ޘަވާބު ލިބުމުގެ ބަދަލުގަ ފާފަވެރިވާނެ ގޮތަށް އަޅުކަންކުރުން- ހެދޭ ވަރަށް ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޘަވާބު ލިބުމުގެ ބަދަލުގަ ފާފަވެރިވާނެ ގޮތަށް އަޅުކަންކުރުން- ހެދޭ ވަރަށް ބޮޑު ގޯހެއް!

ނަމާދުގެ ޖަމާޢަތަށް ދިއުމުން 27 ގުނައަށް ޘަވާބުއިތުރުވީނަމަވެސް ދެއްކުންތެރިކަމުގެ ނިޔަތުގައި އެކަންވެސް ކޮށްފިނަމަ ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ދެއްވަވާނީ ޘަވާބެއް ނޫނެވެ. ޢަޛާބެވެ! މިއީ ޤުރްއާނާއި ސުންނަތުން އެނގެންހުރި ކަންކަމެވެ.

އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް އޮތީ އެކަމެއް ކުރި ނިޔަތުގެ މައްޗަށެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް މިނެވިގެންދާނީ އެމީހާ އެކަމެއް ކުރި ނިޔަތާއި އެއްގޮތަށެވެ. ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ޖަޒާ ދެއްވަވާނީ ނިޔަތުގެ މައްޗަށެވެ.

ވީމާ ކުރާ ހެޔޮ އަމަލުތައް ސިއްރިޔާތުގައި ކުރާށެވެ! އެކަމުގެ ސަބަބުން ބައަކަށް ފައިދާއެއް ކޮށްފާނެ ކަމެއް މެނުވީ ހާމަނުކުރާށެވެ! އެއިރުން މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރު ﷲ ތަޢާލާ އުފުއްލަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ބައެއް މީހުން ހެޔޮ އަމަލުތައް ކުރުމަށްފަހު އެކަން އިޝްތިހާރު ކުރެއެވެ. އަނެއްބައަކު އާންމުކޮށް އިޝްތިހާރުވާ ގޮތަށް ހެޔޮ އަމަލުތައް ކުރެއެވެ. ނަމަވެސް މި ދެ ގޮތަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ނަމާދަށް ދިއުން ފަދަ ފައުޅުގައި ކުރުން މަޖުބޫރު ނުވާ ހެޔޮ ޢަމަލުތައް އޮތީ ސިއްރިޔަތުގައި ކުރުމެވެ. އަދި ތިމާ ކުރާ ހެޔޮ އަމަލުތަކުގެ ވާހަކަތައް ދައްކައި ޢާންމުކުރުމެއްވެސް ނެތެވެ. އަޅުކަން ކުރަނީ ﷲ ތަޢާލާޢަށެވެ. ކުރާ ހެޔޮ އަމަލުގެ އިތުރުން ކުރަން ހިތަށް އަރުވާ ހެޔޮ ޢަމަލުތައްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަންކަމަށް ޙައްޤު ޖަޒާ ދެއްވަވައެވެ.

ބައެއް މީހުން އެމީހުން ކުރާ ހެޔޮ ޢަމަލުތައް ކުރަނީ މީސްތަކުންގެ ކުރިމަތީގައި އެމީހާގެ ޤަދަރު އުފުލުމަށެވެ. އެ ނިޔަތުގައި ކޮށްފިނަމަ އެކަން ބަދަލުވެގެންދާނީ މުޅިން ތަފާތު ކަމަކަށެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދިގެން ކުރެވުނު ކަމަކަށް ނުވާނެއެވެ. އެއިރުން ޘަވާބު ލިބުމުގެ ބަދަލުގައި ވާނީ ފާފަވެރިއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން