ޒަހަރުގެ ކުޑަކުޑަ މިންވަރަކުން ޝިފާއެއް ލިބެން އޮތް ނަމަވެސް ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރަށް އެއްވެސް މީހަކު ޒަހަރު ބޭނުމެއް ނުކުރާނެއެވެ. ބޭނުންކުރި ނަމަވެސް ކުރާނީ ދެން އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ބޮޑަށް ބެލެވޭ ގޮތުން ދެން އެހެން ގޮތެއް ނެތް ހާލުގައިވެސް ބޭނުންކުރާނީ ވަރަށް މަދު މީހެކެވެ.
މީސްތަކުންނޭވެ! މިއީ އެއްވެސް ފާފައެއް ކުރުމުގެ ކުރިން ވިސްނައިލަން ޖެހޭނެ ކަމެކެވެ. ކިތަންމެ ކުޑަކުޑަ މިންވަރެއް ނަމަވެސް ބޭނުން ކުރުމުން މަރުވެދާނެތީ ޒަހަރު ދެކެ މިހައި ބޮޑު ބިރެއް ގަންނައިރު ފާފަކުރަން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ފާފައިގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަން އެނގޭއިރުވެސް މެއެވެ. އަހަރެންގެ ވިސްނުމުގައި ބޮޑަށް ބިރުވެތިވާންވީ ނަރަކައިގެ އަލިފާނަށެވެ.
ސަބަބުވެސް މިބުނަނީއެވެ. މަރުވުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ޟީހަކީވެސް ކޮންމެ ދުވަހަކުން މަރުވާނެ މީހެކެވެ. ދުނިޔޭގައި ހުރެވޭނީ ﷲ ތަޢާލާ އިރާދަކުރައްވަވާ މުއްދަތަކަށެވެ. އެއަސްފަހު އޮތީ މަރުވުމެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ނުވަތަ ހުއްޓުވޭނެ ކަމެއް ނޫނެވެ. މަރުވުމަކީ މައްސަލައެއް ނޫންކަމަށް މިބުނަނީ އެހެންވެގެންނެވެ. އެހެނަސް ނަރަކައަށް ވަންނަން ޖެހުމަކީ އެންމެ ބޮޑު މައްސަލައެވެ. އަދި ކޮންމެ މީހަކަށްވެސް ނަރަކައަށް ވަންނަން ޖެހޭނީ އެމީހަކު ކުރި ފާފަތަކުގެ ސަބަބުންނެވެ. ވީމާ ނަރަކައިގައި އޮވެގެން އަނދަމުންޑާން އިޚްތިޔާރުކުރަނީ އެމީހެކެވެ.
ވީމާ އިންސާނާގެ ޙަޔާތުގައި އަބަދުވެސް ބިރުވެތިވާންވީ ނަރަކައަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށްޓަކައެވެ. އެކަމަށް ބިރުވެތިވާ މީހަކަށް ފާފަކުރަން ބިރުގަނެވޭނެއެވެ. ފާފައަކަށް އަރައިގަންނަން އުޅެވޭ ވަގުތު ނިކަން ނަރަކައިގެ ބިރުވެރިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!
"ތިއަ ފާފަކޮށްލި ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށް" ޝައިޠާނާ ވިސްނައިދޭ ވަގުތު އެކަން އެހެން ނުވެދާނެކަން ހިތްމައްޗަށް ގެނެސްބަލާށެވެ! ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވައިފިނަމަ ވަންނަން ޖެހޭނީ ނަރަކައަށްކަމާއި އެތަނުގެ އަލިފާނުގެ ހޫނުގަދަކަން ހިތްމައްޗަށް ގެނެސް ބަލާށެވެ! ދުނިޔޭގެ ކުޑަކުޑަ އުފަލަކަށްޓަކައި ކުރެވޭ ފާފައެއްގެ ބަދަލުގައި ނަރަކައިގެ ގަދަފަދަ ޢަޛާބުގައި އޮންނަން ޖެހޭނީ ކިތައް ބިލިއަން އަހަރުކަން ނުއެނގޭ ކަމާއިމެދު ވިސްނައިލާށެވެ!
މިމޭރުމުން ވިސްނާ މީހާއަށް ފާފަކުރުމުން ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން