އިއްޔެގެ ޢަދަދާ ގުޅޭ
- ނަފްސު::
ނަފްސަކީ އިންސާނާއަށް މާތް ﷲ ދެއްވާފައިވާ އަމާނާތެކެވެ. އެއާމެދު ސުވާލުވެވޭނެ ނިޢުމަތެކެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ނަފްސަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވާފައެވެ. އެގޮތުން އިންސާނާއަށް ވަނީ ޚުދު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން ވެސް ޙަރާމް ކުރެވިގެންނެވެ. ފަހެ ދެން އެހެން އިންސާނަކަށް ގެއްލުމެއް ދިނުމުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ.
ހަމަކަށަވަރުން ދިރިހުރުމުގެ ޙައްޤަކީ މާތް ﷲ ކޮންމެ އަޅަކަށްވެސް ދެއްވާފައިވާ ޙައްޤެކެވެ. އެ ޙައްޤަށް އެއްވެސް އިންސާނަކަށް އަރައި ނުގަނެވޭނެއެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ. އެހެންކަމުން، ނަފްސު ޙިމާޔަތްކުރުމުގެ ގޮތުން، ޙައްޤަކާ ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލައިފިނަމަ، އިސްލާމް ދީނުގައި ވަނީ ޤިޞާޞް ކަނޑައަޅުއްވާފައެވެ. ޤިޞާޞް ހިފުމުގައި ޙަޔާތެއްވާކަމުގައި އެޙުކުމް ޝަރުޢުކުރެއްވި ޙަކީމްވަންތަ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް ޤިޞާޞް ހިފުމާއި ނުހިފައި ޤާތިލަށް ޢަފޫކުރުމުގެ އިޚްތިޔާރު މާތް ﷲ ވަނީ މަޤްތޫލުގެ ވާރިޘުންނަށް ދެއްވާފައެވެ. އެހެންކަމުން، މަޤްތޫލުގެ ވާރިޘުން ޤިސާސް ހިފުމަށް ބޭނުންވާ ހިނދެއްގައި ޤާތިލަށް މާފު ދިނުމަކީ ވެރި މީހާއަށްވެސް އަދި ކިއެއްތަ ޤާޟީއަށްވެސް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ.
އިސްލާމީ ޝަރީޢަތުގައި އިންސާނީ ނަފްސަށް ވަނީ އަމާންކަން ދެވިފައެވެ. ވަޟުޢީ ޤާނޫނުތަކުގެ މަޤްސަދަކީވެސް މިއެވެ. އިންސާނީ ނަފްސަށް އަމާންކަން ދިނުމެވެ. ނަމަވެސް ނަތީޖާއެއް ނުރެވެއެވެ. އިންސާނީ ޙައްޤުތަކުގެ ދަށުން ޤާތިލު މީހާއަށް ބޮޑު އަދަބެއް ދެވޭކަށެއް ނޯވެއެވެ. ވާރިޘުންނަށް ވުރެ ބޮޑަށް ޤާތިލުގެ އިންސާނީ ޙައްޤު ބޮޑުކަމުންނެވެ. ނަތީޖާއަކީ، އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައިމީހުންގެ ކައިރީގައި ނެތިގެން ދިއުމެވެ. މީހެއްގެ ފުރާނަ ދުއްވާލުމަކީ އެބައިމީހުންގެ ކައިރީގައި މާ ބޮޑު ކަމަކަށް ނުވެއެވެ. އެގޮތުން، އިންސާނީ މުޖުތަމަޢުތައް އުޅެމުންދަނީ ޖަންގަލީގެ ނިޒާމެއްގައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަފްސަށް އަމާންކަމެއް ނެތެވެ. ގެއިން ބޭރަށް ނުކުންނަ ބިރުގަނެއެވެ. ކޮށާލާނޭ ކަމުގެ ބިރުވެރިކަމެވެ. ކަޓަރު އަޅާފާނޭ ކަމުގެ ބިރުވެރިކަމެވެ.
ނަމަވެސް އިސްލާމީ ޝަރީޢަތުގައި، ނަފްސަށް މިނިވަންކަން ލިބިދެއެވެ. ނުހައްޤުން މީހެއްގެ ނަފްސަށް ގެއްލުމެއް ދީފިނަމަ، އެކަމުގެ ފުރިހަމަ ބަދަލު ލިބިދެވޭނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ކަރާމަތަކީ ބޮޑު އެއްޗެކެވެ. މަތިވެރި އެއްޗެކެވެ. ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ނަފްސުގެ މަތިވެރިކަމާއި، އޭގެ ޙުރުމަތްތެރިކަން ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތަކީ، ހަމަ ހުރެލާފަ މީހުންގެ މައްޗަށް ޙުކުމްކޮށް ޢުޤޫބާތް ކަނޑައަޅާ ޝަރީޢަތެއް ނޫނެވެ. މިހުރިހާ އިރްޝާދުތަކަށްފަހުވެސް، މީހަކު މިހައްދުތައް ފަހަނައަޅައި ގޮސް އެހެން މީހެއްގެ ނަފްސަށް ގެއްލުމެއް ދީފިނަމަ، އިސްލާމީ ޝަރީޢަތުން އެކަމުގެ ފުރިހަމަ ބަދަލު އަނިޔާ ލިބުނު މީހާއަށް ކަށަވަރުކޮށްދެއެވެ.
އެހެންކަމުން، އިސްލާމީ ޝަރީޢަތަކީ ލޯފަން ޝަރީޢަތެއް ނޫނެވެ. އޭގައި، އަނިޔާވެރިވި މީހާއަށްވުރެ އެއްވެސް ޙައްޤަކާ ނުލައި އަނިޔާ ލިބުނު މީހާގެ މަޞްލަޙަތަށް ބަލާނެއެވެ. އޭނަގެ ޙައްޤު ހޯދައިދޭނެއެވެ. ހައްދުފަހަނައަޅައި ގޮސް މުޖުތަމަޢުގެ ހަމަޖެހުމާއި، އަމަންކަން ނަގާލައި، މުޖުތަމަޢު ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލި އަނިޔާވެރިޔާއަށް އެކަށީގެންވާ އަދަބު ދޭނެއެވެ. އޭގައި، އިންސާނީ ޙައްޤުތަކޭ މިކިޔައި އުޅޭ ހުޅަނގުން ދަޢުވާ ކުރާގޮތަށް، މުޅި މުޖުތަމަޢުގެ ޙައްޤަށް ކަނު ލޮލެއް ދީފައި، އަނިޔާވެރިޔާއަށް ދޮގު ޙައްޤުތަކެއް ދީ އޭނާ ސަލާމަތެއް ނުކުރާނެއެވެ. އަނިޔާވެރިޔާއަކީ އެންމެ މީހެކެވެ. މުޖުތަމަޢަކީ މުޅި އުއްމަތެވެ. ވަޟުޢީ ޤާނޫނުގެ މީޒާނުގައި އަނިޔާވެރިޔާގެ ޙައްޤު، މުޖުތަމަޢުގެ ޙައްޤަށްވުރެ ބޮޑުވުމުގެ ސަބަބުން އިންސާނީ މުޖުތަމަޢުތަށް އުޅެމުންދާ ބިރުވެރި ނާމާންކަން އެހެރީ ފެންނާށެވެ.
އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ އެންމެ އަދުލުވެރި ހުރިހާ ޒަމާނަކަށް އެކަށީގެންވާ ޝަރީޢަތެއްގެ ގޮތުގައެވެ. އެހެނީ، ކޮންމެ ޒަމާނެއްގައިވެސް އިންސާނުން ވާނީ އިންސާނުންނަށެވެ. އިންސާނީ ނަފްސުގެ ކަރާމާތަކީ އާދަމު ޢަލަހިއްސަލާމުން ފެށިގެން އެންމެ ފަހުން އަންނާނެ މީހާއަށްވެސް ކަށަވަރުކޮށްދީފައިވާ ކަރާމާތެކެވެ. އިސްލާމީ ޝަރީޢަތް ނަތީޖާ ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ރައްބުލް ކާއިނާތަށް ޒަމާނެއް ވަންހަނާވެފައި ވޭތޯއެވެ؟ ރައްބުލް ކާއިނާތަށް އިންސާނީ މުޖުތަމަޢު ކުރިއަރައި ދާނެ ގޮތް ސިއްރުވެފައިވޭތޯއެވެ؟ ރައްބުލް ކާއިނާތަށް އެއްވެސް ކަމެއް ވަންހަނާވެގެނެއް ނުވެއެވެ. އެހެންކަމުން، އިސްލާމީ ޝަރީޢަތް ބާއްވައިލެއްވީ ޘާބިތު އެއްޗެއްގެ ގޮތުގައެވެ.
- ނަސްލު:
އިންސާނީ ނަސްލު އޮޅުން ބޮޅުން ވިޔަ ނުދީ ހިމާޔަތްކުރުމަށްވެސް ވަނީ އިސްލާމީ ޝަރީޢަތުން ޙުކުމްތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން، ޒިނޭ ވަނީ ޙަރާމް ކުރައްވާފައެވެ. އަދި އެކަމުގެ ނުބައިކަން ވަނީ ބަޔާންކޮށްދެއްވާފައެވެ. ހުއްދަ ގޮތުގައި ޖިންސީ އުފާ ލިބިގަތުމުގެ ދޮރު ވަނީ ހުޅުއްވާ ދެއްވާފައެވެ. އެއީ ޝަރުޢީ ކައިވެނީގެ ޒަރީޔާއިންނެވެ.
ނަސްލުގެ ހިމާޔަތުގައި ހަމައެކަނި ޒިނޭ ޙަރާމް ކުރެވުނީ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ، ޒިނޭ އަށް ވާސިލުކޮށްލާ ހުރިހާ މަގެއްވެސް ބަންދުކޮށްލެވުނެވެ. އެގޮތުން، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެން ގައިގޯޅިވުން މަނާ ކުރެވުނެވެ. ޙަރާމް ތަންތަނާއި ކަންކަމަށް ބެލުން މަނާ ކުރެވުނެވެ. ހިލޭ އަންހެނަކާއެކު އެކަނިވުން މަނާ ކުރެވުނެއެވެ. އަންހެނުން ހިޖާބު ވުމަށް އަމުރު ކުރެވުނެއެވެ. ދެބައިމީހުންނަށްވެސް ލޯ ތިރިކުރުމަށް އަމުރު ކުރެވުނެވެ.
މިހުރިހާ ކަންތަކެއް މަނާ ކުރެވި، އެކަމުގެ އަޒާބު ބަޔާންކުރެވި، ހުއްދަ ދޮރުތައް ދައްކާދެވިފައި ހުއްޓާ، މީހަކަށް ޒިނޭގެ ފާފައަށް އަރައިގަނެފިނަމަ، ޝަރުޢީ ކައިވެންޏެއް ނުކޮށް ހުރި މީހެއްނަމަ، ހައްދު ޖެހުން ކަނޑައެޅުއްވިއެވެ. ޝަރުޢީ ކައިވެންޏެކޮށް އެކަމުގެ ލައްޒަތު ޙަލާލު ގޮތުގައި ލިބިފައި ހުރި މީހެއްނަމަ، ރަޖަމްކުރުން ކަނޑައެޅުއްވިއެވެ.
