ރަނގަޅަށް ހިސާބުބަލާށެވެ! ފަޤީރު ޙާލުގައި އުޅެންޖެހިގެން ހިތާމަކުރާމީހުންނަށްވުރެ ދުނިޔޭގައި މިހާރުވެސް ގިނަވާނީ ކައިވެންޏަށްފަހު ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ހިތްދަތިކަމުގައި އުޅޭމީހުންނެވެ. އެހެންކަމުން ފުރަތަމަވެސް ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ.
ތަނަވަސް އަންހެނަކާ ސޯޝަލް މީޑިއާއިން ބައްދަލުވާ ޒުވާނެކެވެ. ފޮލޯވަރސް އެތައް ހާހެކެވެ. ރީތިވެސް ޒުވާނެކެވެ. ދެމީހުން ގުޅުން އުފެއްދީއެވެ. ފިރިހެން މީހާ ބުނީ "ރަނގަޅު" ވަޒީފާއެއްގައި އުޅޭ ކަމަށާއި ރަނގަޅު ޢާމްދަނީއެއްވެސް ލިބޭ ކަމަށެވެ.
ދުވަސްކޮޅަކުން ފައިސާގެ އެހީތެރިކަމަށް އެދެން ފަށައިފިއެވެ. އެއިގެ ދުވަސްކޮޅެއްފަހުން ފެނުނީ ޕިއްޒާ ޑެލިވަރީކުރަން އުޅެނިކޮށެވެ. ތިމާއަކީ ވަރަށް ހިތްހެޔޮ ޚުލްޤް ރަނގަޅު މީހަކުކަމަށްބުނި މީހާ އެއިރުވެސް އެކަނި ޙާލަށް ނުހިނގޭ މުސްކުޅި އަންހެނަކަށް މަގުހުރަސްކުރެވުން ލަސްވެގެން އެއްޗެތިގޮވަނީއެވެ.
އަންހެން މީހާ މަންޒަރު ވީޑިއޯކޮށްލިއެވެ. ވީޑިއޯ އޭނާއަށް ފޮނުވައިވެސްލިއެވެ. "މިހާ އަޚްލާޤް ރަނގަޅު ހިތްހެޔޮ މީހުން ދެކެ ވަރަށް ބިރުގަނެއެވެ. ޢުމުރަށް ސަލާމް!"
އޭނާގެ ފޮލޯވަރސް އެހައިގިނަވީ ބުނާ އޯގާތެރި ބަސްތަކުންނާ ދައްކާ މުޅިވާހަކަތަކުންނެވެ. ނަމަވެސް ބައްދަލުވިއިރު ޢަމަލުހުރި ގޮތް މިކިޔައިދިނީއެވެ. މިކަންކަން އެންމެންނަށް އެނގޭއިރުވެސް އިންޓަރނެޓުން ބައްދަލުވާ މީހުންނާއި ގުޅުން ބަދަހިކޮށް ޒަވާޖީ ހަޔާތް ރޫޅައިލާ މީހުން ވެސް އެބަ އުޅެއެވެ. ފެންނަ ފޮޓޯތަކަށާއި އިވޭ އަޑުތަކަށް މަސްތުވެގެންނެވެ.
ތިބާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ އާއި އިންޓަރނެޓުން ފެންނަ ފޮޓޯތަކާއި އިވޭ އަޑުތަކާއި ފެންނަ ވީޑިއޯތަކާ އަޅުވައި ނުކިޔާށެވެ! މަންޒަރު ކިތަންމެ ރީތި ނަމަވެސް ކުރަން ޖެހޭ ތަޖުރިބާ މާ ހިތިވެދާނެއެވެ!
މިއީ ވަރަށް ފުންކޮށް މިހާރު ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. އިންސާނުންގެ ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެއެވެ! މިއަދު ތިބާ ތިބާގެ ހަޔާތުގެ ބައިވެރިޔާ އާއި ތިއަ ވަކިވީ އިންޓަނެޓުން ބައްދަލުވި މީހެއްގެ ސަބަބުން ކަމަށްވާނަމަ މާދަމާ އޭނާ އާއި ގުޅޭފަހުން އޭނާއަށްވުރެ މާ ސިފަ ރީތި އެހެން މީހަކު ނުފެންނާނީ ހެއްޔެވެ؟ ހަމަ ފެންނައިރަށް އަނެއްކާވެސް ބަދަލުކޮށްލާނީ ހެއްޔެވެ؟
އެހެނެއް ނޫނެވެ. ތިބާއަކީ ޒަވާޖީ ޙަޔާތެއް ނުފަށައި ހުރި މީހަކު ނަމަ ބައްދަލުވާ މީހެއްގެ ޙަޤީޤަތް ރަނގަޅަށް އޮޅުން ފިލުވުމަށްފަހު ގުޅުން ބަދަހިކޮށް ކައިވެނިކުރަން ފެނިއްޖެ ނަމަ ކައިވެނި ކުރުމަކީ މުޅިން ތަފާތު ކަމެކެވެ. ނަމަވެސް ހަމަޖެހޭ، ޙަޤީޤީ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހަކު، ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ބައިވެރިން ހޯދަން ސަރފް ކުރުމަކީ ހަމަ އެއްގޮތަކަށްވެސް ކޮށްގެްނވާނެ ކަމެއް ނޫނެވެ.
ކައިވެނިކުރާ ހިސާބުން ދެ މީހުންގެ ވެސް އަޒުމަކަށްވާންވާނީ މަރުވުމާއި ހަމައަށް އެކުގައި އުފަލުގައި ދިރިއުޅުމެވެ. އަދި ދިރިއުޅެންވާނީ މަރުވުމުން އެކުގައި ސުވަރުގެ ވަނުމަށް އަޒުމްކަނޑައަޅައިގެންނެވެ. ވީމާ ކައިވެނިކުރާ ހިސާބުން ސަރފްކޮށްގެން ނަމަވެސް އެނޫން ގޮތަކުން ނަމަވެސް އިތުރު ބައިވެރިއަކު ހޯދުމުގެ ވިސްނުން މުޅިން ދޫކޮށްލާށެވެ!
އަހަރެން ދެކޭ ގޮތުގައި ދެމަފިރިން އެކުގައި އުމުރަށް ދިރިއުޅުމުގެ މަޤްޞަދު ނެތި ކައިވެނިކުރުމަކީ ކުރާ ކުށެކެވެ. ސަބަބަކީ ކޮންމެ މީހަކު ބޭނުންވެގެން ނަމަވެސް ކައިވެނި ރޫޅާލައިފި ނަމަ އެއީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ވީމާ އަނެކާއަށް އަނިޔާއެއް ދިނުމަކީ ހަމަ އެކަކުވެސް ކުރުން ހުއްދަ ކަމެއް ނޫނެވެ. އެކަން ވާނީ ކުރާ ފާފައަކަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނި ކުރަންވާނީ ﷲ ތަޢާލާގެ ރަހްމަތާއި ބަރަކާތަށް އެދިގެންނެވެ. ކައިވެނީގެ ބޭނުމަކަށް ހަދަން ވާނީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމެވެ. އެ މަޤޢްޞަދު ޙާޞިލުކުރަން މަސައްކަތްކުރާނަމަ ދެމަފިރިންނަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އިތުރުވަމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެކަކު އަނެކަކަށް އިޚްލާޞްތެރިވެ ހެޔޮ ގޮތުގައި ދިރިއުޅުމަކީވެސް ހަމަ ސަވާބު ދެއްވަވާ އަޅުކަމެކެވެ. އަނބިދަރިންނަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. ވީމާ ސަވާބު އިތުރުވުމަށް އެދޭ މީހާއަށް މިހިރީ ކިހައި ބޮޑެތި ނިޢުމަތްތައް ހެއްޔެވެ؟
ހިތާމައަކީ މި ބުނި ކަންކަމަށް ވިސްނުން ކުޑަކަމެވެ. ކައިވެންޏަކީވެސް ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ދެކޭ ކަމެވެ. އެވިސްނުން ދޫކޮށް ކައިވެނީގެ ހަޤީޤީ މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން