ރޭއަޅުކަންކުރުން- ހިތުގެ ފަރުވާއަށް ކުރެވިދާނެ ކަމެއް!

ކިޔުމަށް ހޭދަވާނީ 6މ 42ސ
ރޭއަޅުކަންކުރުން- ހިތުގެ ފަރުވާއަށް ކުރެވިދާނެ ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ހިތަށް ހަމޖެހުން ގެނައުމަށްޓަކައި ކުރެވިދާނެ ދެވަނަ ކަމަކީ ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި އަޅުކަން ކުރުމުގައި ދެމިހުރުމެވެ. ކޮންމެ ރެއަކު ދަމުނަމާދުކުރުމެވެ. ދަމުނަމާދު ކުރުމުގެ މާތްކަމާއި ބެހޭގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުތައް އައިސްފައިވެއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމ ޙަދީޘް ކުރައްވާފައިވެއެވެ. 

يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ"

މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."

އަދި ﷲ ތަޢާލާ ޛާރިޔާތް ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏

މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)"

ދަމުނަމާދަށް ތެދުވެ، ފުރަތަމަ ދެރަކުޢަތް ކުރާނީއެވެ. އެއަށްފަހު، ﷲ ތަޢާލާ އެމީހަކަށް ފަސޭހަކޮށްދެއްވި މިންވަރަކަށް ނަމާދުކުރާނީއެވެ. އެއީ ދެރަކުޢަތުން ސަލާމްދެމުން 4 ރަކުޢަތް، ނުވަތަ 6 ރަކުޢަތް، ނުވަތަ 8 ރަކުޢަތް، ނުވަތަ 10 ރަކުޢަތެވެ. ދެން އެއަށްފަހު، އެއް ރަކުޢަތުން ވިތުރި ކުރާނީއެވެ. 

ކުޑަކުދީންނަށްވެސް ދަމުނަމާދުކުރުމަށް ފަރިތަކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ޒުވާން ޢުމުރުގައިވެސް ދަމުނަމާދު ކުރުމުގައި ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޒުވާން ޢުމުރުގައި ވީހާވެސް ހެޔޮ ޢަމަލު ކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޢަރޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައިވެސް މާތް ﷲ އަށް އަޅުކަން ކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ ހިމެނެއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ. 

މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ (އެއީ) އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ".

މިއަދު އޮންލައިން