ކޮންމެ މީހަކީވެސް މީހެކެވެ. ނަމަވެސް ކޮންމެ މީހަކީ އެއްގޮތް މީހެއް ނޫނެވެ. އެއްގޮތްވާނެ މީހެއްވެސް ނޫނެވެ. ޖަވާހިރުގެ ތަފާތު އެތައް ހާސް ބާވަތެއް ހުރެއެވެ. އެކަމަކު އެންމެ އަގުބޮޑު ޖަވާހިރެއް ލިބިފައި ގެއްލިއްޖެނަމަ ކުރަންޖެހޭނެ ހިތާމަތައް ބޮޑުވާނެއެވެ.
ދެން ދަސްކުރާށެވެ! މިކިޔައިދެނީ އެންމެ އަގުހުރި އަނބިންގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.
1- ޚުދު އަނބިމީހާއަށް ކަމުގައިވީނަމަވެސް ތިބާގެ ފައިސާ އިޝްރާފް ނުކުރަން ބުނާނެއެވެ. ބުނާނީ ދެމަފިރިންނަށް ފައިދާހުރި ކޮންމެވެސް ކަމަކަށް އިންވެސްޓްކުރުމަށެވެ.
2- ތިބާގެ ވަޤުތުތައް ނަގައެއް ނުލާނެއެވެ. ކޮންމެހެން ބުނަން ޖެހިގެން ނޫނީ ތިބާގެ ސިކުނޑިއަށް ބުރަވާނެ ބަހެއް ނުބުނާނެއެވެ. އަދި އޭނާގެ ވަޤުތުތައް ދެމަފިރިންނަށް ފައިދާނުކުރާނެ ގޮތަކަށް ބޭކާރުކުރުމަކަށްވެސް ނުރުހޭނެއެވެ.
3- ތިބާއަށް ކުރެވޭ އެއްވެސް ކަމަކުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ވެއްޖެނަމަ ވަރަށް ދެރަވާނެއެވެ. އަދި އެއީ އޭނާއަށްވެސް ލިބުނު ދެރައެއް ކަމަށް ޤަބޫލުކުރާނެއެވެ.
4- ތިބާއަށް ޖެހުނު ކޮންމެ ޙާލެއްގައި ތިބާއާއިއެކުގައި ވާނެއެވެ. ތިބާގެ އަތުގައި ފައިސާހުރިނަމަ އެކުގައި ތިބޭނެ އަންހެނުން ވަރަށް ގިނަވާނެއެވެ. ފައިސާ މަދުވެލާއިރަށް އެންމެން ގެއްލޭނެއެވެ. ވީމާ ދަތިޙާލުގައި ތިބާއާއިއެކުގައިވާނީ ރަނަށްވުރެ އަގުހުރި އަންހެނެކެވެ. ނަމަނަމަ އޭނާ ދޫނުކުރާށެވެ!
5- މީހަކު ތިބާ ބަދުނާމުކުރާނަމަ ތިބާ ދިފާޢުކުރާނެއެވެ. ތިބާއަށް ބުރަބަހެއް ބުނާނެ ފުރުޞަތެއް ނުދޭނެއެވެ. ތިބާގެ ހުރި އުނިސިފަތަކުގެ ބަދަލުގައި މީސްތަކުންނަށް ދައްކާނީ ތިބާގެ ހުރި ރަނގަޅު ސިފަތަކެވެ.
މިސިފަތައް ހުރި އަންތބަކު ލިބިއްޖެނަމަ އެމީހަކު ދެރަކޮށް ހިތުގައި ނުޖައްސާށެވެ. އެފަދަ އަންތބަކު ތިބާއާއި ވަކިވުމަށްވުރެ ބޮޑު ދެރައެއް ތިބާއަކަށް ނުލިބޭނެއެވެ.
- ޝަމްވީލާ / މިއަދުނޫހަށް