އިއްޔެގެ ޢަދަދާ ގުޅޭ
އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުގައި ހުރި ބައެއް ފަރަޤު:
އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުތަކުގައި ހުރި ތަފާތަކީ ވަޟަޢީ ޤާނޫނަކީ އިންސާނުންގެ އިޚްތިރާމް ލިބޭ އެއްޗެއް ނޫނެވެ. އޭގައި، ހައިބުވަންތަ ކަމެއް ނުހުރެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަށް މުސްލިމުން އިޙްތިރާމު ކުރެއެވެ. އޭގައި ހައިބަތު ހުރެއެވެ. އެހެނީ، އެއީ މާތް ﷲ ގެ ޙަޟްރަތުން ބާއްވައިލެއްވުނު ޝަރީޢަތަކަށްވާތީއެވެ. އެފަރާތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ ފަރާތްކަމުގައި ވާތީއެވެ. އެއީ އިންސާނުންގެ ވެރި ރައްބު ކަމުގައި ވާތީއެވެ.
ވަޙީގެ ޒަމާނުގައި ރާ ބުއިމަކީ ފެންބުއިން ފަދައިން މީހުން ކޮށްއުޅުނު ކަމެކެވެ. ބަނގުރާ ބުއިމަށް އާދަވެފައި ތިބި ޞަޙާބީން ރަލާ ދުރުވީ ވަޙީގެ އެންމެ ކަލިމައެއް ކަންފަތުގައި ޖެހުމާއެކުއެވެ. ((فاجتنبوه)) މިކަލިމައެވެ. (ތިޔަބައިމީހުން އެކަމުން ދުރުވާށެވެ.) މިކަލިމައެވެ. އެއާއެކު އަނގައިގެ ތެރޭގައި ހުރި ރާފޮދުވެސް ބޭރުކޮށްލީއެވެ. ރުނބާތަކުގައި ހުރި ރާވެސް މަގަށް އޮއްސާލީއެވެ. މުޅި މަދީނާގެ މަގުތަކުން ރަލުގެ ސޭލުތައް ދެމިގެން ދިޔައެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ހައިބަތެވެ. އެއަށް ދެވިފައިވާ ޤަދަރެވެ. އޭގެ މަތިވެރިކަމެވެ. މި މަތިވެރިކަމާއި، އިޙްތިރާމާއި، ހައިބަތަކީ އެއްވެސް ވަޟަޢީ ޤާނޫނަކަށް ލިބޭނޭ ސިފަތަކެއް ނޫނެވެ.
އެހެންކަމުން، އިސްލާމީ ޝަރީޢަތުން ނަތީޖާ ނެރެދައްކާނެއެވެ. އިސްލާމީ ޝަރީޢަތުގައި، ރަލުގެ ވަބާއަށް ހައްލު ގެންނަނީ، އެތިއެތި ކޮޅުން ދީގެނެއް ނޫނެވެ. އަދި ހަމައެހެންމެ، ބާރު ދެރަ އެއްޗެހި ދީގެނެއްވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ރަލުގެ ވަބާ ހައްލުކުރަނީ އަޤީދާ ވަރުގަދަ ކޮށްގެންނެވެ. އިންސާނާގެ ވެރި ރައްބާ ގުޅުން ބަދަހިކޮށްގެންނެވެ. އެ އިލާހީ އިންސާނުން އިމްތިޙާނު ކުރައްވާ އިލާހެވެ. އެ އިލާހީ އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަން ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާ މީހުން އެވަބާއިން ނެރުމަށް އިލާހީ “ފޮރްގްރާމް” ވަނީ ކުރި ހޯދާފައެވެ. ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މި ޙަޤީޤަތް ދަނީ އަޅުގަނޑުމެންނަށް ފެންނަމުންނެވެ.
- މުދާ:
އިސްލާމީ ޝަރީޢަތުގައި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހެއްގެ މުދާ ހުއްދަނެތި އަނެކާ ބޭނުންކުރުން ވަނީ މަނާކުރެވިގެންނެވެ. މުދަލަށް ގެއްލުންދިނުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ހަމައެހެންމެ، އަމިއްލަ މުދާ އިސްރާފުކުރުމަކީ ވެސް ޙަރާމްކަމެކެވެ.
މީހުންގެ މުދާ ބާޠިލް ގޮތުގައި ކެއުން ވަނީ ހަރާމްކުރައްވާފައެވެ. ހަމައެފަދައިން، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި ޖުވާކުޅުން ވަނީ ޙަރާމްވެގެންނެވެ.
ރިބާއަށް ނަޒަރެއް:
ރިބާއަށް ބަލައިލަމާތޯއެވެ. ރިބާ ވަނީ މާތް ﷲ ޙަރާމް ކުރައްވާފައެވެ. އޭގެ ބަދަލުގައި ވިޔަފާރި ވަނީ ހުއްދަ ކުރައްވާފައެވެ. އިންސާނީ މަސްލަޙަތު ނިޔާކުރާ ގޮތަކީވެސް، ރިބާ އިން ދުރުވުމެވެ. ސަބަބަކީ، ރިބާގެ މުޢާމަލާތް ކުރެވޭ މުޖުމަތަމަޢެއްގެ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވެގެން ދިއުމެވެ. މުޖުތަމަޢުގެ މަދު މީސްކޮޅެއްގެ އަތްމައްޗަށް އިޤްތިސާދު ޖަމާވެ، ހުއްޓުމެވެ. އިޤްތިސާދުގެ ހަރަކާތް ކެނޑި ގަނޑުވުމެވެ. މީގެ ދެތިން އަހަރު ކުރިން ހުޅަނގުގެ އިޤްތިސާދު ވެއްޓުނީ، ރިބާގެ މުޢާމަލާތުގެ ސަބަބުން ކަމަށް އިޤްތިސާދީ މުޙައްލިލުން ބުނަމުންދަނީ އެސަބަބާ ހުރެއެވެ. ހުޅަނގުގެ ބައެއް މުޙައްލިލުން ޤަބޫލުކުރާ ގޮތުގައި، އިސްލާމިކް ބޭންކިންގ ދުނިޔޭގައި ނެތްނަމަ، އަރައިނުގަނެވޭ ފަދަ ވަޅުގަނޑަކަށް ދުނިޔޭގެ އިޤްތިސާދު ވެއްޓުނީސްއެވެ. އެހެންކަމުން، އިސްލާމިކް ބޭންކިންގއަށް އެބައިމީހުން މިސްރާބު ޖަހާފައިވުމީ ހައިރާންވާންޖެހޭ ފަދަ ކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައިވާ އިޤްތިސާދީ ނިޒާމަކީ އިންސާނިއްޔަތަށް އެންމެ ބޭނުންހިފޭ އަދި އެންމެ މަސްލަހަތު ހުރި ނިޒާމުކަމަށް އިޤްތިސާދީ މާހިރުން ވިދާޅުވާކަމީ ޙަޤީޤަތެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ވެރިރައްބު އިންސާނާއަށް ދެއްވާފައިވާ ޝަރީޢަތެކެވެ.
އިސްވެ ދެންނެވި ފަދައިން، އިސްލާމީ ޝަރީޢަތުގައި އެހެން މީހެއްގެ މުދާ ނުޙައްޤުން ބޭނުން ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެފަދަ ޖަރީމާތަކަށް ވަނީ ހައްދުތަކަކާއި ޙުކުމްތަކެއް ކަނޑައެޅިފައެވެ. ބައެއް މީހުން ދެކޭގޮތުގައި މިޙުކުމްތަކަކީ ހަރުކަށި ލާއިންސާނީ ޙުކުމްތަކެކެވެ. އެއީ ވިސްނުމުގެ ކޮށިކަމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ ގަސްތުގައި އިސްލާމީ ޝަރީޢަތުގެ ރީތިކަން ގެއްލުވާލަން ދައްކާ ވާހަކަތަކެއް ކަމަށްވެސް ވެދާނެއެވެ. ޔަޤީންވާ ކަމަކީ އެއީ އެއްވެސް ތާކުން ތާނކު ނުޖެހޭ ޙަޤީޤަތާ މުޅިން ޚިލާފު ދޮގު ތުހުމަތުތަކެއް ކަމެވެ.
(އަދި ނުނިމޭ)
ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމަކުން