ދުނިޔޭގައި ގިނަކަންކަންކަން ޙާޞިލް ކުރެވޭނީ ފައިސާލިބިގެންނެވެ. އެކަމަށް ދެބަސްވުމެއް ނެތެވެ. ވީމާ ދަރިންނަށް ބޮޑުމުސާރަ ލިބޭނެ ދާއިރާތަކުން ކިޔަވައިދިނުމަކީވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށް މިވަނީ ދުނިޔަވީ ޢިލްމުތަކުން އެންމެ މައްޗަށް އަރައިގެންދެވޭއިރުވެސް އިސްލާމް ދީން ނުއެނގޭ ކަމެވެ. ދީނަށް ޢަމަލުކުރަން ދަރިން ތަރުވިއްޔަތުނުކުރެވޭ ކަމެވެ.
އަހަރެމެންގެ ތެރެއިން ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ ބޮޑެތި ނަޞީބުވެރިންނަކީ އެންމެ ގިނަ ފައިސާ ލިބޭ މީހުން ކަމަށެވެ. މުއްސަނދި، ތަނަވަސް ދިރިއުޅުމެއް އުޅުމަށް މަގުތަނަވަސްވާ މީހުން ކަމަށެވެ. އެހެންވެ ގިނަ ބައަކު އަބަދުވެސް މަސައްކަތްކުރަނީ ވީހައި ގިނަ ފައިސާ ހޯދުމަށެވެ. ދަރިންނަށް ވީހައިގިނައިން ފައިސާ ލިބޭނެ މަސައްކަތެއް ދަސްކޮށްދިނުމަށެވެ.
ނަމަވެސް އެއީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެންމެ ބޮޑު ނަޞީބެވެރިއަކަށްވާން ބޭނުން މީހާއަށް އޮތީ އުނގެނުމެވެ. އުނގެނި މޮޅު މީހަކަށްވުމެވެ. އެމީހަކު ބޭނުން ދާއިރާއަކުން އުނގެނޭށެވެ! އަދި ކޮންމެ ދާއިރާއަކުން އުނގެނުނު ކަމުގައިވީނަމަވެސް ދީނީ ޢިލްމު އުނގެނެންވާނެއެވެ. އަދި ޢަމަލުކުރަންވެސް ޖެހޭނެއެވެ.
އެހެނީ ތިބާ ނަރަކައިން މިންޖުވެ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭނެ އެންމެ ބޮޑު ބާރަކީ ދީނުގެ ޢިލްމެވެ. ކިތަންމެ ގިނަ ފައިސާ އަތުގައި ހުރި ނަމަވެސް އެމީހެއްގެ ކިބައިގައި ދީނުގެ ޢިލްމު ނެތް ނަމަ، އެފައިސާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން ޖެހޭ ގޮތް އޮޅުން ފިލާފައި ނެތް ނަމަ އެ ފައިސާވެރިކަން އެމީހަކަށް ޤިޔާމަތް ދުވަހުގައި ވާނީ ބޮޑު ވަބާއަކަށެވެ.
ވީމާ ދަރިންނަށް ތައުލީމު ދިނުމުގައި ވެސް މިކަންކަމަށް ވަރަށް ބޮޑަށް ބަލާށެވެ! ދެވޭ ތައުލީމާއިއެކު އިސްލާމް ދީނުގެ ތައުލީމް ދޭން މަސައްކަތްކުރާށެވެ! އިސްލާމީ ތައުލީމާއިއެކު އުނގަންނައިދޭ ޔުނިވަރސިޓީތަކަށް ދަރިން ފޮނުވަން ދޭ ސަމާލުކަން އިތުރުކުރާށެވެ!
މިހާރަކަށް އައިސް މަތީ ތައުލީމް ޙާޞިލުކުރާ ދަރިވަރުންގެ އަދަދު އިތުރުވި ނަމަވެސް ދީނީ ހޭލުންތެރިކަން ކުޑަވަމުން މިދަނީ ދަރިންނަށް ތައުލީމް ދޭއިރު މިކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. ދަރިންނަށް އާޚިރަތް ހޯދައިދޭން ބޭނުންވާނަމަ އެކުދިންނަށް ރަނގަޅު ތައުލީމީ ބިންގަލެއް އަޅައިދޭށެވެ! ފަހުން ދެރަވެ ހިތާމަކުރަން ނުޖެހޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން