ފިރިމީހާ ނޫން މީހަކާއިއެކު ޖިންސީ ގުޅުން ދުވަހަކުވެސް ނުހިންގައި ކިޔަމަންތެރިކަމާއިއެކު ތިބޭ އަނބިންގެ ގައަށް ގިނަ ބައަކާ ޖިންސީ ގުޅުން ހިންގުމުން ޖެހޭ ނުރައްކާތެރިބަލިތައް އަރަމުންދާތީ އެކަމަށް ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ ގައަށް ބަލިއަރަނީ ފިރިންގެ ސަބަބުން ކަމަށާއި ތެދުހަދަން މަޖުބޫރުވާ ހިސާބުން ފިރިން ހަށިވިއްކާ އަންހެނުންގެ ގާތަށް ގޮސް ހަށިގަންނަމުންދާ ކަމަށް އެއްބަސްވާކަމަށްވެސް ބުނެއެވެ.
"މިއީ ވަރަށް ވޭންހުރި ކަމެއް! ރިއްސާލެއް ގަދަކަމުން ހޭކެނޑޭވަރުވެސްވޭ! އަދި އަހުރެންނަށް ޖެހިފައިވަނީ އެކުގައި ފިލުވައިލެވޭ ބައްޔެއްވެސް ނޫން! ކީއްކުރާނީ؟ ފިރިމީހާގެ ބަސް އަހައިގެން ތެދުވެރިކަމާއިއެކު ގޭގަ އިނުމަށް ފިރިމީހާ ދިން އިނާމު މީ!"
"އަޅުގަނޑަށްވާގޮތަކީ ފޮޅުތަކެއް ނަގާފަ ހިރުވަނީ! ކަހަނީ! ކެހުން ހުއްޓައެއް ނުލެވޭ. އެންމެ ފަހުން ހަންގަނޑު ދިއައިމަ ފާރުވަނީ. އެއިރުން ދެން އުޅެން ޖެހެނީ ކުޑަދަމުދާއިރު ދިލަނަގާވަރުން. ފެންވަރާއިރު ފެންފޮދެއް ޖެހުނަސް އެވަރަށް ދިލަ ނަގާ! ބަލީގެ އަޞްލު އެނގުނުއިރު އެއީ މިއުޅޭ ދޮންކުދިން އަތުން ފިރިމީހާ ގަނެގެން ގެނެސް އަޅުގަނޑަށް ނުއަންގާ އަޅުގަނޑަށް ދީފައިވާ ހަދިޔާއެއް!"
މިފަދަ ބަލިތަކަށް ފަރުވާދެއްވާ ބައެއް ޑޮކްޓަރުންގެ ކިބައިންވެސް މިކަންކަން މިގޮތަށް މެދުވަމުން އަންނަކަން ވަނީ ޔަޤީންކުރެވިފައެވެ.
މިފަދަ އެތައް ބައިވަރު ކޮމެންޓްތަކެއް އެކި ކިޔުންތެރިންގެ ކިބައިން ވަނީ ލިބިފައެވެ. މިފަދަ މައްސަލަތައް ކުރިމަތިވެދާނެކަމުގެ ބިރު ބޮޑުކަން މިއަދުނޫހުން ވާނީ މީގެ 2 އަހަރުކުރިންވެސް ފާހަގަކޮށްފައެވެ. އެއީ ހަށިގަތުމުގެ އިތުރުން ލިވާޠު ކުރުން އިތުރުވަމުން އަންނާތީއެވެ.
ކުރީގެ ލިޔުން:
"އަޅުގަނޑުމެން ގާތަށް އަންނަ ފިރިހެނުންގެ 80 އިންސައްތަ މީހުން ލިވާޠުކުރަން ބޭނުންވޭ! އެކަމަށް ދެކޮޅުހެދީމާ ރުޅިއާދޭތޯ؟ އަނބިންނާއެކުގަވެސް ކުރަންތޯ ސުވާލުކުރީމާ ބުނަނީ ކުރާކަމަށް."
މިއީ އެތައް އަންހެނުންގެ ކިބައި އިވިފައިވާ އަޑެކެވެ. ބައެއް އަންހެނުން ބުނެފައިވަނީ އެމީހުން ކުށްވެރިވެގެން ގެންދިއުމުން ފުލުހުންނާއިވެސް މިފަދަ މައުލޫމާތު ޙިއްޞާކޮށްފައިވާނެ ކަމަށެވެ. މިއީ މިއަދު ރާއްޖޭގައި މިކަން އޮތް މިންވަރެވެ.
މީގެމާނައަކީ ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 80% ލިވާޠުކުރުމެއް ނޫނެވެ. ހަށިވިއްކާ އަންހެނުންގެ ގާތަށްދާ ފިރިހެނުންގެ 80% ލިވާޠުކުރަން ބޭނުންވުމެވެ. އެހެންކަމަށްވީނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނައި އެކަން ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހިފައިވާ ކަމެއްކަމަށް ފާހަގަކުރެވެއެވެ.