ކަސްރަތުކުރުމުގަ ޝަރުޢީ ހަމަތަކުން މުސްލިމް އަންހެނުންނަށް ހުއްދަ ކަންކަމާ ހުއްދަ ނޫން ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 46ސ
ކަސްރަތުކުރުމުގަ ޝަރުޢީ ހަމަތަކުން މުސްލިމް އަންހެނުންނަށް ހުއްދަ ކަންކަމާ ހުއްދަ ނޫން ކަންކަން-

ފުރާވަރުގެ އަނހެންދަރިވަރުން ސްކޫލްތަކަށް ގެންގޮސް ނުވަތަ އެނޫންވެސް ތަންތަނުގައި ކަސްރަތުކުރުވަން ފިރިހެން އިންސްޓްރަކްޓަރުން ތިބޭތީ ބައެއް ކިޔުންތެރިންގެ ފަރާތުން ސުވާލުތައް ލިބޭތީ ޖަވާބެއްގެ ގޮތުން ހާމަމިކުރަނީ އެކަން ޝަރުޢީ ހަމަތަކުން އޮތް ގޮތެވެ. ޢަމަލުކުރުމާ ނުކުރުމަކީ އެމީހެއްގެ ކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާނަމަ އޮތީ ކިޔަމަންތެރިވުމެވެ.  

ސުވާލު:

އަޅުގަނޑަކީ ފަނަރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މަދަރުސާގައި އެހެން މާއްދާތަކެކޭ އެއްފަދައިން ކުޅިވަރުގެ މާއްދާއެއް އޮވެއެވެ. މީގައި އަޅުގަނޑުމެން ތަފާތު އެކި ބާވަތް ބާވަތުގެ ކުޅިވަރު ކުޅެމެވެ.

އަޅުގަނޑުގެ ސުވާލަކީ އަންހެން ކުދީންނަށް ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ ޙުއްދަކަމެއް ތޯއެވެ؟ 

ޖަވާބު: 

ﷲ އަށް ޙަމްދު ހުއްޓެވެ!

ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުމަކީ އޭގައި އެތަކެއް ޞިއްޙީ އަދި ނަފުސާނީ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް މިއަދުގެ މި ދުނިޔޭގައި ކަސްރަތުކުރުމަކީ ވަކި ގޮތަކަށް ކުރަންވެފައި އޮތް ކަމަކަށް މިވަނީ ވެފައެވެ. ކަސްރަތުތައް ކުރުމަށް ޝަރުޢީ އިންތަކެއް ވެއެވެ. މި އިންތަކުގެ ތެރޭގައި ކަސްރަތު ކުރުން ހުއްދައެވެ. އަދި މި އިންތައް ފަހަނައަޅައިދާ މީހުން އެ އަރައި ގަންނަނީ ޙަރާމު ކަމަކަށެވެ. 

ކަސްރަތު ކުރުމުގައި ހިފަހައްޓާން ޖެހޭ ޝަރުޢީ މިންތައް ތިރީގައި އެވަނީ އެވެ: 

  • އަންހެނުން ކަސްރަތު ކުރާއިރު، އެއްވެސް ޙާލަތެއްގައި (ހިލޭ) ފިރިހެނަކަށް ނުފެނުން؛ އެއީ އިންސްޓްރަކްޓަރެއްކަމުގައި ވިޔަސް ނުވަތަ މުދައްރިސެއް ނުވަތަ ދަރިވަރެއްކަމުގައި ވިޔަސް ނުވަތަ އެ ކަސްރަތެއް ކުރާ ތަނެއްގެ އިދާރީ ފިރިހެން މުވައްޒަފެއްކަމުގައި ވިޔަސް، ހިލޭ އަންހެނުން ކަސްރަތު ކުރާ މަންޒަރު އެއްވެސް ފިރިހެނަކަށް ފެނިގެން ނުވާނެއެވެ. 

މި ޝަރުޠު ފުރިހަމަވުމަށްޓަކައި އަންހެނުން ކަސްރަތު ކުރާއިރު، ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ޙުއްދަވެގެން ނުވެއެވެ. އެއީ އެފަދަ އެއްޗެއް ފިރިހެނަކަށް ފެނުމަށް އޮތް މަގު ބަންދު ކުރުމަށެވެ. 

މިހެންކަމުން އަންހެނުންނަށް އެންމެ މޮޅު އިތުރުވެގެންވާ އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ރައްކާތެރި ގޮތަކީ ޖިމްތަކާއި މަދަރުސާތަކާއި ކުޅިވަރު އެކުވެނިތަކުގައި ކަސްރަތުކުރުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އެ މީހެއްގެ ގޭގައި ކަސްރަތު ކުރުމެވެ. އެއީ އަދި ޖިމްތަކާއި މަދަރުސާތަކުގައި ދެ ޖިންސު މައްސުނި ނުވި ކަމުގައި ވިޔަސް މެއެވެ. މިފަދަ ޢާންމު ތަނެއްގައި ދެ ޖިންސުގެ މައްސުނި ނުވިއެއް ކަމަކު އަންހެނާ ކަސްރަތު ކުރާ މަންޒަރު އޭގެ ތެރޭގައި ހިމެނޭ ވީޑިއޯ ނުވަތަ ފޮޓޯ ނަގައި އެހެން މީހަކު އެ ޢާންމު ކޮށްފާނޭކަމުގެ ބިރަށްޓަކައެވެ. 

ދެން އަދި މިފަދަ ކަސްރަތު ކުރާ ޢާންމު ތަނެއްގައި ދެ ޖިންސުގެ މައްސުނިވުން ހިމެނޭނަމަ، އެފަދަ ތަނަކަށް ކަސްރަތު ކުރުމަށް ދިއުން ޙުއްދައެއް ނުވާނެކަން ކަށަވަރެވެ. 

  • ޢިއްފަތްތެރި ހެދުމެއްގައި ކަސްރަތު ކުރުން؛ އަންހެން މީހާ އަދި އޭނާއާއެކު ކަސްރަތު ކުރާ އެހެން އަންހެނުންވެސް، ކުރު ހެދުން ނުވަތަ އެތެރެ ފެންނާނޭހައި ތުނި ހެދުން ލުމާއި، ވަނާތައް ފާޅުވާފަދަ ބާރު ހެދުންލުން ޙުއްދައެއް ނުވާނެއެވެ. މިއީ އަންހެނުން ހިލޭ ފިރިހެނުންނާއި އެހެން އަންހެނުންގެ ކުރިމަތީގައި ހެދުން އެޅުމުގައިވެސް ފުރިހަމަ ކުރަން ޖެހޭ ޢާންމު ޝަރުޠެކެވެ. ނަމަވެސް ހިތާމައަކީ މިއަދު ހެދުން އެޅުމުގައި ގިނަ މީހުންވަނީ، ހެދުން އެޅުމުގައި ފުރިހަމަ ކުރަން ޖެހޭ މި ޝަރުޠު އުނި ކޮށްފައެވެ. އަދި ފިރިހެނުން ކަސްރަތު ކުރާ ޖިމްތަކާއި ކުޅިވަރު އެކުވެނިތަކާއި އަންހެނުން ކަސްރަތު ކުރާ ޖިމްތަކާއި ކުޅިވަރު އެކުވެނިތަކުގައިވެސް ކަސްރަތު ކުރާއިރު ހެދުން އެޅުމުގައި ފުރިހަމަ ކުރާން ޖެހޭ މި ޝަރުޠު ފުރިހަމަ ނުކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. 
  • ކުޅޭ ކުރިވަރުތަކުގެ ތެރޭގައި ޖުވާ ކުޅުމާއި ކަންކަމުގައި “ބެޓް” ކުރުންފަދަ ކަންކަން ނުކުރުން.  
  • ކުޅޭ ކުރިވަރެއްގެ ސަބަބުން އަރައިރުންވުމާއި ރުޅިވެރިކަމަށް މަގު ފަހި ނުވުން؛ މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ޤައުމުތަކުގައި ލެވިފައިވާ އެކިއެކި ސަރަޙައްދީ އިންތަކުން މީސްތަކުން ވަކިކުރެވިފައި ވާ މިންވަރު ބައެއް މީހުންނަށް ނުފުދިގެން، ކުޅިވަރުގައި އެއް ކުލަބެއްގެ ސަޕޯޓަރުންނާއި އަނެއް ކުލަބެއްގެ ސަޕޯޓަރުންގެ މެދުގައި އަރައިރުންވުންތަކާއި ރުޅިވެރިކަން އުފެދިފައި ވާތެނެވެ. ކުޅިވަރު ކުޅެއުޅުމުގައި މި ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. 
  • ވަކި ޚާއްޞަ ވަގުތުތަކެއް ކަނޑައަޅައިގެން ކުޅިވަރު ކުޅެ ކަސްރަތުކުރުން؛ މީހާއަށް އޭނާގެ ދީނީ އަދި ދުނިޔަވީ އެހެން ވާޖިބުތައް ނަގައިލައިފައި ކުޅިވަރު ކުޅުމަށް ވަގުތު ހޭދަ ކުރުން ހުއްދަ ވެގެން ނުވެއެވެ.  
  • ކުޅިވަރުކުޅުމާއި ކަސްރަތު ކުރުމުގައި މިއުޒިކު ނުޖެހުން. 
  • ކުޅިވަރު ކުޅުމުގައި ކާފަރުންގެ ޝިޢާރުތަކާއި އެ މީހުންނަށް ޚާއްޞަ ހެދުމާއި އެ މީހުންގެ ނަން ބޭނުން ނުކުރުން؛ ކާފަރުންނާއި އެއްވެސް ގޮތަކުން ވައްތަރު ވެގަތުން އަހަރެމެން މުސްލިމުންނަށްވަނީ މަނާ ކުރައްވާފައެވެ. މި ބުނި ގޮތަށް ނުވަތަ އެ ނޫން ގޮތަކަށްވެސް އެ މީހުންގެ ކަންކަން ކޮޕީކޮށް އެ މީހުންނާ ވައްތަރުވެގަތުމަކީ އެ މީހުން މާތް ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން އެ މީހުންނާ ވައްތަރުވެގަތުމުން ދުރުހެލި ވާން ޖެހޭނެއެވެ.  
  • މޫނަށް ނުވަތަ ބޮލަށް ގެއްލުމެއް ދޭފަދަ ކުޅިވަރެއް ކަމުގައި ނުވުން. އަދި އެ ކުޅިވަރަކީ ނުވަތަ ކަސްރަތަކީ ކުފުރީ ޢަމަލެއް އޭގައި ހިމެނޭފަދަ ކުޅިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ. ބައެއް މީހުން ވަކިކަހަލަ ކުޅިވަރެއް ކުޅޭއިރު އެ ފެށުމުގެ ކުރިން އެކަކު އަނެކަކަށް ބޯ ގުދުކޮށް އުޅެއެވެ. އެއީ ކުރުން ޙުއްދަވެގެން ނުވާނޭފަދަ ކުފުރުގެ ޢަމަލެކެވެ. 

ކުޅިވަރު ކުޅެ ކަސްރަތު ކުރުމުގައި މަތީގައި މި ބުނެވުނު ޝަރުޠުތައް ފުރިހަމަ ކުރެވިއްޖެނަމަ، ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ޙުއްދައެވެ. މިއާ އެކުގައިވެސް އަންހެނުނަށް ނަޞޭޙަތްތެރިވަނީ އެ ކަނބަލުންގެ ނަފުސުތަކަށް ރައްކާތެރި ވުމަށެވެ. އަދި އަމިއްލަ އަގުހުރި ވަގުތުގެ ގިނަވަގުތުތައް މިފަދަ ކަންކަމުގައި ނަގައި ނުލުމަށެވެ. ހަމަކަށަވަރުން އަންހެނާއަށް ޙިމާޔަތާއި ރައްކާތެރިކަންވަނީ ﷲ އަންގަވައިފައިވާ ކަންކަމަށް އޭނާ ފަރުވާތެރިވެ އެކަލާނގެ އަމުރުފުޅުތަކަށް ބޯ ލަނބައި ކިޔަމަންތެރިވެގެންނެވެ. މީގެ އެންމެ މުހިންމު އެއް އަމުރުފުޅަކީ ބޭކާރު ކަންކަމުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ ކަނބަލުން ގެތަކުގައި ޤަރާރު ވެ ތިއްބެވުމަށް ﷲ ކުރައްވައިފައިވާ އަމުރުފުޅެވެ.  

އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: 

{وَقَرْنَ فِي بُيُوتِكُنّ} (الأحزاب 33) މާނައީ:

[އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ!] 

މި ބުނެވުނު ޝަރުޠުތަކާއި ޤައިދުތަކާއެކު އަންހެނުންނަށް އެހެން އަންހެނުންނާއެކު ކަސްރަތުކޮށް ކުޅިވަރު ކޮށް އުޅުން ހުއްދައެވެ. ނަމަވެސް އެ ކަނބަލުންގެ ކުޅިވަރުތަކާއި ކަސްރަތު ކުރާ މަންޒަރު ހިލޭ ފިރިހެނުންނަށް ބެލޭނޭ ފަދައަކުން އިންތިޒާމު ވެފައި ހުރެގެން ނުވާނެއެވެ. 

- އަލްއަޚް މުޙައްމަދު ޖަޒްލާން ޢުމަރު / ދިސަލަފިއްޔާ


 

މިއަދު އޮންލައިން