އެންމެ ލޯބިވާ މީހާ ގެއްލިގެން ދިއުމަކީ ﷲ ދެއްވަވާ އިންޒާރެއް! އެއީ އެއްވެސް މީހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އެންމެ ލޯބިވާ މީހާ ގެއްލިގެން ދިއުމަކީ ﷲ ދެއްވަވާ އިންޒާރެއް! އެއީ އެއްވެސް މީހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ނޫން!

ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި ލޯބިވެރިޔާ ނުވަތަ ޙަޔާތުގެ ބައިވެރިޔާ ގެއްލިގެންދަނީ ނުވަތަ ނިޢްމަތެއް އަތުން ބީވެގެންދަނީ ކޮންމެވެސް މީހެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ ހަމަ ކުށްހީއެކެވެ. މުޅި ދުނިޔެ އެއްކޮޅަށް ޖެހިފައި އެކަމެއް ކުރަން މަސައްކަތް ކުރި ނަމަވެސް ﷲ ތަޢާލާގެ މިންވަރުފުޅާއި ދެކޮޅަށް ތިބާގެ ގައިން އެންމެ ކުޑަމިނުން އިސްތަށްޓެއްވެސް އުފުރައެއް ނުލެވޭނެއެވެ. ނުވެސް ގެންދެވޭނެއެވެ.

ބައެއް މީހުން އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަނީ އެންމެ ލޯބިވާ މީހާ ގެއްލުމުންނެވެ. އެމީހާ އާއި ވަކިވާންޖެހުމުންނެވެ. ހަމައެފަދައިން ނުހަނު ލޯބިވާ ދަރިން ނިޔާވުމާއި އެންމެ ލޯބިން ރައްކައުކޮށްގެން ގެންގުޅުނު އެއްޗެއް ގެއްލުން ފަދަ ކަމެއް މެދުވެރިވުމުންނެވެ.

މިފަދަ ކޮންމެ ކަމަކީ ﷲ ތަޢާލާ ދެއްވަވާ އިންޒާރެކެވެ!

ތިބާގެ އަތުން ގެއްލެން ބޭނުން ނުވާ އެއްވެސް އެއްޗެއް ނުވަތަ ނިޢްމަތެއް ނަމަވެސް ތިބާގެ އަތުން ގެއްލިއްޖެ ނަމަ ނުވަތަ ބީވެގެން ހިނގައްޖެ ނަމަ އެކަމުން އަންގައިދެނީ އެކަމެއް ހިފަހައްޓަން ތިބާ ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއްވެސް ކަމެއް ހިފެހެއްޓުމުގެ އެއްވެސް ބާރެއް ތިބާއަށް ނެތްކަމެވެ. ނިޢްމަތްތައް ދެއްވެވުމާއި ގެންދެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ.

ވީމާ ކުރަން ޖެހޭ ކަމަކީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ، ހުރިހާ ނިޢްމަތްތަކެއް ދެއްވަވާ އަދި އަނބުރައި ގެންދަވާ ﷲ އާއި ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރުމެވެ! ނިޢްމަތް އިތުރުކޮށްދެއްވެވުން އެދި ދެއްވެވި ނިޢްމަތް އަނބުރާ ނުގެންދެވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ސާބިތުވާށެވެ! ދުޢާކުރުން ގިނަކުރާށެވެ!

ވީމާ އަހަރެމެންނަށް ކުރަން އޮތް ހަމައެކަނި ކަމަކީ ސާފު ސީދާ ގޮތުގައި ތިބެން މަސައްކަތްކުރުމެވެ. އަޅުކަންކުރުން ގިނަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރަށް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރުމެވެ.

ކޮންމެ މީހަކު ކުރި ކަމެއްގެ ސަބަބުންނަމަވެސް ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ގެއްލޭނީ އެކަމުން ތިބާއަށް ލައްވަވަން އޮތް ރަޙްމަތް ބޮޑުވީމައެވެ. މާއުފާވެރި ގޮތްތަކެއް މިންވަރުކުރައްވަވާނެތީއެވެ. މިވާހަކަ އަބަދުހެން އެބަ ކިޔައިދެމެވެ. އެފަދަ ކަމެއް މެދުވެރިވާ ވަޤުތު ވަރަށް ދެރަވާނެއެވެ. އެވަޤުތު ކުރަން އޮތް ކަމަކީ ބަލިވުމުން ޝިފާއަށް އެދި ހިތި ބޭސް ބޯފަދައިން އެކަންތައް ދިރުވައިލުމެވެ. ފަހުން ދެއްވަވާނެ މާބޮޑު އުފާވެރިކަމަށް އުންމީދުކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅުންނަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނަ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން