ލޮބުވެތި މައިންބަފައިންނޭވެ! ވިސްނާށެވެ!
"އަހަރެމެންގެ ދަރިން ފަތިސް ނަމާދަކަށް ހޭނުލައްވާނަމެވެ. އެކުދިން ހެދިބޮޑުވަން އަރާމު ނިދި \ބޭނުންވާނެއެވެ. އަދި ހިޖާބް އަޅާކަށްވެސް ނުބުނާނަމެވެ."
މިފަދައިން ބުނާ އިސްލާމުން އެމީހުންގެ ދަރިން ސްކޫލަށް ގެންދަން ހޭލައްވައެވެ. ހޯމްވޯކް ހައްދުވަން ހޭލައްވައެވެ. ކަސްރަތާއި ކުޅިވަރަށް ގެންދަން ހޭލައްވުވައެވެ. އެއިންކަމަކަށް ހޭލެއްވުމަކުން ޞިއްޙަތަށް ލިބޭ ގެއްލުމެއް އޮންނަކަމަކަށް ނުވެއެވެ. ގެއްލުން މިލިބެނީ ހަމައެކަނި ﷲ ތަޢާލާގެ އަމުރުފުޅަށް ނަމާދަށް ހޭލެއްވެވުމުން ކަމަށް ޤަބޫލުކުރާމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
މިފަދަ ވާހަކަތައް ބުނުމުގެ އިތުރުން ނަމާދުކުރުމާއި އަންހެން ދަރިން ޙިޖާބް އެޅުމަކީ އެކުދިން ބޮޑުވެގެން އަމިއްލައަށް ކުރާނެ ކަންކަން ކަމަށް ބުނާ ބައަކުވެސް އުޅެއެވެ!
ރަނގަޅަށް ވިސްނާށެވެ! ފުރަތަމަ ނުކުރާނެ ކަމަށް އެބުނަނީ ދަރިން ލައްވައި ކުރުވަން ﷲ ތަޢާލާ އެންގެވި ކަންކަމެވެ. އަދި ދަރިން ބާލިޣްވުމުން އެކުދިންގެ މައްޗަށް ކުރަން ވާޖިބުވާ ކަންކަމެވެ. ނުކުރުމުން ފާފަ ލިބި ދަރަނިވެސް ކަންކަމެވެ.
ދެވަނައަށް ބަލައިފިނަމަ ކޮންމެ ގޮތަކުން ވެސް ދަރިން ލައްވައި ތިއަކުރުވަނީ އެކަންކަން ކުރުވުމުން ދަރިންނަށް ދުނިޔަވީ ފައިދާތަކެއް ލިބިދާނެ ކަމުގެ އުންމީދު އޮތް ކަންތައްތަކެވެ. ވީމާ ދަރިން ދެކެ ލޯބިވާނަމަ ދަރިންނަށް ހޯދައިދޭނީ ހަމައެކަނި ދުނިޔެ ހެއްޔެވެ؟ ދުނިޔެއާއި އާޚިރަތް ހެއްޔެވެ؟ އިސްކަން ދޭނީ އާޚިރަތް ހޯދައި ދިނުމަށް ނޫން ހެއްޔެވެ؟
ފަށަމުން ބައެއް "އިސްލާމުން" މި ލަފުޒު ބޭނުން ކުރީ ހަމަ ޤަޞްދުގައެވެ. އެހެނީ އެއްވެސް މުސްލިމަކު މިފަދަ ބަހެއް ނުބުނާނެއެވެ. ދަރިން ލައްވައި ނަމާދުކުރުވުމާއި ދަރިންގެ އަޢުރަ ނިވާ ކުރުވުމަކީ އެމީހުންގެ މަސްއޫލިއްޔަތެއްކަން ޤަބޫލުކުރާނެއެވެ! އަންހެންދަރިން ބޮޑެތިވަމުން އަންނަ ވަރަށް ބަލައި ޢުމުރާއި ގުޅޭގޮތަށް އިސްލާމް ދީނުގައިވާ މަގުން ފޭރާން ލެއްވުމަކީ މައިންބަފައިންނަށް އޮތް ޗޮއިސް އެއް ނޫނެވެ. މާނައަކީ އެއީ އިޚްތިޔާރީކަމެއް ނޫނެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދަރިންނަކީ އިސްލާމް ދީނުގެ ވާޖިބުތައް އަދާކުރާ ބައަކަށް ހަދަން މައްސަކަތްނުކޮށްފިނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ވެސް ޤަބޫލުކުރާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން