ރީތި އަނބިންނާ ތަނަވަސްކަންފަދަ ނިޢްމަތްތައް ލިބުނަސް ހިތް ނުފުރޭ މީހުންގެ ބަނޑު ފުރޭނީ ހަމައެކަނި ކައްވަޅުގެވެލިން! ނެވާލެވޭހާ ހިނދަކު އެމީހުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ރީތި އަނބިންނާ ތަނަވަސްކަންފަދަ ނިޢްމަތްތައް ލިބުނަސް ހިތް ނުފުރޭ މީހުންގެ ބަނޑު ފުރޭނީ ހަމައެކަނި ކައްވަޅުގެވެލިން! ނެވާލެވޭހާ ހިނދަކު އެމީހުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ!

ބައެއް މީހުން 2،3 އަނބިން ތިބޭއިރުވެސް އެހެން މީހުންގެ އަނބިންގެ ފަހަތުން ދުވުމެއް ނުހުއްޓާ! ކަޅިއެޅުމެއްވެސް ނުހުއްޓާ! އެއީ ޖެހޭ ބައްޔެއްތޯ؟ އިންސާނުންގެ ހިތްފުރޭނީ މަރުވެ ވަޅުލެވުނީމާ އަނގައަށް ވެލިއެޅިގެންކަމަށް ބުނަނީ ކީއްވެގެންތޯ؟

ކިޔުންތެރިޔާ ތިއަ ކުރައްވާ ސުވާލުގެ ޖަވާބުލިބިގެންދާ ޙަދީޘްފުޅު މިލިޔުމުގައި އެވަނީއެވެ. ޙަދީޘްފުޅުގެ މާނަ ޢިބާރާތްކުރުމުގައި ތަފާތު ޢިބާރާތްތައް ބޭނުންކުރެވުނަސް އެނެރެނީ ހަމައެއް މާނައެކެވެ. އިންސާނޫންނަށް ކިތަންމެ ގިނައިން ލިބުނަސް ހިތް ނުފުރޭނެ ވާހަކައެވެ. 

ދެން ތިއަ ސުވާލުކުރައްވާ ބަލީގެ ވާހަކައިގައި ދަންނަވާލަން އޮތީ ޝައިޠޯނާގެ މަޅީގައި ޖެހި ބެނދެވިއްޖެނަމަ އެއީ އެންމެ ނުރައްކާތެރިކަންތަކެވެ. މީހަކަށް ޖެހޭނެ އެންމެ ނުބައި ބައްޔަކީވެސް އެއީއެވެ. ތިރީގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ 

މިއަދުގެ ގިނަ މީހުންނަކީ ކިތަންމެ ގިނަ ނިޢްމަތްތަކެއް ދެއްވެވި ނަމަވެސް ހިތްފުރޭ ބައެއް ނޫނެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ދެއްވެވި ނަމަވެސް އިތުރަށް ބޭނުންވާ ބައެކެވެ. މިފަދައިން މިކަން މެދުވެރިވަނީ ހިތުގައި އީމާންކަމެއް ނެތުމުންނެވެ. ނުވަތަ އީމާންކަން ވަރަށް ބޮޑަށް ކުޑަވުމުންނެވެ. 

ކުޑަކުޑަ މިސާލަކަށް ބުނާނަމަ ބޮޑެތި ސުޕަރމާކެޓްތައް ހިންގާ މިލިއަނަރުން އެސަރަހައްދުގައި ކުދި ފިހާރަތައް ހިންގާތީ ހަސަދަވެރިވެއެވެ. އެ ސަރަހައްދުގައި މީހަކު މަގުމަތީގައި ސައިވިއްކަތީ ސްޕަމާކެޓުގައި ސައި ވިއްކަންވެސް ބޭނުންވެއެވެ. 

2،3 އަނބިން ގެންގުޅޭ މީހާ، އެހެން މީހަކު ކައިވެނިކޮށްފާނެތީ ހަސަދަވެރިވެއެވެ. ކައިވެނިކުރުމުން ދޭތެރެއަށް ވަދެގަންނަން މަސައްކަތް ކުރެއެވެ. މިފަދަ ކިތަންމެ މިސާލެއް ދެއްކިދާނެއެވެ. މިފަދަ ކޮންމެ ކަމަކުން ވެސް އެނގެނީ ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް އެމީހުންގެ ހިތް ނުފުރޭކަމެވެ. 

ދުނިޔެއަށް މިހައި ދަހިވެތިކަން ބޮޑު މީހުން އެހެން މީހުން ދަމުނަމާދުކުރާތީ އެކަން ކުރަން ބޭނުމެއް ނުވެއެވެ. އެންމެ ކުޑަމިނުން އެހެން މީހުން ރަވާތިބު ސުންނަތް ކުރާތީ އެކަން ކުރަންވެސް ބޭނުމެއް ނުވެއެވެ. ޚާއްޞަކޮށް އެހެން މީހުން ޞަދަޤާތްކުރާތީ އެކަން ކުރަން އެއްގޮތަކަށް ވެސް ހިތެއް ނުރުހޭނެއެވެ.

މިފަދަ މީހުން މި ޙަދީޘްފުޅަށް ވިސްނައިލުން ރަނގަޅުވާނެއެވެ. މި ހަދީޘްފުޅުގައި އެކުލެވިގެންވާ މާނައީ: 

"މީހަކަށް ކަދުރު ރުކުގެ ވާދީއެއް ދެއްވަވައިފި ނަމަ ދެވަނަ ވާދީއަކަށް އެދޭނެއެވެ. ދެން އަނެއް ވާދީއެވެ. ދެން އަނެއް ވާދީއެވެ. ގިނައިން ލިބޭ ވަރަކަށް އިތުރަށް އެދެމުންދާނެއެވެ. އޭނާގެ ބަނޑު ފުރޭނީ ހަމައެކަނިކައްވަޅުގެވެލިންނެވެ." 

Prophet Muhammed ﷺ said,

“If the son of Adam had a valley of date palms, he would wish for another like it, then another and another, until he wished to have many valleys. Nothing will fill his belly but the dust of the grave.”

 Musnad Aḥmad 14255

 

 

މިއަދު އޮންލައިން