އިބިލީސް ޝައިޠޯނާއަށް ބަދަލުވީ ކީއްވެގެންހެއްޔެވެ؟ ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކޮށް ބޮޑާވެގަތީތީއެވެ. ކަންކަން އޭއްޗަށް މާބޮޑަށް އެނގޭކަމަށް ވަކާލާތުކުރުމުންނެވެ. މިއަދު މީސްތަކުންގެ ތެރެއިންވެސް ބައަކު މިދަނީ އެޙާލަތަށް ވެއްޓެމުންނެވެ.
މިވާހަކަތައް ތަކުރާރުކުރަން މިޖެހެނީ މިހާރަކަށް އައިސް ތިމާއަށް ދީނުގައިވާ ކުށެއް ނުވަތަ ފާފައެއް ކުރެވުމުން އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމްދީނުގެ ޙުކުމްތައް ކުށްވެރިކޮށް ފަތުވާ ނެރޭތީއެވެ. އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ! އެއީ ކުރެވުނު ފާފައަށްވުރެ ބޮޑު ކުށެކެވެ! ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ.
ތިރީގައި އެވަނީ "އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ." މި ސުރުޚީގެދަށުން ޝައިޚް ޝަފީޢު ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބުއެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ.
އެހެންކަމުން މި ނިކަމެތި އިންސާނާއަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް ފާޑު ކިޔޭނެތޯއެވެ؟ އޭގައިވާ ބައެއް ހައްދުތަކަކީ ހަރުކަށި ހައްދުތަކެއް ކަމުގައި ބުނެވޭނެތޯއެވެ؟ އަދި އެ ޝަރީޢަތުގައިވާ ޙުކުމްތައް އަހުރެމެން ބޭނުމެއް ނޫނޭ ބުނެ އިޙްތިޖާޖު ކުރެވިދާނެތޯއެވެ؟ ބުއްދި ސަލާމަތުން ހުރި، މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމާއި އެއްކައުވަންތަކަން ޤަބޫލު ކުރާ ފުރިހަމަ އިންސާނެއް އެފަދަ ބަހެއް ނުވަތަ ދައުވާއެއް ނުކުރާނެއެވެ. ސަލާމަތް ބުއްދީގެ އަހްލުވެރިއަކަށް ރައްބުލް ކާއިނާތުގެ ޙުކުމްތަކާ ޗެލެންޖް ކުރަން ނުކެރޭނެއެވެ.
ނަމަވެސް ހިތާމައަކީ، މާތް ﷲ ބިންމަތީގައި އިންސާނާއަށް ކުޑަ ކުޑަ ބާރެއް އެފަރާތުން ދެއްވާ އިރަށް އިންސާނާ ބޮޑާ ވެގަންނަ ކަމެވެ. އެކަލާނގެ ޝަރީޢަތާ ދެކޮޅަށް އެކަލާނގެ ދެއްވި ދުލުގެ މަތިވެރި ނިޢުމަތުގެ ބޭނުން ކޮށްގެން ކުޑައިމީސް ބަސްބުނެ ފާޑު ކިޔަން ފަށާކަމެވެ. އަދި ތިމަންމެން ހަދާ ވަޟުޢީ ބަލިކަށި ޤާނޫނުތަކަކީ އެންމެ އެކަށީގެންވާ އެންމެ ތަހުޒީބީ ޤާނޫނުތަކެއް ކަމުގައި ބުނެ އުޅެތެވެ.
އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކްމަތް ވިސްނައި ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ އިންސާނީ އުނި ބުއްދީގައިވާ ބަލިފައެކެވެ. ނަމަވެސް، މުއުމިނުންގެ އަޤީދާއަކީ ކޮބައިތޯއެވެ. މުއުމިނުންގެ އަޤީދާއަކީ، މަތިވެރިވަންތަ ކަލާނގެ ބާވައިލައްވާ ކޮންމެ ޙުކުމަކީވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެ ފަރާތަށެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްވެސް އެނގެނީ އެ ފަރާތަށެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. އެއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރެވެ.
ވަޟުޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، މުޖުތަމަޢަކީ އަމާން ތަނެއް ކަމުގައި ހެދުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުން ފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޔާޢަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މި ޤާނޫނުތަކުން ނެރެދޭތޯއެވެ؟ އިންސާނީ ތާރީޚަށް ބަލާފައި ބުނެވޭނީ ނުދެވޭކަމުގައެވެ. އެހެންކަމުން، ދުވަސް ދުވަސް ކޮޅުން އެއް ކަމަކަށް އެތަކެއް ޤާނުނެއް ހަދާ، އިސްލާޙުކޮށް، އުވާލާ، އަނެއްކާ އައު ޤާނޫނެއް ހަދާ އުޅެތެވެ. އިންސާނީ ބުއްދިއާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ. އެކަކަށް ވިސްނޭ އެންމެ މޮޅު ގޮތަކީ އަނެކަކަށް ބޮޑު ޖޯކަކަށް ވެދެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައް ހުންނާނެއެވެ.
ނަމަވެސް އިސްލާމީ ޝަރީޢަތް އެހެންތޯއެވެ؟ ކެރިހުރެގެން ބުނެވޭނީ ނޫނެކެވެ. އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެ ވޮޑިގެންވާ ފަރާތުން ބާވައިލެއްވި މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ މަޟީއާއި މުސްތަޤްބަލް މޮޅަށް ދެނެ ވޮޑިގަންނަވާ އައްލާމުލްޣުޔޫބުގެ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އިސްވެ ގޮސްފައިވާ އިންސީންނާއި، ޤިޔާމަތާ ޖެހެންދެން އަންނާނެ ހުރިހައި އިންސީންގެ ވެރި ރައްބުގެ މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
އެހެންކަމުން، އިސްލާމީ ޝަރީޢަތުގައި އިންސާނުންނަށް ބޭނުންވާނެ ހުރިހައި ކަމެއް ހިމެނިފައިވެއެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ އެންމެ މައިގަނޑު މަޤްސަދުގެ ތެރޭގައި ހިމެނެނީ 5 ކަމެއް އިންސާނުންނަށް ކަށަވަރުކޮށްދިނުމަށެވެ. މި ފަސް ކަންތަކީ އިންސާނީ ޙަޔާތުގައި އެންމެ މުހިއްމު ކަންތަކެވެ. އެއާ ނުލާ އިންސާނީ ޙަޔާތް ދެމެހެއްޓުމަށް އުދަނގޫ ކަންތަކެވެ. އަދި ކިއެއްތަ، އެއާ ނުލާ އިންސާނީ ހަޔާތް ކުރިއަށް ނުގެންދެވޭނެ 5 ކަންތަކެވެ. މިކަންތައްތައް ނުވަތަ މިއިން ކަމެއް ނެތިއްޖެނަމަ، ދިރިއުޅުމުގެ ނިޒާމު ކުރިއަށް ގެންދިއުމަށް ބުރޫ އަރާނެއެވެ. އެއީ:
1. ދީން ހިމާޔަތްކުރުން
2. ނަފްސު ހިމާޔަތްކުރުން
3. ނަސްލު ހިމާޔަތްކުރުން
4. ބުއްދި ހިމާޔަތްކުރުން
5. މުދާ ހިމާޔަތްކުރުން
އިސްލާމީ ޝަރީޢަތުގެ މަޤާސިދުގެ ތެރޭގައި ހިމެނޭ މި ފަސް ޟަރޫރިއްޔާތަށް ވަކި ވަކިން ބަލައިލުމަކީ އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން އަޅުގަނޑުމެންނަށް އިތުރަށް ކަށަވަރު ވެގެން ދާނެ ކަމެކެވެ.
އެގޮތުން:
- ދީން:
ދީނަކީ އަޅާ އާއި ވެރިރައްބާ ދެމެދުގައިވާ ގުޅުމާއި، އަޅާ އާއި އެހެނިހެން އިންސާނުންނާ ދެމެދުގައިވާ ގުޅުންތައް ބަޔާންކޮށްދޭ ނިޒާމަށް ކިޔާ ނަމެވެ. އެކަލާނގެ އަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާކުރުމުގެ މަގެވެ. ހައްޤުގޮތުގައި އެއްކައުވަންތަ ކުރުމުގެ މަގެވެ. އެއްވެސް އިންސާނަކަށް އެ މަގު ނޫން އެހެން މަގެއް އިޚްތިޔާރު ކުރުމުގެ ހައްޤެއް ލިބިދީފައެއް ނުވެއެވެ. އަމިއްލައިން ދީން ހަދައިގެން އަޅުކަން ކުރުމުގެ ހުއްދައެއް ނެތެވެ. ކުއްތަންވުމުގެ ނިޔަތުގައި އަމިއްލައިން ރަމްޒުތަކެއް ހަދައި އެކަލާނގެއާ ޝަރީކު ކުރުމެއްވެސް ނެތެވެ. އެއީ މުޅިން ބާޠިލް ގޮތްތަކެކެވެ. ބާޠިލް ޢަޤީދާތަކާއި ދީންތަކެވެ.
އެހެންކަމުން، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެއަށް ޙައްޤު ގޮތުގައި އަޅުކަން ކުރާނެ ގޮތް ބަޔާންކޮށްދެއްވާފައެވެ. އެންމެ ފުރިހަމަ މާނާގައި އެކަލާނގެ އެއްކައުވަންތަ ކުރާނެ ގޮތް ބަޔާންކޮށްދެއްވާފައެވެ. އަދި ހަމައެހެންމެ ދޭދޭ އިންސާނުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ބަޔާންކޮށްދެއްވާފައެވެ.
އެގޮތުން ފުރިހަމަ ދީނެއް ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެއީ ދީން ކަމުގައި ޚިޔާރުކުރައްވައި، އެ ދީނަކީ ހަމައެކަނި އެކަލާނގެ ރުއްސަވާ އަދި ޤަބޫލުކުރައްވާ ދީން ނުވަތަ ގޮތް ކަމުގައި ވަނީ ކަނޑައަޅުއްވާ ދެއްވާފައެވެ.
އެހެންކަމުން، މި ދީން ހިމާޔަތް ކުރުމަށްޓަކައި، އެތަކެއް އާޔަތްތަކާއި ޙަދީޘްފުޅުތަކެއް ވަނީ ވާރިދުވެފައެވެ. ދީނަށް ރައްކާތެރިވުމުގެ މަތިވެރިކަމާއި، ދީނަށް ފުރަގަސް ދިނުމުގެ ނުބައިކަމާއި، އެކަމަށް ކަނޑައެޅިފައިވާ ވަޢީދުގެ ބަސްފުޅުތައް ވަނީ ވާރިދުވެފައެވެ. އަދި ހައްޤު ދީން، އިސްލާމް ދީން، ފިޔަވާ އެހެން ދީނެއް ޤަބޫލު ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކުރެވިފައެވެ.
އަދި އެއްކައުވަންތަ އިލާހުގެ ތައުހީދާއި ދީން ހިމާޔަތް ކުރުމުގެ ގޮތުން ޖިހާދު ވަނީ ފަރުޟު ކުރެވިފައެވެ. އަދި ކިއެއްތަ، މުރުތައްދުވެގެން ދިއުން ވަނީ ހަރުކަށި ގޮތުގައި މަނާ ކުރެވިގެންނެއެވެ. އަދި ދީނުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމާއި، އުނި ކުރުމަކީ ނުބައި ބިދުޢަތެއްކަމާއި، ދީނުގެ ތެރެއަށް އުނި އިތުރެއް ގެނައުމަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައި ވަނީ ލައްވާފައެވެ. އެކަންކަން ވަނީ ޤަބޫލު ނުކުރެވި، ރައްދު ކުރެވޭ ކަންތަކުގެ ތެރެއިންނެވެ.
މާތް ﷲ ރުއްސަވާ ދީން މަތީގައި، ފުރިހަމަ އެނގުމާއި ދަނެގަތުމުގެ މަތީގައި ތިބެގެން އަޅުކަން ކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ދީން ވަނީ ހިމާޔަތް ކުރައްވާފައެވެ.
(އަދި ނުނިމޭ)
--ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމަކުން