ޢަލީ އިޙްޞާން ފިރާޤް
ފަރުބަދައެއް ބޯމައްޗަށް ނެންގެވުން:
ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ތައުރާތުގެ ޙުކުމްތައް ޤަބޫލުނުކުރުމުން އަރަހުށި މާތްﷲ އެބައިމީހުންގެ ބޯމައްޗަށް ފަރުބަދައެއް ނެންގެވިއެވެ. މި ވާހަކަ ބަޤަރާ ސޫރަތުގެ 93 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاسْمَعُوا ۖ قَالُوا سَمِعْنَا وَعَصَيْنَا وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِ إِيمَانُكُمْ إِن كُنتُم مُّؤْمِنِينَ ﴿٩٣﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمر ފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ!]
މި ދެންނެވި ވާހަކަ ޤުރްއާނުގެ ނިސާ ސޫރަތުގައިވެސް އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. ނިސާ ސޫރަތުގެ 154 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا فِي السَّبْتِ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا ﴿١٥٤﴾
މާނައީ: [އަދި، ތިމަންރަސްކަލާނގެ، އެއުރެންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ސަބަބުންނެވެ. (އެބަހީ: توراة ގެ حكم ތަކަށް عمل ކުރަން، އެއުރެން ވެފައިވާ عهد އުވައިލުމުގެ ސަބަބުންނެވެ.) އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި، ގަދަވެގެންވާ ميثاق، އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.]
އަލް އިމާމުއް ޝައުކާނީ ވިދާޅުވެފައިވެއެވެ. [ވަރަށް ގިނަ މުފައްސިރުން ވިދާޅުވެފައިވެއެވެ. މާތްﷲ ދެއްވި އަލްވާޙުތައް ހިއްޕަވައިގެން މޫސާގެފާނު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. [މި ކަޔައި ޢަމަލުކުރާށެވެ] އެބައިމީހުން ދެންނެވިއެވެ. [އަހަރެމެން ތިޔަށް ޢަމަލުކުރާނީ މާތްﷲ ކަލޭގެފާނާ މުޚާތަބުކުރައްވައި ބަސްފުޅު ވަޙީ ކުރެއްވިފަދައިން އަހަރެމެންނާވެސް މުޚާތަބު ކުރައްވައި ބަސްފުޅު ވަޙީ ކުރެއްވީމައެވެ.] އެބައިމީހުން އެހެން ދެންނެވުމުން އެބައިމީހުން މަރުވެގެން ދިޔައީއެވެ.
ދެން އަލުން އަރަހުށި މާތްﷲ އެބައިމީހުން ދިރުއްވިއެވެ. އަދި އެ އަލްވާޙުތައް ކިޔައި އެއަށް ޢަމަލު ކުރުމަށް އަމުރުކުރެއްވިއެވެ. ނަމަވެސް މިފަހަރުވެސް އެބައިމީހުން އެކަމަށް ކުރީ އިންކާރެވެ. ދެން މާތްﷲ މަލާއިކަތްބޭކަލުންނަށް އަމުރުކުރެއްވުން އެބޭކަލުން ފަލަސްޠީނުގެ ބޮޑެތި ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއް ލުއްސަވައިލައްވައިގެން ގެންނަވައި އެބައިމީހުންގެ މައްޗަށް ނެންގެވިއެވެ. އަދި އެބައިމީހުންގެ ކުރިމަތީން އަލިފާންތަކެއް ގެންނަވައި، ފަހަތުން ކަނޑެއް ގެންނެވިއެވެ. އެއަށްފަހު ތައުރާތަށް އަމަލުކުރުމަށް ޢަހްދުކަށަވަރު ހިފުމަށް އެންގެވިއެވެ. ޢަހްދު ކަށަވަރު ނުހިފައިފިނަމަ، އެބައިމީހުންގެ ބޯމައްޗަށް ފަރުބަދަ ވައްޓައިލައްވާނެކަމަށް އެންގެވިއެވެ. ދެން އެބައިމީހުން ތައުބާވުމުގެ ގޮތުން ސަޖިދައަށްގޮސް ތައުރާތަށް އަމަލުކުރާނެކަމަށް ޢަހްދުކަށަވަރު ހިފިއެވެ. {އިމާމު ޝައުކާނީ، ފަތުޙުލް ޤަދީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 95}
ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. [ފަރުބަދަ އުފުއްލަވާތަން ފެނުމުން އެބައިމީހުންގެ އެންމެން ސަޖިދައަށް ދިޔައެވެ. ނަމަވެސް ސަޖިދައިގައި އޮތީ ވާއަތު ލޮލުގެ ބުމަ ޖައްސައިގެންނެވެ. ކަނާއަތު ލޮލުން ބަލަނީ ފަރުބަދައަށެވެ. ފަރުބަދަ ވެއްޓިދާނެކަމުގެ ބިރައްޓަކައެވެ. މިދުވަސްވަރުގައިވެސް ޔަހޫދީން ސަޖިދަކުރަނީ ވާއަތުލޮލުގެ ބުމަ ޖައްސައިގެންނެވެ. އެބައިމީހުން ބުނެއުޅެއެވެ. އެބައިމީހުންގެ ފަރާތުން ޢުޤޫބާތް ނެތި ދިޔައީ އެ ސަޖިދައިގެ ސަބަބުންނެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު ޢަރަބި އެޑިޝަން، ދެވަނަ ޖިލްދު، ޞަފްޙާ 413. މިދެންނެވި ދެ ރިވާޔަތް މި ނަކަލުކުރީ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއް ރަޙްމާނު ލިޔުއްވައިފައިވާ ޤުރްއާނުގެ ތަފްސީރުންނެވެ.}
ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންގެ ބޯމައްޗަށް ފަރުބަދަ އުފުއްލަވައި، އެބައިމީހުންގެ ކިބައިން ޢަހްދު ކަށަވަރު ހިއްޕެވި ވާހަކަ ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 63 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّورَ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿٦٣﴾
މާނައީ: [ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، ތިޔަބައިމީހުންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި (އެބަހީ: ތިމަންރަސްކަލާނގެ ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.]
އަދި ހަމަ މި ވާހަކަ ސޫރަތުލް އަޢުރާފުގެ 171 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوا أَنَّهُ وَاقِعٌ بِهِمْ خُذُوا مَا آتَيْنَاكُم بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴿١٧١﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފަރުބަދަ އުފުއްލެވިހިނދު، ހަނދުމަކުރާށެވެ! އެ ފަރުބަދަ އެއުރެންގެ މައްޗަށް އޮތް ހިޔާވައްސެއް ކަހަލައެވެ. އެ ފަރުބަދަ އެއުރެންގެ މައްޗަށް ވެއްޓިދާނެކަމަށް އެއުރެން ހީކުޅައޫއެވެ. (ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) ތިމަންރަސްކަލާގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައި، ބާރާއެކު ތިޔަބައިމީހުން ހިފަހައްޓާށެވެ! އަދި އެ ފޮތުގައިވާ ކަންތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.]