މި ދެއްކީ ޒިނޭގެ ޙުކުމުގެ ވާހަކައެވެ. ނަމަވެސް، ޒިނޭ ސާބިތު ކުރުމަކީ ބޮޑު ކަމެކެވެ. އެހެނީ، ޒިނޭ ސާބިތު ކުރެވޭނީ އެކަމަށް ޒިނޭ ކުރި މީހާ ހަމަ ބުއްދީގައި ހުރެ އިޢުތިރާފުވުމުންނެވެ. ނުވަތަ، ހަތަރު ހެކިންގެ ހެކި ބަހުންނެވެ. ހަތަރު ހެކިންގެ ހެކިބަހުން އަދި ނުފުދެއެވެ. އެ ހަތަރު މީހުންނަކީ ޢަދުލުވެރި މީހުންކަމުގައި ވާންޖެހެއެވެ. އަދި ޢަދުލުވެރިންކަމުގައި ވުމަކުން ނުފުދެއެވެ. އެ ހަތަރު މީހުންނަށް އެއްފަހަރާ އެމަންޒަރު ފެނުން ޝަރުތުކުރެއެވެ. ޒިނޭ ކުރި ފިރިހެން މީހާއާއި ޒިނޭ ކުރި އަންހެނާ ސީދާ އެޢަމަލު ކުރަނިކޮށް (ފިރިހެނާގެ އައުރަ ގުނަވަން އަންހެނާގެ އައުރަ ގުނަވަނުގެ ތެރޭގައި ވަނިކޮށް) ފެނުން ލާޒިމު ކުރެއެވެ. އެހެން ނުވެ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފިނަމަ، ޤަޒުފުގެ ހައްދު ދައުވާ ކުރި މީހެއްގެ މައްޗަށް ޖެހެނޭއެވެ.
މިއިންވެސް އަޅުގަނޑުމެންނަށް ދޭހަވެގެން ދަނީ، އިސްލާމީ ޝަރީޢަތުގައި އަޅުންނަށް އަދަބު ދިނުމަކީ އެއީ ހަމައެކަނި އިސްލާމީ ޝަރީޢަތުގެ މަޤްޞަދެއް ނޫން ކަމެވެ. އިސްލާމީ ޝަރީޢަތު އަޅުތަކުންނަށް ފާފައެއް ކުރެވުމުން ތައުބާވުމަށް މާބޮޑަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ. ކުރެވޭ ފާފަތައް ހާމަކުރުން ވަނީ މަނާކުރެވިފައެވެ. އަދި ތިމަންނަގެ އަޚާއަށް ކުރެވޭ ފާފަތައްވެސް ވަންހަނާކޮށް، އޭނައަށް ސިއްރިޔާތުގައި ނަޞޭޙަތްތެރިވުމަކީ ތިމަންނަގެ މައްޗަށްވާ ވާޖިބެއްވެސް މެއެވެ.
ނަމަވެސް، މިހުރިހާ މަރުހަލާއެއް ހުރަސްކޮށް، މީހަކު ފާޅުގައި، މުޖުތަމަޢުގައި ފާފަކުރަން ފަށައިފިނަމަ، އޭނައަށް އިސްލާމީ ޝަރީޢަތުގައި ވަނީ އަދަބުތަކެއް ކަނޑައެޅިފައެވެ. އެއީ، ހަމައެކަނި އޭނާއަށް އަދަބު ދިނުމުގެ މަޤްސަދުގައެއް ނޫނެވެ. އެއިން ފަރުދީ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ދެއެވެ. މުޖުތަމަޢުގައި ފާފަކުރުން ގިނަވެ، މުޖުތަމަޢު ފަސާދަވެދާނެތީއެވެ. އަދި އެއީ މުޖުތުމަޢަށް ދެވޭ ތަޛްކީރެއްގެ ގޮތުންނެވެ. މާތް ﷲ ގެ ދީނަށް ރުޖޫޢަވުމަށް ގޮވާލެވޭ ގޮވާލުމެއްގެ ގޮތުގައެވެ.
ދެން މި ބާބުގައި، ބަލާލަން ޖެހޭ އަނެއް ކަމަކީ، ޒިނޭ ސާބިތުވާ އަންހެނުން ގައިގާ ހައްދު ޖެހުމަކީ އެކަނބަލުންގެ ޝަރަފާއި ޤަދަރަށް އުނިކަން ލިބޭ ކަމެއްކަމުގެ ދަޢުވާއެވެ. އެއީ ހަރުކަށި ނުވަތަ ނާތަހުޒީބީ އަދަބެއް ކަމުގައި ކުރެވޭ ދަޢުވާއެވެ.
ދަންނައެވެ. އެއްވެސް މުއުމިނަކު މިކަހަލަ ދަޢުވާއެއް ނުކުރާނެއެވެ. ކޮށްފިނަމަ އަދި ކުރާނަމަ، ތައުބާވެ ދީނަށް އަވަހަށް ރުޖޫޢަވާން ޖެހޭނެއެވެ. ނަމަވެސް، ގިނަ ފަހަރު މިކަހަލަ ދަޢުވާތައް ކުރަނީ ހުޅަނގުންނެވެ. ނުވަތަ ހުޅަނގުން ދަރިވަރުވާ އިސްލާމްދީނަށް ނިސްބަތްވާ ޖާހިލުންނެވެ. ހުޅަނގުން އެހެން ބުނުމަކީ އަޅުގަނޑުމެން ހައިރާން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، އެމީހުންގެ ކައިރީގައި ޒިނޭ ކުރުމަކީ ކުށެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. ވަލި ޖަނަވާރުންގެ ފަދައިން ޖެހުނު މީހަކާ ޖިންސީ އުފާ ލިބިގަންނަންވީއެވެ. އެހެންވީމަ، އެމީހުންގެ ގާތުގައި ހުއްދަކަމަކަށް އެފަދަ އަދަބެއް ދެވޭނަމަ އެއީ ވަރަށް ހަރުކަށި އަދަބަކަށް ވާނެއެވެ. ވަރަށް ނާތަހުޒީ އަދަބަކަށް ވާނެއެވެ. އެކަމަކު، އިސްލާމްދީނުގައި އެހެންތޯއެވެ. އެހެނެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ މަތިވެރި ޝަރީޢަތެކެވެ. ޝާމިލު ޝަރީޢަތެކެވެ. އަލިފުން ޔާއަށް ޙަލާލާއި ޙަރާމް ބަޔާންކުރެވިފައިވެއެވެ. ޒިނޭ އަކީ ބޮޑު ޖަރީމާއެކެވެ. އެ ޖަރީމާއިން ސަލާމަތް ކުރުމަށްޓަކައި އެތަކެއް މަގެއް ބަންދު ކުރެވިފައިވެއެވެ. އެ ޖަރީމާ ސާބިތުކުރަން އުދަނގޫ އެތައް މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ ހުރިހާ ކަމަކަށްފަހު، އިސްލާމީ މުޖުމަތަމަޢުގެ އަޚްލާޤު ހިފެހެއްޓުމުގެ ގޮތުން އެންމެ މަތިވެރި އިލާހު ކަނޑައެޅުއްވި ޙުކުމަކީ މުސްލިމުންނަށް ހަރުކަށި އުސޫލެއް ނޫނެވެ. އެއީ ނާތަހުޒީބީ އުސޫލެއްވެސް ނޫނެއެވެ. އެ ދަޢުވާތައް އެންމެ ރަނގަޅީ ހަމަ ހުޅަނގުގައި ކުރުމެވެ. މަތިވެރި ޝަރީޢަތެއް ނެތް، ލާދީނީ ވަހުޝީ ނިޒާމެއްގެ ދަށުގައެވެ. އެހެންކަމުން، އެފަދަ ހަޑި މުޑުދާރު ނިޒާމެއްގެ ދަށުގައި ތިބި ބަޔަކަށް ރައްބުލް ކާއިނާތުގެ މަތިވެރި ޝަރީޢަތެއްގެ ޙުކުމްތައް ފެންނާނީ އެގޮތަށެވެ.
(އަދި ނުނިމޭ)
- ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމަކުން