އަހުރެމެންނަށް އޮތީ އަބަދުވެސް ޝުކުރުވެރިވުނަމަތީގައި ދެމިތިބުމެވެ. ނިޢުމަތްތައް އިތުރުކޮށް ދެއްވަވާ ވަރަކަށް ޝުކުރުވެރިވާ އިތުރަށް މަސައްކަތްކުރުމެވެ. ނަމަވެސް އެކަމަށް ވިސްނައިލެވެނީ މަދުމީހަކަށެވެ!
އެކި ގޮތްގޮތުން ބާރުލިބޭ މީހުންގެ އިތުރުން ފައިސާގެ ތަނަވަސްކަން ލިބޭ މީހުންގެ އަމަލުތައް ހުންނަނީވެސް ބިރުވެތިވާންޖެހޭނެ ފަދަ ގޮތަކަށެވެ. ތަނަވަސްކަމެއް ލިބޭ އިރަށް އެންމެ ގާތް މީހުންގެ މަތިންވެސް އޮންނަނީ ހަނދާން ނެތިފައެވެ.
މީސްތަކުންނޭވެ! މިފަދައިން އަމަލުކުރާ ކޮންމެ މީހަކަށްވެސް މީސްތަކުންގެ ތާއީދު ދާނީ ގެއްލެމުންނެވެ. ނަފްރަތުކުރާ މީހުން ދާނީ ގިނަވަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި އެމީހަކަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެހެނީ މީހެއްގެ ކިބައިގައި ހުންނަ ޙަޤީޤީ އިޚްލާޞްތެރިކަމުގެ ސަބަބުން އެމީހަކަށްޓަކައި މީސްތަކުން ހެޔޮދުޢާ ކުރާ ނަމަ އެމީހަކަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ
މީސްތަކުންނަށް އިޚްލާޞްތެރިވެ އޯގާތެރިވުމާއި އަދުލުވެރިވުމަކީ މީސްތަކުންގެ ލޯބި އެންމެ ބޮޑަށް އިތުރުވާ ކަންކަމެވެ. ހިނިތުންވުމާއިއެކު ޞަދަޤާތް ކުރުމުގެ ރިވެތި އާދަ ދޫކޮށްނުލާށެވެ! އިން ޝާ ﷲ އެމީހަކަށް ދާނީ ހަމަ ކަންކަން އިތުރަށް ފަހިވަމުންނެވެ!
މާތް ﷲ މީސްތަކުން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަކު އަނެކަކަށް އެހީތެރިވެދީ އެންމެން ގުޅިގެން އެކުގައި ދުނިޔޭގައި އުޅުމަށެވެ. މާތް ﷲ އެންގެވި ގޮތަށް އަމަލުތައް ކުރުމަށެވެ. ނަމަވެސް ފަހަކަށް އައިސް ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރުތަކެވެ.
ގިނައިން މިފެންނަނީ ކިރިޔާވެސް ބާރެއް މީހަކަށް ލިބިއްޖެ ނަމަ އެ ބާރު ދެއްވެވި މާތް ﷲ ގެ މަތިން ހަނދުމަނެތިކޮށްލާތަނެވެ. އެހެން މީހުންނަށް އަނިޔާވެރިވަމުންދާ ތަނެވެ. ދުވަސްކޮޅަކުން އެމީހާގެ އަމިއްލަ ބޭނުމެއް ނެތް ނަމަ މީސްތަކުންގެ ލޮލަށް ވެސް ނުފެނެއެވެ. މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ގޮތެއް ނޫނެވެ. އެއީ މީސްތަކުން ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ސަބަބެއްވެސްމެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން