ގިނަ ފިރިހެނުން ފޭލްވަމުން މިދަނީ އުފުލަންޖެހޭ ޒިންމާ އަދާކުރަން ފަހަތަށް ޖެހިފަ ލިބެންޖެހޭ މަޤާމަށް ފައިނަގާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގިނަ ފިރިހެނުން ފޭލްވަމުން މިދަނީ އުފުލަންޖެހޭ ޒިންމާ އަދާކުރަން ފަހަތަށް ޖެހިފަ ލިބެންޖެހޭ މަޤާމަށް ފައިނަގާތީ!

ކައިވެނީގެ ޚުޠުބާއިން އެކަނިވެސް ފިރިމީހާގެ ޒިންމާތައް އެނގޭނެއެވެ. އެެހެންވީމާ އެއީއަކީ ކޮންމެހެން އެހެން މީހަކު ނުވަތަ ބައަކު ކިޔައިދޭންޖެހޭ ވާހަކަތަކެއް ނޫނެވެ. ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގޭނެ ކަންކަމެވެ. 

އިސްލާމް ދީނަށް ބަލައިފިނަމަ ފިރިންނާއި އަނބިންގެ މަޤާމާއި ދަރަޖަ ވަރަށް ތަފާތެވެ. އަނބިންނަށް އޮތީ ގޭތެރޭގެ ކަންކަން ހަމަޖެއްސުމާއި ފިރިންނަށް ޚިދުމަތްކުރުމެވެ. ދަރިން ބެލުމުގެ ކަންކަން ހިމެނެނީ ގޭތެރޭގެ ކަންކަމުގެ ތެރޭގައެވެ. 

ޢާއިލާއަށް ޚަރަދުކުރުމާއި ޢާއިލާ ބެލެހެއްޓުމަކީ ފިރިންގެ މަސްއޫލިއްޔަތެކެވެ. ޢާއިލާގެ ޒިންމާދާރުވެރިޔާގެ މަޤާމު ފިރިންނަށް ލިބެނީ އެމަސްއޫލިއްޔަތު އަދާކުރުމުންނެވެ. އެމަސްއޫލިއްޔަތު އަދާނުކުރެވޭނަމަ ޒިންމާދާރުވެރިޔާ ކަމުގެ މަޤާމުން ބޮޑުބައި އެއޮތީ އުނިވެފައެވެ. 

ޤަބީލާއެއް ނުވަތަ ޤައުމެއްގެ ވެރިކަމަށް ބެލިނަމަވެސް ލީޑަރު ލީޑަރަކަށްވަނީ މަސްއޫލިއްޔަތުތަކަކާއިއެކުގައެވެ. މަސްއޫލިއްޔަތު ނުއުފުލާނަމަ މަޤާމުގައި ހުއްޓަސް ރައްޔިތުން އޭނާއަކީ ލީޑަރުކަމަށް ބަލައެއް ނުގަންނާނެއެވެ. އަދާކުރަންޖެހޭ އިހްތިރާމް އަދައެއް ނުކުރާނެއެވެ. 

ޢާއިލާތަކުގައިވެސް ކަންކަން ވަނީ ހަމަމިފަދަ ގޮތަކަށެވެ. ފިރިމީހާއަށް ޒިންމާދާރު ވެރިޔާކަމުގެ މަޤާމު މިލިބެނީ ޒިންމާތަކެއް އަދާކުރުމުންނެވެ. ޒިންމާދާރުކަން ނެތި ޒިންމާދާރު ވެރިޔާކަމަކަށް ނުވެވޭނެއެވެ. ވީމާ ފިރިންނަށް ފުރަތަމަކަމަކަށް އޮތީ އެމީހުންގެ ޒިންމާތައް އުފުލުމެވެ. 

ރަނގަޅަށް ބަލައި ހޯދާށެވެ! ފިރިން އެމީހުންގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އުފުލާނަމަ ޢާއިލާއިން ޢޭނާއަށް ޤަދަރުކުރާނެއެވެ. އޭނާ ދެކެ އެންމެން ލޯބިވެސްވާނެއެވެ. އިޙްތިރާމްވެސް ކުރާނެއެވެ. އަނބިދަރިން އެކަންޏެއް ނޫނެވެ. ޢާއިލާގެ އެންމެންވެސް އެމީހަކު ދެކެ ލޯބިވާނެއެވެ. 

އެކަމަކު ނިކަން ވިސްނައިލަބަލާށެވެ! ގިނަ އޮފީސްތައް މަސައްކަތްކުރާނީ ޢާންމުގޮތެއްގައި ހަވީރުވަންދެންނެވެ. އެކަމަކު ޜޭގަނޑުގެ 3 ނަމާދަށް (މަޣްރިބް، ޢިޝާ، ފަތިސް ނަމާދަށް) ދަރިން މިސްކިތައް ގެންދަނީ ކިތައް ބައްޕައިން ހެއްޔެވެ؟ އެހިސާބުން އެއޮތީ އެންމެ ބޮޑު ޒިންމާގަ ފޭލްވެފައެވެ.  

މިހުރީ އިޞްލާޙްކުރަންޖެހޭ ކަންކަމެވެ. އުފާވެރި ދިރިއުޅުމެއް ލިބި އަދި ޢާޚިރަތް ދުވަހު އުފާވެރިކަން ލިބޭނީ އެމީހަކާއި ޙަވާލުވާ ޒިންމާތައް ރަނގަޅު ގޮތުގައި އުފުލާ މީހެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން