ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް އެކުވެރިންގެ ކުރިއަށް ބައިވެރިޔާނެރެ ނިކަން މިކަންކަން ތަޖުރިބާކޮށްލަބަލާށެވެ! ބަދަލުފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް އެކުވެރިންގެ ކުރިއަށް ބައިވެރިޔާނެރެ ނިކަން މިކަންކަން ތަޖުރިބާކޮށްލަބަލާށެވެ! ބަދަލުފެންނާނެ! އިން ޝާ ﷲ

އަޅުގަނޑުގެ ބައިވެރިޔާއަށް ބަދަލުތަކެއް އަންނަކަމަށް ޝައްކުކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވެ އެކުވެރިންގެ ގާތުގައި މަޝްވަރާއަކަށް އެހުމުން ދެނީ އެމީހުންނަށް ޑޭން އެންމެ ފަށޭހަ ޖަވާބެވެ. އެއީ އަވަހަށް ދެމީހުން ވަކިވުމެވެ. އެއީ ކުރަން އަޅުގަނޑަށް އެންމެ އުނދަގޫވާނެ ކަންތައް ކަމާއިމެދަކު ހަމައެކަކުވެސް ވިސްނައެއް ނުލައެވެ.

އަޅުގަނޑުމެން ދެމީހުން ވަކިވާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. މިކަން ޙައްލުކުރަންވެސް ބޭނުމެވެ. ވީމާ މިޙާލަތުގައި ކަންތައްކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިއަ ވާހަކަތައް ދައްކަންޖެހޭނީ ބައިވެރިޔާއާއިއެވެ. ސުވާލުކޮށް ވާހަކަދައްކަންވީ ބައިވެރިޔާއާއިއެވެ. އެކުވެރިންނާއިހަމައަށް ގެންދިއުމަކީ މާފަހުން ކުރަންޖެހޭނެ ކަމެކެވެ. ދެމީހުންގެ މެދުގައި މަޝްވަރާކޮށް ޙައްލުނުކުރެވުނުނަމަ ކުރަން އޮތް ކަމެކެވެ. ވީމާ ފުރަތަމަ ކަމަކަށް ބައިވެރިޔާއާއި މަޝްވަރާކުރާށެވެ! ޙައްލުނުވެއްޖެނަމަ ބައިވެރިޔާގެ ކިބައިން ލިބޭ ބަސް އަންގައިލާށެވެ!

އަދި ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

ކައިވެނިކޮށް ދުވަސްކޮޅެއް ފާއިތުވުމުން ވަރަށް ގިނައިން ކުރެވޭ އެއް ޝަކުވާއަކީ ބައިވެރިޔާ މުޅިން ބަދަލުވެއްޖެ ކަމުގެ ޝަކުވާއެވެ. އެއީ ކުރީގެ މީހާ ނޫން ކަމުގެ ޝަކުވާއެވެ. ކުރިން އަޅައިލިވަރާ ގާތަކަށްވެސް މިހާރު އަޅައިނުލާކަމުގެ ޝަކުވާއެވެ. ފަރުވާކުޑަކުރާ ކަމުގެ ޝަކުވާއެވެ.

މިފަދަ ޝަކުވާތަކުގެ ވާހަކަ އެކުވެރިންގެ ގާތުގައި ދެއްކުމުން އެކަމަށް ސަމާލުކަންދޭނީ މަދުއެކުވެރިއެކެވެ. އެންމެ ގިނައިން ބުނާނީ އަވަހަށް ކައިވެނި ރޫޅާލުމަށެވެ. މައްސަލަ ޙައްލުކުރެވިދާނެ ގޮތަކާއިމެދު ވިސްނައި ވާހަކަ ދައްކާނީވެސް ވަރަށް މަދު އެކުވެރިއެކެވެ. އެކަން އެނގެނީ މިފަދަ ޝަކުވާތައް އަހަރެންގެ ގާތުގައިކުރާ އެކުވެރިންގެ ވާހަކަތަކުންނެވެ.

މިފަދަ ޝަކުވާއެއް އަހަރެންގެ ގާތުގައި ކޮށްފިނަމަ ބުނަމެވެ.

މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ބައިވެރިޔާ ކުށްވެރިކުރުމުގެކުރިން އެންމެ ފުރަތަމަކަމަކަށް ތިމާގެ ޙާލަތާއިމެދު ވިސްނައިލާށެވެ. ކައިވެންޏަށްފަހު ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ތިބާއަށް އެބަ ދެވޭހެއްޔެވެ؟ ފިރިހެނަކު ނަމަ އަނބިމީހާ ގޮވައިގެން ބޭރަށް ގޮސްލުމާއި އުފާކޮށްލުން ފަދަ ކަންކަން ކުރަމުހެއްޔެވެ؟ ޗުއްޓީ ދުވަހެއް ލިބުމުން އެކުގައި ހޭދަކުރަމު ހެއްޔެވެ؟ ކުރިން ފާހަގަކުރިފަދައިން ދުވަސްތައް ފާހަގަކުރަމުހެއްޔެވެ؟ އެންމެ ފަހުން އަނބިމީހާއަށް ހަދިޔާއެއް ދިނީ ކޮންދުވަހަކުހެއްޔެވެ؟

އަންހެނަކު ނަމަ ބުނަމެވެ. ލޯބިވެގެން އުޅުނުއިރު ލޯބިވެރިޔާއަށް މަރުޙަބާކިޔައި އުޅުނު ގޮތަށް މިހާރުވެސް މަރުޙަބާ ކިޔަމުހެއްޔެވެ؟ ލޯބިވެރިޔާ އަންނަންވާއިރަށް ފެންވަރައި ރީތިވެގެން ހުންނަ ގޮތަށް މިހާރުވެސް ހުންނަން ހެއްޔެވެ؟ އެއިރު ހީނސަމާސާކޮށް އުޅުނު ގޮތަށް މިހާރުވެސް އެކަންކަން ކުރަމުހެއްޔެވެ؟

ކައިވެންޏަށްފަހު ހިތް ފުރޮޅިގެންދާ ބައަކު ނުތިބޭނެ ކަމަކަށް ނުބުނަމެވެ. ނަމަވެސް ހިތާމަ އާއިއެކު ބުނަން ޖެހެނީ ގިނައިން ކުރިމަތިވަނީ ހިތްފުރޮޅިގެންދިއުމުގެ މައްސަލަތަކެއް ނޫނެވެ. މިބުނިފަދަ ކުދިކުދި ކަންކަމުގައި ފޭލްވަމުން ގޮސް ކަންކަން ގޯހުން ގޯހަށްދަނީއެވެ. ކައިވެނި ރޫޅާލަންޖެހޭ ހާލަތަށް ކަންކަންދަނީއެވެ.

އަހަރެންދޭ ނަޞޭޙަތް އަޑުއަހައި ޢަމަލުކުރި ގިނަ އެކުވެރިންނަށް ވަނީ ކަންބޮޑުވުންތައް ފިލައިފައެވެ. އަލުން ހަމަ ލޯބިން އެކުގައި އުޅެވޭނެ ގޮތް މެދުވެރިވެފައެވެ. ގިނަ ދެމަފިރިންގެ މެދުގައި ވަނީ ލޯބި ކުރިއަށްވުރެ އިތުރުވެފައެވެ.

އަހަރެންގެ އެންމެ ބޮޑު ނަޞޭޙަތަކީ ބައިވެރިޔާގެ ކިބައިން ހިތް ނުރުހޭ ކަންކަން ފެންނަން ފަށައިފިނަމަ އެކަމުގައި ތިމާގެ އިހްމާލުވުން އޮތް މިންވަރު ބަލައިލުމެވެ. ޚާއްޞަކޮށް ބޭކާރު ގޮތުގައި ގެއިން ބޭރުގައި ވަގުތުތައް ހޭދަނުކޮށް ދެމަފިރިން އެކުގައި ވަގުތުތައް ހޭދަކުރުން ގިނަކުރުމެވެ. އަދި ދެމީހުންވެސް އެކަކު އަނެކަކަށް ކަންކަމުގައި އެހީތެރިވުމެވެ.

ކައިވެންޏަށްފަހު މުހިންމުވާންޖެހޭނީ އެކުވެރިންނެއް ނޫނެވެ! ބައިވެރިޔާއެވެ! ވީމާ ދިރިއުޅުމުގައި ޢަމަލުކުރާ ޕޮލިސީއަކީ "ފުރަތަމަ ބައިވެރިޔާ" ކަމުގައި ހަދާށެވެ! ކައިވެނީގެ ބޭނުމަކީވެސް އެއީއެވެ. "ފުރަތަމަ އެކުވެރިޔާ" ޕޮލިސީއަށް ޢަމަލުކުރާނަމަ ކައިވެނި ފޭލްވުނަ އޮންނާނީ ވަރަށް ގާތުގައެވެ.

މިލިޔުން ކިޔާ މީހުން ނިކަން ނިކަން މިކަންކަން ތަޖުރިބާ ކޮށްލައިބަލާށެވެ! ހެޔޮ ބަދަލެއް ފެންނާނެއެވެ! އިން ޝާ ﷲ

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން