ޢަލީ އިޙްޞާން ފިރާޤް
ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް ލަޢުނަލް ޙައްޤުވި ކަންތައްތައް:
ބަނީ އިސްރާއީލުންގެ ތެރޭގައި ޔަހޫދީންނާއި ނަޞާރާއިން ޝާމިލުވެގެންވެއެވެ. ޔަހޫދީންނަކީ މޫސާގެފާނަށް އީމާންވެ ތައުރާތު ޤަބޫލުކުރި މީސްތަކުންނެވެ. ނަޞާރާއިންނަކީ، ޢީސާގެފާނަށް އީމާންވެ، އިންޖީލު ޤަބޫލުކުރި މީސްތަކުންނެވެ. ނުވަތަ އެދެފޮތަށް އީމާންވެގެން ތިބޭކަމަށް ދަޢުވާކޮށްގެން އުޅޭ މީސްތަކުންނެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަކީ އެބައިމީހުންގެ ނޭއްގާނީކަމާއި ނުސިޔާނުކަމުގެ ސަބަބުން އަރަހުށި މާތްﷲ ގެ ރަޙްމަތުން ބޭރު ކުރައްވައިފައިވާ ބައެކެވެ. އެބައިމީހުންނަށް މާތްﷲ ގެ ލަޢުނަތް ޙައްޤުވީ ވަރަށް ގިނަ ކަންތައްތަކެއްގެ ސަބަބުންނެވެ. އޭގެ ތެރެއިން ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ބައެއް ކަންތައްތައް މި ތަނުގައި ދަންނަވައިލާނަމެވެ.
ޔަހޫދީންނަށް ލަޢުނަތް ޙައްޤުވި ކަންތައްތަކުގެ ތެރޭގައި އެބައިމީހުން އަރަހުށި މާތްﷲ އަށް ދަހިވެތިކަމުގެ ސިފަ ނިސްބަތްކުރުން ހިމެނެއެވެ. ކީރިތި ޤުރްއާނުގެ މާއިދާ ސޫރަތުގެ 64 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَقَالَتِ الْيَهُودُ يَدُ اللَّـهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا اللَّـهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّـهُ لَا يُحِبُّ الْمُفْسِدِينَ ﴿٦٤﴾
މާނައީ:[يهودى ން ބުނޫއެވެ. اللَّه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (يهودى ން މިހެންބުނީ اللَّه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް لعنة ލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ يدقدرة ފުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި قيامة އަށް ދާނދެން عداوة ތެރިކަމާއި، ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި فساد ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، فساد ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.]
ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް މާތްﷲ ލަޢުނަތް ލެއްވި އަނެއްކަމަކީ އެބައިމީހުން އެކަލާނގެއާ ވެފައިވާ ޢަހްދުކަށަވަރު އުވައިލުމެވެ. މާއިދާ ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.
فَبِمَا نَقْضِهِم مِّيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً ۖ يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ ۙ وَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ ﴿١٣﴾
މާނައީ: [ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.]
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ހޮނިހިރު ދުވަހަކީ ޔަހޫދީންނަށް ޙުރުމަތްތެރި ކުރައްވައިފައިވާ ދުވަހެކެވެ. މުސްލިމުންނަށް ހުކުރުދުވަސް ޢައްޔަން ކުރައްވައިފައިވާ ފަދައިން ޢައްޔަން ކުރައްވައި ކަނޑައަޅުއްވައިފައިވާ ދުވަހެކެވެ. ޔަހޫދީންނަށް ލަޢުނަތްލެއްވި އަނެއްކަމަކީ، މިދެންނެވި ހޮނިހިރު ދުވަހަށް ބަހައްޓަންޖެހޭ ޙުރުމަތްތެރިކަން ނުބަހައްޓައި، އެދުވަހުގެ ޙުރުމަތްކަނޑައި ލުމުންނެވެ. ނިސާ ސޫރަތުގެ 47 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰ أَدْبَارِهَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ ۚ وَكَانَ أَمْرُ اللَّـهِ مَفْعُولًا ﴿٤٧﴾
މާނައީ: [އޭ ފޮތް ލިބުނު މީހުންނޭވެ! ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! (އެއީ) މޫނުތަކެއް ބަދަލުކުރައްވައި، ތިމަންރަސްކަލާނގެ އެ މޫނުތައް ފުރަގަހަށް ރައްދުކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެއުރެންގެ މައްޗަށް عذاب އެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ أهل ވެރިންނަށް، ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން، އެއުރެންނަށް لعنة ލެއްވުމުގެ ކުރިންނެވެ. اللَّه ގެ أمر ފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ.]
ޔަހޫދީންގެ މައްޗަށް ލަޢުނަތްލެއްވި އަނެއްކަމަކީ، މަކަރާއި ހީލަތް ހަދައިގެން، އަރަހުށި މާތްﷲ ޙަރާމް ކުރައްވައިފައިވާ ބައެއް ތެކެތި ޙަލާލު ކުރުމެވެ. އެބައިމީހުންނަށްވަނީ ސަރުބީ ޙަރާމްކުރައްވައިފައެވެ. ސަރުބީ އަކީ ފެޓްސް (fats) އެވެ. ނަމަވެސް ޔަހޫދީން ސަރުބީ އެވިރުވައި ތެލަށް ހަދައިގެން ވިއްކިއެވެ. ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" قَاتَلَ اللَّهُ الْيَهُودَ، لَمَّا حَرَّمَ اللَّهُ عَلَيْهِمْ شُحُومَهَا جَمَلُوهُ ثُمَّ بَاعُوهُ فَأَكَلُوهَا " { صحيح البخاري، كتاب التفسير، ޙަދީޘް ނަންބަރު 4633}
މާނައީ: [މާތްﷲ ޔަހޫދީންނަށް ލަޢުނަތްލެއްވިއެވެ. އެބައިމީހުންގެ މައްޗަށް ޖަނަވާރުންގެ ސަރުބީ ޙަރާމްކުރެއްވުމުން އެ ވިރުވައި ތެލަށް ހަދައިގެން ވިއްކައި، އޭގެ ފައިސާ ބޭނުން ކުރިއެވެ.]
ޔަހޫދީންނާއި ނަޞާރާއިންނަށް މާތްﷲ ލަޢުނަތްލެއްވި އަނެއްކަމަކީ، ނަބީބޭކަލުންގެ ޤަބުރުފުޅުތައް އަޅުކަން ކުރާތަނެއްކަމުގައި ހެދުމެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންއެވެ. އެކަމަނާ ވިދާޅުވިއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ " { صحيح مسلم، كتاب الْمَسَاجِدِ وَمَوَاضِعِ الصَّلاَةِ، باب النَّهْيِ عَنْ بِنَاءِ الْمَسَاجِدِ عَلَى الْقُبُورِ وَاتِّخَاذِ الصُّوَرِ فِيهَا وَالنَّهْيِ عَنِ اتِّخَاذِ الْقُبُورِ مَسَاجِدَ، ޙަދީޘް ނަންބަރު 1079}
މާނައީ: [ޔަހޫދީންނާއި ނަޞާރާއިންނަށް މާތްﷲ ލަޢުނަތްލެއްވިއެވެ. އެއީ ނަބީބޭކަލުންގެ ޤަބުރުފުޅުތަކަކީ އަޅުކަންކުރާ ތަނެއްކަމުގައި ހެދުމުންނެވެ.]