މީސްތަކުންނަށް މިއަދު ދިރިއުޅެންޖެހިފައި މިވަނީ ވަރަށް ދަތި އުނދަގޫ ޙާލަތުގައެވެ. ސިޙުރާއި އެސްފީނާގެ އުނދަގޫތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހަމައެއާއިއެކު ލޮލަށް ނުފެންނަ ޝައިޠޯނުންތަކާއި ލޮލަށް ފެންނަ ޝައިޠޯނުންތަކުގެ އުނދަގޫތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކރިޔާ ފުރުޞަތެއް ލިބުނަސް އެގެންދަނީ ޙަމަލާދެމުންނެވެ.
އެހެންކަމުން މިފަދަ ކަންކަމުން ސަލާމަތްވެ ހުރުމަށް ކޮންމެ މީހަކަށްވެސް މިވަނީ ދިފާޢީ (ތިމާ ދިފާޢުކޮށްދޭނެ) އައްޑަނައަކަށް އިންތިހާއަށް ބޭނުންވެފައެވެ.
ވީމާ ފުރަތަމަ ކަމަކަށްވެސް ހެނދުނާއި ހަވީރުގެ ޛިކުރުތަކުގައި ހިމަނައިގެން އާޔަތުލް ކުރުސި ކިޔަވާށެވެ! އެއިރުން މުޅި ދުވަހު (ހޭލީނބްސުރެ ނިދަންވަންދެން) އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިންޝާ ﷲ
ދެން އޮތީ ނިދާފައި އޮންނަ ވަޤުތެވެ. ޙަދީޘްފުޅުގައި އޮތީ ނިދުމުގެ ކުރިން އާޔަތުލްކުރްސި ކިޔަވައިފިނަމަ އެމީހަކު ނިދީންހޭލެވެންދެން އެމީހާ ހިމާޔަތްކުރާނެ މަލާއިކަތަކު (ބާރެއް) ﷲ ތަޢާލާ ލައްވަވާނެކަމަށާއި އެކަމުގެ ސަބަބުން ނިދާފައި އޮންނައިރު ޝައިޠޯނާއަށް އެމީހަކާއި ކައިރިވެސް ނުވެވޭނެކަމަށެވެ.
ވީމާ ދެއިރުގެ ޛިކުރުތަކުގައި ހިމަނައިގެންނާއި ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވާ މީހަކަށް އެވަނީ މުޅި ދުވަހުގައި (24 ގަޑިއިރު) ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިފައެވެ. އިން ޝާ ﷲ
ދެން ބައެއް މީހުން ބުނެއެވެ. "މި 3 މަޤާމުގައިވެސް އަހުރެން އާޔަތުލް ކުރުސި ކިޔަވަމެވެ. ނަމަވެސް މިވެނި އެވެނި އުނދަގޫތަކެއް ކުރިމަތިވިއެވެ. ނުވަތަ އެބަ ކުރިމަތިވެއެވެ."
އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކޮންމެ މީހަކަށް، ކޮންމެ ކަމެއްވެސް ކުރިމަތިކުރައްވަވައިފާނެއެވެ. އެއީ އެމީހަކަށް ރަޙްމަތެއްގެ ގޮތުންނެވެ. ޔަޤީންކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދައިގެން ހުންނަ މީހަކަށް (އެކަމަށް މަސައްކަތްކުރާ މީހަކަށް) ދެރަގޮތެއް މިންވަރު ނުކުރައްވަވާނެ ކަމެވެ.
އަދިވެސް ހަނދުމަކޮށްލައިދޭނަމެވެ. ކޮންމެ ފަރްޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާއާއި ސުވަރުގެއާއި ދެމެދުގައި އޮތް ހުރަހަކީ އޭނާ މަރުވުން ކަމަށް ޙަދީޘްފޔުޅުގައި އޮތް ކަމެވެ. ވީމާ ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔތަތުލްކުރުސި ކިޔަވަން އާދަކުރާށެވެ.
ވީމާ މި 3 މަޤާމުގައި އާޔަތުލްކުރުސި ކިޔަވާ މީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. ރައްކައުތެރިކަމެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން