ތިމާއަށް ކުރެވޭ ފާފަތައް ކުރުން ހުއްޓާލަން ބޭނުންނަމަ އެކަމަށް ޢަޒުމް ކަނޑައަޅައި ތަންފީޒުކުރަން މަސައްކަތްފެށީމާ ކާމިޔާބުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ތިމާއަށް ކުރެވޭ ފާފަތައް ކުރުން ހުއްޓާލަން ބޭނުންނަމަ އެކަމަށް ޢަޒުމް ކަނޑައަޅައި ތަންފީޒުކުރަން މަސައްކަތްފެށީމާ ކާމިޔާބުވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ފާފަކުރެވޭކަން އިޙްޞާޞްކުރެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭ މަތިވެރި ނިޢުމަތެކެވެ. އެނިޢުމަތް ލިބުމުން އޮތީ އަވަހަށް ޢަމަލީބައި ތަންފީޒުކުރަން މަސައްކަތްކުރުމެވެ. އެކަން ފާހަގަކުރައްވައި މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ތިމާ ކުރަން ބޭނުންވާ ކަންކަން އަމިއްލައަށް ކުރާ މީހަކަށްވާށެވެ! ތިމާއަށް ކުރެވެމުން އަންނަ ނުބައި ޢަމަލެއް ނުވަތަ ފާފައެއް ކުރުން ހުއްޓާލަން ބޭނުންވެއްޖެ ނަމަ އެކަން ވެސް އަމިއްލައަށް ކުރާށެވެ! އެކަމާއިބެހޭ ގޮތުން އެހެން މީހުންނާއި މަޝްވަރާކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ!

ހުރަހެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ފުނަށް ފީނާށެވެ! އެކަމެއް ޙާޞިލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާށެވެ! ތިމާގެ ނަޒަރު އަބަދުވެސް ﷲ ތަޢާލާއަށް އަމާޒުކޮށްފައި ބަހައްޓާށެވެ. ތިބާ ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލު ކުރެވޭނެއެވެ! އިން ޝާ ﷲ"

--މުފްތީ މެންކް

މުފްތީ މެންކުގެ މިބަސްފުޅުން އެނގިގެންދަނީ ފާފަކުރުން ހުއްޓައިލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު ހުއްޓާލަން އުޅޭ ވާހަކަ މީހުންގެ ގާތު ދެއްކުމުގެ ބޭނުމެއް ނެތް ކަމާއި އޮތީ ހުއްޓާލަން އެމީހަކު އަމިއްލައަށް މަސައްކަތްކުރުން ކަމެވެ. އެކަމަށް ވަރުގަދަ އަޒުމަކާއިއެކު ކުރިމަތިލައި ކާމިޔާބުކުރުންކަމެވެ.

މީހަކު ބުނެފައިވެއެވެ. "އަހަރެންގެ މުޅި ޙަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ސިހުން ލިބުނީ އެކުވެރިއެއްގެ ސަބަބުންނެވެ. އަހަރެމެން ދެމީހުން ކޮންމެ ރެއަކުހެން ނައިޓްކްލަބަށް ގޮސް އުޅުނީ އެކުގައެވެ. ދެރެއަކު އެކުވެރިޔާ ނައުމުން 3 ވަނަ ރޭ ކްލަބަށް ގޮސްފައި ގުޅައިލުމުން ބުނީ އަހަރެން ތައުބާވެއްޖައީމެވެ. ދެން ދުވަހަކުވެސް ކްލަބަށް ނުދާނެ ކަމަށާއި ޙަރާމް ކަމެއް ނުކުރާނެ ކަމަށެވެ. ބުނާނެ އެއްޗެއް ނުއެނގި އެތައް އިރަކު ހުރެވުނެވެ."

އޭނާގެ އެކުވެރިޔާއަށް އެގޮތަށް އެކަން ކުރެވުނީ އޭނާ އެކަމުގެ ވާހަކަތައް ނުދައްކައި އަމިއްލައަށް އެކަން ކުރީތީއެވެ. އެކަމަށް ޢަޒުމް ކަނޑައަޅައި ހިތްވަރުކުރީތީއެވެ. އެކުވެރިޔާ އާއި މަޗްވަރާކުރިނަމަ އޭނާ ބޭނުންވާ ގޮތަށް އެކަން ކުރުމުގެ ފުރުޞަތު ގިނަފަހަރު އޮންނާނީ ނުލިބިފައެވެ.

މުފްތީ މެންކުގެ މިބަސްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި އެހެން މީހުންގެ އެހީތެރިކަން ނުހޯދުމެއް ނޫނެވެ! ޚާއްޞަކޮށް ދީނީ ޢިލްމުވެރިންގެ އިރުޝާދު ނުހޯދުމެއް ނޫނެވެ! އެކަން ހުއްޓާލަން އެހީތެރިވާނެކަން ޔަޤީން ކުރެވޭ މީހެއްގެ ލަފާ ނުހޯދުމެއްވެސް ނޫނެވެ. އެ ނޫން މީސްމީހުންނާއި މަޝްވަރާ ނުކުރުމެވެ. އެއީ ދަންނަ އެންމެން ނުވަތަ އެކުގައި އުޅޭ، ޚާއްޞަކޮށް ފާފަކުރާ މީހުންނާއި މަޝްވަރާ ނުކުރުމެވެ.

ތިމާއަށް ކުރެވޭ ފާފައަކުން ސަލާމަތްވާން އެދޭ މީހާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރަން މަސައްކަތްކުރާށެވެ! ތިމާ ކުރާ ކޮންމެ ކަމެއް ކުރާއިރުވެސް ތިމާ މިކުރާ ޢަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެންނާށެވެ! އެއިރުން ފާފައެއް ކުރެވެން އުޅޭ ވަގުތުގައިވެސް އެކަން ހިތްމައްޗަށް އައިސް ބިރުވެތިވެވޭނެއެވެ! އިން ޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން