ލިބޭވަރު މަދުކަމުން އަނބިމީހާގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވޭ، މަސައްކަތް ބުރަކަމުން ފަރުޟު ނަމާދުތައްވެސް ނުކުރެވޭ މީހުން ގިނަ އަނބިން ހޯދުމާމެދު ވިސްނާލަންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ލިބޭވަރު މަދުކަމުން އަނބިމީހާގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވޭ، މަސައްކަތް ބުރަކަމުން ފަރުޟު ނަމާދުތައްވެސް ނުކުރެވޭ މީހުން ގިނަ އަނބިން ހޯދުމާމެދު ވިސްނާލަންޖެހޭ ބައެއް ކަންކަން-

އަޅުގަނޑުގެ ފިރިމީހާއަށް ފަރުޟް 5 ނަމާދުކުރެވޭކަމަކަށް ނުވެއެވެ. ފަހުޚުޠުބާ ނުފަށަނީސް ހުކުރަށްދެވޭކަމަށް ނުވެއެވެ. ބުނަނީ މަސައްކަތް ބުރަކަމުން ކަމަށެވެ. ހުކުރަށް އެހައިލަހުން ދެވެނީ ނިދިހަަމނުވާތީ ކަމަށެވެ. އަޅުގަނޑަށާއި، ދެމަފިރިންނަށް ލިބިފައި ތިބި 2 ދަރިންނަށާއި ފިރިމީހާގެ މައިންބަފައިންގެ އަސާސީ ބޭނުންތައް ފުއްދައެއް ނުދެވެއެވެ. ބުނަނީ ލިބޭ އާމްދަނީ މަދުކަމުން ކަމަށެވެ. 

އެހެންކަމާއިއެކުވެސް 2 ވަނަ ކައިވެނިކުރަން ކައިވެނިކުރަން އެއްބަސްނުވެގެން އަބަދު ޒުވާބުކޮށް ބިރުދައްކަނީއެވެ. އަނިޔާވެސްކުރެއެވެ! މިހާ ދަތިޙާލުގައި އުޅެނޖެހޭއިރުވެސް އެކަމަށް ރުހެންޖެހޭނެތޯ؟" 

މިއީ ކިޔުންތެރިއެއްގެ ސުވާލެކެވެ. މިފަދަ ސުވާލުތަކަށް ޖަވާބުދޭންޖެހޭލެއް ގިނަކަމުން ބައެއް ކިޔުންތެރިން ހިތްހަމައެއް ނުޖެހެއެވެ. އެންމެފަހުން ޖަވާބުދިން ފަހުން މިހާރުވެސް 30 އަށްވުރެ ގިނަ ސުވާލު މިމޭރުމުން ލިބިފައި އޮތުމުން އަނެއްކާވެސް ޖަވާބުދެވޭތޯ މަސައްކަތްކުރާނަމެވެ. އުންމީދުކުރަނީ ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިގެންދާނެ ކަމަށެވެ. 

ގިނަ އަނބިން ހޯދުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ހުރިހާ ފިރިހެނުންނެއް ނޫނެވެ. ނަމަވެސް ބައެއް ފިރިހެނުން އުޅެނީ ގިނަ އަނބިން ހަމަނުކުރެވިގެންނެވެ. 

އަންހެނުން ޝަކުވާ ކުރަނީ އެމީހުންނާއި ފިރިން އަޅާނުލައިގެންނެވެ. ކުރަންޖެހޭ އަސާސީޚަރަދުތައްވެސް ނުކުރާތީއެވެ. ބައެއް ދަރުސްތަކުގައި މިވާހަކަ ދެއްކުމނުން ބޮޑު ޒުވާބަކަށް ވެގެންވެސް އެބަ ދެއެވެ. މިކަން ޙައްލުނުކުރެވޭނަމަ ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް ގިނަކަމުން މިބާވަތުގެ ވާހަކަތައް ނުދައްކައި ތިބެވޭކަށްވެސް ނެތެވެ. 

އެންމެ އަންތބަކު ވެސް ނުބެލެހެއްޓޭ އަދި ފަރުޟު 5 ނަމާދުވެސް ނުކުރެވޭ މީހުން ސުންނަތް ކަމަށް ބުނެ 4 އަނބިން ހޯދަން އެބަ މަސައްކަތްކުރެއެވެ. ސުންނަތާއި ދިމާއަށް ދިއުމުގެ ކުރިން ފުރަތަމަ އަދާކުރަންވީ ފަރުޟު ނޫން ހެއްޔެވެ؟ 

ހަމަ ޤައިމުވެސް އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދީ، އަނބިމީހާ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެންމެ އަންތބަކު ނުބެލެހެއްޓޭ މީހާ ގިނަ އަނބިން ބަލަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ތިމާއަށް ނުބެލެހެއްޓޭ ޙާލު، އެއް ގޮތަކަށް އަނބިންނާއިމެދު ކަންކަން ނުކުރެވޭ ޙާލު (ހަމަހަމަނުކުރެވޭ ޙާލު) އިތުރު އަނބިންނާއި ކައިވެނިކުރަން އޮތް ޙަދީޘްފުޅެއް ނިކަން ދައްކައިބަލާށެވެ! ވީމާ 4 އަނބިން ހަމަކުރުމަކީ ސުނަނަތެކޭ، ދެކޮޅު ހެދީމާ ފާފަވެރިވާނެއޭ ބުނެ ތިއަ ދައްކާ ވާހަކަތަކުގައި ހުރީ ކޮން ބުރަދަނެއް ހެއްޔެވެ؟ 

އިސްލާމް ދީނުގެ ތަރުތީބަށް ބެލި ނަމަވެސް ފުރަތަމަ އޮތީ ޤްރްއާނެވެ. ސުންނަތް އަންނާނީ ފަހަތުންނެވެ. އެންމެ ފުރަތަމަ އޮތީ ފަރުޟެވެ. ސުންނަތް އަންނާނީ ފަރުޟުގެ ފަހަތުންނެވެ. ރަވާތިބު ސުންނަތް ކޮށްފައި ފަރުޟު ނަމާދު ނުކުރީމާ ފަރުޟު އަދާކުރިކަމަށްވޭހހެއްޔެވެ؟ 

ވީމާ ފުރަތަމަ ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ! އެއަށްފަހު ތިބި އަނބިން ނުވަތަ އަނބިމީހާ އާއި ދެންވެސް ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ބެލެހެއްޓޭ މީހަކަށްވާށެވެ! އެއަށްފަހު އިތުރު އަނބިން ހަމަކުރަން ވިސްނާށެވެ! 

ސުންނަތަކަށްވެގެން ގިނަ އަނބިން ހޯދާ މީހާ ރަސޫލް ()ގެ އަނބިއަނބިކަނބަލުންނާއިމެދު ރަސޫލް () އަމަލުފުޅު ކުރެއްވެވި ގޮތަށް އަމަލު ވެސް ކުރަން ޖެހޭނެއެވެ. ސުންނަތަކީ އެގޮތެވެ. ތިމާ ބޭނުންވާ ބައި ނަގާފައި އަނެއް ބައި ދޫކޮށްލުމެއް ނޫނެވެ! 

އެކަނިވެރި މައިން ގިނަވަމުންދާއިރު އިންސާނިއްޔަތަށްޓަކައިވެސް އަނބިން ގިނަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގިނަކުރާނަމަ އަނބިންނާއިމެދު ޢަމަލުކުރަން ދީނުގައި އޮތް ގޮތަށް ޢަމަލުކުރަންވާނެއެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަމުގައި ނަމޫނާ ދައްކަވައިފައެވެ. އެގޮތަށް އެކަން ނުކުރެވޭނެ ނަމަ އަނބިން ގިނަކޮށް އެކަނބަލުން ބިކަ ނުކުރާށެވެ! އެއްފަޅި ވައުވެފައިވާ ޙާލު މަޙްޝަރު ކުރެއްވޭ މީހަކަށް ނުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން