ހެޔޮ ކަންކަމަށް ޢަމުރުކުރާ މީހުން ގިނަވުމާއި އަމުރުކުރުމަށްފަހު އެއަމުރަށް ތިމާ ޢަމަލުނުކުރާ މީހުން ގިނަވުމަކީވެސް ދުނިޔޭގެ ނިމުން ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތެކެވެ. އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ދުނިޔޭގައި އުޅެންޖެހިފައިވާ މީހުން މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭނެއެވެ. ކޮންމެ މީހަކުވެސް ފުރަތަމަ ކަމަކަށް މަސައްކަތްކުރަން ތިމާއާއި ތިމާގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރެވޭތޯއެވެ.
ދީނީ ޢިލްމުވެރިއެއް ނަމަވެސް ބެލެނިވެރިއެއް ނަމަވެސް އަދި އެހެން މީހަކު ނަމަވެސް މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ދިނުމަށްފަހު އެކަންކަމަށް އަމަލުކުރާ މީހަކަށް ވާންޖެހޭނެއެވެ. ނަޞޭޙަތްދޭ ކަންކަމުގައި އިސްވެ ނަމޫނާ ދައްކާ މީހަކަށްވާން ޖެހޭނެއެވެ. ނަޞޭޙަތް ދިނުމާއި އަމަލުކުރުމަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫނެވެ. އެއީ ގުޅިލާމެހިފައިވާ ދެ ކަމެވެ.
އަބޫ ޛައްރު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ސުވަރުގޭގެ އަހުލުވެރިންގެ ބައަކު ނަރަކައިގެ އަހުލުވެރިންގެ ބައަކަށް ބުނާނެތެވެ. "ކަލޭމެން ނަރަކައިގައި ތިއަ ތިބީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން އަހަރެމެންނަށް ސުވަރުގެ ޙާޞިލުކުރެވިފައި މިވަނީ ކަލޭމެން ދިން ނަޞޭޙަތުގައި ހިފައި ޢަމަލުކުރުމުންނެވެ."
ޖަވާބުގައި އެމީހުން ބުނާނެތެވެ. "އަހަރެމެންނަށް ނަރަކައަށް ވަންނަން ޖެހުނީ ހަމައެކަނި ނަޞޭޙަތްދޭ ބައަކު ކަމުގައިވީތީއެވެ. މީހުންނަށް ހެޔޮ ކަންކަން ކުރަން ނަޞޭޙަތްދީފައި އަހަރެމެން ޢަމަލު ނުކުރީތީއެވެ."
މި ބަސްފުޅުތަކުން އެނގިގެންދަނީ ހެޔޮ ކަންކަން ކުރުމަށް އަމުރުކޮށް ނަޞޭޙަތެރިވެ އުޅުމަކުން ނުފުދޭކަމެވެ. އެމީހާ ވެސް ހެޔޮ އަމަލުތައް ކުރަން ޖެހޭނެ ކަމެވެ. މިހެން ބުނުމުން ބައެއް މީހުން ފުރަތަމަވެސް އިނގިލި ދިއްކުރާނީ ދީނީ ދަރުސްތައް ދެއްވަވާ ދީނީ ޢިލްމުވެރިންނަށެވެ. އެމީހުންގެ އަމިއްލަ ނަފްސާއި ދިމާއަށް އިނގިލި އަމާޒުވެފައިވާ ކަމެއް އެމީހުންނަކަށް ނުއެނގެއެވެ.
މިހެން މިބުނީ ކޮންމެ މީހަކީވެސް ޒިންމާދާރު މީހަކަށްވާތީއެވެ. އެމީހެއްގެ ބެލުމުގެދަށުގައި ތިބި ބައަކަށް ހެޔޮ އަމަލުތައް ކުރަން ބުނެ ނަޞޭޙަތް ދޭނެ މީހަކަށްވާތީއެވެ. އެމީހެއްގެ އަނބިދަރިންވެސް ހިމެނޭގޮތުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން