ވުޟޫކޮށްލުމަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙާޞިލުކުރެވެން އޮތް ކަމެކެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވުޟޫކޮށްލުމަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙާޞިލުކުރެވެން އޮތް ކަމެކެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ފާޚާނާ ކުރުމަކީ މިދުނިޔޭގައި ކުރަން ޖެހޭ ކަމެކެވެ. ސުވަރުގޭގައި ފާޚާނާ ކުރުމެއް ނެތެވެ! ސުވަރުގޭގައި ހަމަ މި އިންސާނާގެ ހަށިގަނޑުން ހިއްލައިލާނީ ދައުފޮދެކެވެ. އެ ދައުފޮދުގެ ވަސް ގޮމަކަސްތޫރިއަށްވުރެ މީރުވެގެންވެއެވެ. މިހިރަ ކަންކަމަކީ ވިސްނައި ފިކުރުކޮށްލުމުން މީހުންގެ ސިކުނޑިތައް ގޮވާ ވަރުގެ ކަންކަމެވެ.

ކޮންމެއަކަސް ފާޚާނާއިން ނުކުންނަމުން "ޣުފްރާނަކަ" ކިޔައި އަހަރެމެންގެ ފާފަތައް ފުއްސަވައި ދެއްވެވުން ދުޢާ ކުރަމުއެވެ. މިފަދައިން ދުޢާކުރަންޖެހޭ ބައެއް ސަބަބުތަކުގެ ތެރޭގައި މީހާގެ ހަށިގަނޑުން ނަޖިސްތަކެއް ބޭރުވެގެން ދިއުން ހިމެނެއެވެ.

މި ނަޖިސްތަކުގެ ސިފަ ހުތުރެވެ. ވަސް ނުބައެވެ. ޖަރާސީމުތަކުން ވަނީ ފުރިފައެވެ. މިއެއްޗެތިތައް ހަށިގަނޑުން ބޭރުވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު ނިޢްމަތެކެވެ. ނޫންނަމަ އިންށާނާއަށް ކިތަންމެ ނުރައްކައުތެރި ބައްޔެއްވެސް ޖެހިދާނެއެވެ. ގޮހޮރުގައި ނަޖިސްތައް ގިނަވުމުން ހަށިގަނޑުގެ ތެރޭގައި މަރުވެސް ވެދާނެއެވެ.

މިއީ ހަމަ އަހަރެމެންނަށް ކުރެވޭ ފާފަތަކުގެ ވެސް މިސާލެވެ. ކޮންމެ ފާފައަކީ ވެސް އެ ފާފައެއްގެ ސަބަބުން އިންސާނާއަށް ހިތްދަތިކަން ލިބުންވާ އެއްޗެކެވެ. ފާފައެއްގައި އެއްވެސް ރަނގަޅު ކަމެއް ނުވެއެވެ. މުޅިންވެސް ވަނީ އިންސާނުންނަށް ގެއްލުމާއި ހަލާކެވެ. ފާފަތަކުން ފުރިފައިވަނިކޮށް ނުވަތަ ތައުބާ ނުވެވި ހުއްޓައި މީހާ މަރުވެއްޖެ ނަމަ އެމީހަކަށް ސަލާމަތްކަމެއް ނެތެވެ! އެކަމުގައި މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ!

މީސްތަކުންނޭވެ! ފާޚާނާ ކުރެވިއްޖެ ނަމަ ވުޟޫކުރާށެވެ! އެއީ މަތިވެރިކަން ބޮޑު އަޅުކަމެކެވެ. ބިލާލްގެފާނަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގަތީ ފާޚާނާކުރައްވާ ކޮންމެ ފަހަރަކު ވުޟޫ ކުރައްވަވައި 2 ރަކްޢަތް ނަމާދެއް ކުރައްވަވަމުން ގެންދެވުމުންނެވެ.

ވުޟޫކުރުމަކީ ހަމައެކަނި ނަމާދުކުރަން ކުރަން އޮތް ކަމަކަށްވުރެ މާމަތިވެރި ކަމެކެވެ. ވުޟޫކުރުމުގެ ދަރަޖަ މާމަތިވެރިއެވެ. އެކަމުން ލިބެން އޮތް ފައިދާ މާބޮޑެވެ! ވުޟޫ ކުރުމުން ވަރަށް ގިނަ ފާފަތަކެއް ފުހެވިގެންދާތީއެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން