްކުރުވައިގެން ނުވާނެއެވެ.
ﷲ ތަޢާލާ ކުރިމަތިކުރުވާ ކޮންމެ ދަތިޙާލަތަކާއިއެކު އުފާވެރިކަމެއްވެއެވެ. އިން ޝާ ﷲ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އަހުރެމެން މަސައްކަތްކުރަންވީ ކެތްތެރިވެލުމަށެވެ. ޙާލަތު ބަދަލުކުރައްވަވައި އުފާވެރިކަން ދެއްވަވާނެ ވަޤުތަށް އިންތިޒާރުކުރާށެވެ! ޔަޤީންކުރަންވީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން