ހެޔޮލަފާ އަންތބަކު ބޭނުންނަމަ ތަނަވަސްކަން ހުރިނަމަވެސް އެކަން ސިއްރުކޮށް ފަޤީރު ޙާލުގަ ތިބާދެކެ ލޯބިވާ އަންތބަކުހޯދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ހެޔޮލަފާ އަންތބަކު ބޭނުންނަމަ ތަނަވަސްކަން ހުރިނަމަވެސް އެކަން ސިއްރުކޮށް ފަޤީރު ޙާލުގަ ތިބާދެކެ ލޯބިވާ އަންތބަކުހޯދާށެވެ!

ރަނގަޅަށް ވިސްނައިލާށެވެ! ތަނަވަސްކަން ހުރިނަމަ ކައިވެނިކުރަން އެއްބަސްނުވާނެ އަންހެނަކު މަދުވާނެއެވެ. ނަމަވެސް ފަޤީރުޙާލުގައި ހުރިނަމަ ކައިވެނިކުރަން ފަސްޖެހޭނެ އަންހެނުން ގިނަވާނެއެވެ. ކައިވެނިކުރަން ބޭނުންވާ އަންހެނުން މަދުވާނެއެވެ.  

ތަނަވަސްކަން ހުންނަ ގިނަ ބައަކު ފުރު ރަށްރަށަށް ދަތުރުކޮށް ފަޤީރަކަށް ހެދިގެން އުޅެމުން ލޯބިވާ މީހަކު ހޯދައިގެން ކައިވެނިކުރަނީ އެސަބަބަށްޓަކައެވެ.  

ތިރީގައިވާ ވާހަކައަކީ މިބުނި ފިލާވަޅުގެ އިތުރުން ތަނަވަސް ފިރިމީހާގެ ޙާލަތު ބަދަލުވެ ފަޤީރުވުމުން ފިރިމީހާއާއި ވަކިވެގެންދާ އަންހެނުންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ  

އެއީ ވަރަށް ގާތް 3 އެކުވެރިންނެވެ. 3 މީހުންނަކީ މިލިއަނަރުން ފެންވަރުގެ ތަނަވަސް މީހުންނެވެ. ކައިވެނިކޮށްގެން ހުރީ އެކެކެވެ. އަނެއް ދެމީހުން އެއިރު ކައިވެންޏެއް ނުކުރެއެވެ.  

3 އެކުވެރިންގެ މެދުގައި ކުރެވުނު މަޝްވަރާއެއްގައި ކައިވެނިނުކޮށްތިބި 2 މީހުން ބުނީ ފައިސާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ނޫނީ "ހޮޓް" އަންހެންކުދިން ކައިވެނިނުކުރާނެ ކަމަށެވެ. ވީމާ އަމިއްލަ މަސްގަނޑުދެކެ ލޯބިވާނެ އަންހެނަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.  

ކައިވެނިކޮށްގެން ހުރި އެކުވެރިޔާ އެކަމަށް އެއްބަހެއް ނުވިއެވެ. އޭނާ ބުނީ އޭނާގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެއް ކަމަށާއި ކައިވެނިކޮށްގެން އުޅެނީ އޭނާދެކެ ލޯބިން ކަމަށެވެ. އަދި މަޝްވަރާ ހޫނުވެ 2 އެކުވެރިން ބުނީ ސްޓޯރީއެއް ޖައްސާލައިގެން އަނބިމީހާ ޓެސްޓްކޮށްލުމަށެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތި ބޭންކްރަޕްޓްވެއްޖެކަން އަނބިމީހާއަށް އަންގާލުމަށެވެ.  

އޭނާގެ އަނބިމީހާއަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ އަންހެނަކަށް ނުވެއްޖެނަމަ 2 އެކުވެރިން ކޮންމެ އެކުވެރިއަކު އޭނާއަށް 10،000 ޑޮލަރުދޭނެ ކަމަށެވެ. އޭނާ ބުނީ އަނބިމީހާއަކީ އޭނާދެކެ ލޯބިން އުޅޭ އަންހެނަކަށް ނުވެއްޖެނަމަ 2 އެކުވެރިންކުރެ ކޮންމެ އެކުވެރިއަކަށް 20،000 ޑޮލަރުދޭނެ ކަމަށެވެ.  

ކޮންމެއަކަސް އެރޭ ގެއަށް ގޮސް އަނބިމީހާ ގާތުގައި ބުނީ އޭނާގެ ވިޔަފާރީގައި ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެކަމަށާއި ކުންފުނި ބަނގުރޫޓުވެ އޭނާ ފަޤީރުވެއްޖެ ކަމަށެވެ. އެހެންވެ ކުންފުނި ހިންގުމާއި ބޭންކުން މިހާރު ޙަވާލުވެފައިވާ ކަމަށެވެ. އެހެންވެ ދެން މަސައްކަތުވެސް ނުދާނެ ކަމަށެވެ. އަނބިމީހާ ބުނީ އަދި ތަނަވަސްވާނެ ކަމަށާއި އޭނާ ލޯބިވަނީ ފިރިމީހާ ދެކެ ކަމަށެވެ. އެހެންވެ ކޮންމެ ޙާލެއްގައިވެސް ފިރިމީހާ އާއިއެކުގައި އުޅޭނެ ކަމަށެވެ.  

މަހެއްހައި ދުވަސްވެސް ނުވަނީސް އަނބިމީހާ އެކަނި ބޭރަށްދާންފަށައިފިއެވެ. ރޭގަނޑު ލަސްވަންދެން ބޭރުގައި އުޅެން ފަށައިފިއެވެ. އެންމެފަހުން އޭނާގެ ޚަރަދުތައް ނުކުރެވޭ ފިރިއަކާއިއެކު ދިރިއުޅެން ބޭނުންނުވާކަމަށްބުނެ ވަރިވެގެން ގެއިން ނުކުމެގެންދާން ހިފާލައިފިއެވެ. ފިރިމީހާކުރި އެއްވެސް އާދޭހެއްވެސް ޤަބޫލެއް ނުކުރިއެވެ.  

ދެން އެހެން ގޮތެއް ނެތުމުން އަނބިމިހާ ވަރިކޮށްދިނެވެ. ވަރިކޮށްދީފައި އޭނާ މިކުރީ އިމްތިޙާނެއް ކަމަށާއި އިމްތިޙާނުން ފޭލްވީކަމަށް ބުނެ ހުރިހާ ވާހަކަތައް ކިޔައިދިނުމުން އަނބިމީހާ ރޯންފަށައިފިއެވެ. ކުއްލިއަކަށް ފިރިމީހާ ދެކެ ލޯބިވާކަމަށްބުނެ އޭނާ ފޮނުވާނުލުމަށް އެދި އަދޭސްކުރަން ފަށައިފިއެވެ. ނަމަވެސް ފިރިމީހާ އަނބިމީހާއަށް އިތުރުފުރުޞަތެއް ނުދިނެވެ. އަނބިމިހާ އެދުނުފަދައިން ވަރިކޮށްފައި ފޮނުވައިލީއެވެ. ރޮއި ކަރުނަ އަޅަމުން ދަނިކޮށެވެ. 

ދެއެކުވެރިން ބުނިގޮތަށް ކަންކަންވެގެން ދިއައީއެވެ. ވައުދުފުއްދަން 3 އެކުވެރިން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވީ ފަޤީރުންނަށް ހެދިގެން ރަށްފުށަށް ގޮސް ފަޤީރު ބައިވެރިލިބޭތޯ މަސައްކަތްކުރުމަށެވެ. "ހޮޓް" ކުދިން ހޯދަން އުޅުން ހުއްޓާލުމަށެވެ.  

މިއީ އަޅުގަނޑު ބެލި މޫވީ ކްލިޕެއްގައި ކަންކަންވީ ގޮތެވެ. އެބުނާ "ހޮޓް" ކަމަކީ ކޮބާކަން އަޅުގަނޑަކަށް ނުއެނގެއެވެ. އެނގޭ ކަމަކީ ތެދުވެރި އަޚްލާޤް ރަނގަޅު އަންހެންކުދިން ކޮންމެ މުޖުތަމައުއެއްގައިވެސް ތިބޭނެ ކަމެވެ. "ހޮޓް" އެމާނަކުރަނީ މިޒަމާނުގެ ޒަމާނީ ތަހްޒީބުކުދިންނަނަށް ކަމަށްވެއްޖެނަމަ އެބުނަނީ ހަމަ ތެދަކަށްވެސް ވެދާނެއެވެ.  

މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން ނަމަވެސް ރާއްޖޭގައިވެސް މިފަދަ ކަންކަން ހިނގަނީ މަދަކުން ނޫނެވެ! ވީމާ މިއީ ހަމަ ވަރަށް ޢިބްރަތްތެރި ވާހަކައެއްކަމަށް އަޅުގަނޑު ދެކެމެވެ.

 

- ޢަލީ ޝަރީފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން