މޫސާގެފާނު ވާހަކަ- 20: ގެރީގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 20މ 18ސ
މޫސާގެފާނު ވާހަކަ- 20: ގެރީގެ ވާހަކަ

ޢަލީ އިޙްޞާން ފިރާޤް 

 

ގެރީގެ ވާހަކަ: 

އެއްފަހަރު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި ޙައްޤަކާ ނުލައި މީހަކު ޤަތުލުކޮށްލެވުނެވެ. މިކަމުގެ ފައިޞަލާކުރުމަށް އެބައިމީހުން މޫސާގެފާނުގެ އަރިހަށް ދިޔައެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 72 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا ۖ وَاللَّـهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ ﴿٧٢

މާނައީ: [ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް، اللَّه ހާމަކުރައްވައި، ނެރުއްވާހުށްޓެވެ.]

މި މަރުގެ ޤާތިލަކީ ކޮބައިތޯ ބެލުމަށްޓަކައި، މާތް ގެ އަމުފުޅުގައިވާ ގޮތަށް މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންންނަށް އަމުރުކުރެއްވީ ގެރިއެއް ކަތިލުމަށެވެ. މޫސާގެފާނު އެހެން ބަނީ އިސްރާއީލުންނަށް އެންގެވުމުން އެބައިމީހުން ހީކުރީ މޫސާގެފާނު އެބައިމީހުންނަށް މަލާމާތްކުރައްވަނީ ކަމަށެވެ. އެހެނީ އެބައިމީހުން އައީ މަރެއްގެ ޤާތިލު ހޯދައި އިންޞާފު ހޯދުމަށެވެ. މި ވާހަކަ ބަޤަރާ ސޫރަތުގެ 67 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَإِذْ قَالَ مُوسَىٰ لِقَوْمِهِ إِنَّ اللَّـهَ يَأْمُرُكُمْ أَن تَذْبَحُوا بَقَرَةً ۖ قَالُوا أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِاللَّـهِ أَنْ أَكُونَ مِنَ الْجَاهِلِينَ ﴿٦٧

މާނައީ: [އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.]

ގެރިއެއް ކަތިލަން ޖެހުމުން ބަނީ އިސްރާއީލުބާގައިގެ މީސްތަކުން އެކަމާ ސުވާލުތައް ގިނަކުރަމުން ގެންދިޔައެވެ. އެގެރީގެ ސިފަތަކާ ބެހޭގޮތުންނެވެ. އެހެންކަމުން އެގެރީގެ ފުރިހަމަ ސިފަތައް އަރަހުށި މާތް އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. މި ވާހަކަ ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 68 ވަނަ އާޔަތުން ފެށިގެން 71 ވަނަ އާޔަތުގެ ނިޔަލަށް ވަރަށް ތަފްޞީލު ގޮތެއްގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَٰلِكَ ۖ فَافْعَلُوا مَا تُؤْمَرُونَ ﴿٦٨﴾ قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَّوْنُهَا تَسُرُّ النَّاظِرِينَ ﴿٦٩﴾ قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِن شَاءَ اللَّـهُ لَمُهْتَدُونَ ﴿٧٠﴾ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ الْأَرْضَ وَلَا تَسْقِي الْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا الْآنَ جِئْتَ بِالْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا يَفْعَلُونَ ﴿٧١

މާނައީ: [އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ! އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (عيب ތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެއުރެން ދެންނެވޫއެވެ. މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ. ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ.]

ދެން އެބައިމީހުން އެ ގެރި ކަތިލުމުން އަރަހުށި މާތް އެންގެވީ ކަތިލި ގެރީގެ ބަޔަކުން މަރުވެފައިވާ މީހާގެ ގައިގައި ޖެހުމަށެވެ. ބަޤަރާ ސޫރަތުގެ 73 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّـهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ ﴿٧٣

މާނައީ: [ދެން ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، اللَّه އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ.]

އިބްނު އަބީ ޙާތިމް، عبيدة السلماني ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި ދަރިޔަކު ނުލިބި ހުރި މުސްކުޅި ފިރިހެނަކު އުޅުނެވެ. އޭނާއަކީ ވަރަށް ބޮޑު މުދާވެރިއެކެވެ. އެ މުދާތަކުގެ ވާރިޘެއްކަމުގައި ހުރީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އެ މުދާތަކުގެ ދަހިވެތިކަމުގައި އެ ފިރިހެންކުއްޖާ އޭނާގެ ބޮޑުބޭބެ ރޭގަނޑުގެ ވަގުތެއްގައި ޤަތުލުކުރިއެވެ. އެއަށްފަހު މައްޔިތާގެ ހަށިގަނޑު ގެންގޮސް އެހެންމީހެއްގެ ގޭގެ އޮޅިގަނޑުމަތީގައި ބޭއްވިއެވެ.

ދެންފަހެ، ހެނދުނުވެ މީސްތަކުން ހޭލަމޭލަވާންފެށުމުން އެއްކަލަ ފިރިހެންކުއްޖާ އެގޭގެ ކައިރިއަށް ގޮސް އޭނާގެ ބޮޑުބޭބެގެ ޤާތިލުގެ ފަރާތުން ބަދަލުހިފުމަށް އުޅެގެންފިއެވެ. މިކަމުގައި މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ހަތިޔާރު އުފުލައި ލޭއޮހޮރުވުމަކާ ގާތައް ކަންތައްތައް ދިޔައެވެ.  މިތަންދެކެ، އެބައިމީހުންގެ ތެރޭގައި ހުރި ބުއްދިވެރިއަކު ބުނެފިއެވެ.

[އެއްބަޔަކު އަނެއްބަޔަކާ ތަޅައިފޮޅައި މަރާ ހިސާބަކަށް އަދި ދާވަރެއް ނުވެއެވެ. ކަލޭމެންގެ ތެރޭގައި އެހުންނެވީ މާތް ގެ ނަބިއްޔާއެވެ.]

ދެން އެބައިމީހުން މޫސާގެފާނު އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅުދެކެ ކަންތައް ހިނގައިގެން އުޅޭ ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ.  މިބައިމީހުންގެ ވާހަކަތައް އަޑު އައްސަވައި މޫސާގެފާނު ވިދާޅުވިއެވެ.

[ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ.] އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. [(އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.]

އެބައިމީހުން ގެރީގެ ސިފަޔާމެދު ސުވާލުތައް ގިނަކޮށް ޖަދަލުކުރުންތައް ގިނަ ނުކުރިނަމަ، ކޮންމެ ކަހަލަ ގެރިއެއް އެބައިމީހުން ކަތިލި ނަމަވެސް ފުދުނީހެވެ. ނަމަވެސް އެބައިމީހުންގެ ސުވާލު ގިނަކަމުންނާއި ޖަދަލުކުރުންތަކުގެ ސަބަބުން އެކަންތައް އެބައިމީހުންނަށް އުނދަގޫ ކަމެއްކަމުގައި ލެއްވިއެވެ. އެބައިމީހުންނަށް ކަތިލުމަށް އަމުރުވެވުނު ކަހަލަ ގެރިއެއް ފެނުނީ އެންމެ މީހެއްގެ އަތުންނެވެ. އޭނާ އެބައިމީހުންނަށް ބުންޏެވެ.

[ތިމަން އެ ގެރި ތިޔަބައިމީހުންނަށް ވިއްކާނީ، އޭގެ ހަންގަނޑުފުރައި، ރަންދޭ މަތިންނެވެ]

ދެން އެބައިމީހުން އޭނާ އެދުނު ފަދައިން އަގުދީފައި އެ ގެރި ގަނެގެން ގެންގޮސް ކަތިލައިފިއެވެ. އެއަށްފަހު އެގެރީގެ ބަޔަކު މަރުވެފައިވާ މީހާގެ ގައިގައި ޖެހުމުން އޭނާ އަށް ފުރާނަލިބި ތެދުވެއްޖެއެވެ. ދެން ބަނީ އިސްރާއީލުބާގައިގެ މީސްތަކުން އޭނާއާ މުޚާތަބުކޮށް ބުންޏެވެ.[ ކަލޭ މަރާލީ ކާކު ހެއްޔެވެ؟] އޭނާ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖާއާ ދިމާއަށް އިޝާރާތްކޮށްފައި، އޭނާ ޤަތުލު ކުރި މީހަކީ އެއީ ކަމުގައި ބުންޏެވެ.

ދެން އެއަށްފަހު އޭނާ މަރުވެގެން ވެއްޓުނެވެ. އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖާއަށް އެއްވެސް ވާރުތަ މުދަލެއް ނުލިބޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ. އޭގެ ފަހުން މަޤުތޫލުގެ ފަރާތުން ޤާތިލަށް ވާރުތަ ނުވާނެ ގޮތް ހަމަޖެހިގެން ދިޔައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 256}

 ޢަބުލް ޢާލިޔާ ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު ރިވާ ކުރައްވައިފައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި މުއްސަނދި ފިރިހެނަކު އުޅުނެވެ. އޭނާގެ އެއްވެސް ދަރިއަކުނުވެއެވެ. ނަމަވެސް އޭނާއަށްފަހު އޭނާގެ މުދާ ވާރުތަވާ ގާތްތިމާގެ މީހަކު އުޅުނެވެ. އެމީހާ އެ މުއްސަނދިމީހާ ޤަތުލުކޮށް ހަތަރުއަނގޮޅި ކަންމައްޗަށް ވާގޮތަށް އެއްލައިލިއެވެ. ދެން މި ޤާތިލު ކަލޭގެ މޫސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ.

[އަޅުގަނޑުގެ ތިމާގެ މީހަކު ޤަތުލުކޮށްފައި އޮއްވައި ފެނިއްޖެއެވެ. ކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް ޤާތިލުގެ ޚަބަރު ދެއްވުމަށް ކުޅަދާނެވެގެނެއްނުވެއެވެ.]

އޭނާގެ ވާހަކަ އައްސަވައި، މޫސާގެފާނު ގޮވައިލެއްވިއެވެ. މިވެނި މީހަކު ޤަތުލުކުރި މީހަކު އެނގޭނަމަ މާތް އަށްޓަކައި ތިމަންކަލޭގެފާނަށް އެމީހެއްގެ ޚަބަރު ދޭށެވެ.] ނަމަވެސް އެއްވެސް މީހަކަށް އެޤާތިލުގެ ޚަބަރު އެނގުނު ކަމަކަށް ނުވިއެވެ. ދެން އެ ޤާތިލު މޫސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [ކަލޭގެފާނަކީ، މާތް ގެ ނަބިއްޔެކެވެ. ވަޙީގެ ޒަރިއްޔާއިން އެ ޤާތިލުގެ ޚަބަރު އަންގަވައިދެއްވުން އެދިވަޑައިގެން މާތް ގެ ޙަޟްރަތުގައި ދަންނަވައި ދެއްވާށެވެ.] ދެން މޫސާގެފާނު މާތްގެ ޙަޟްރަތުގައި އެދިވަޑައިގެންނެވުމުން ކަންތައް ކުރަންވީ ގޮތް މާތްﷲ އެކަލޭގެފާނަށް އަންގަވައި ދެއްވިއެވެ. އެހިނދު މޫސާގެފާނު ވިދާޅުވިއެވެ.

[ހަމަކަށަވަރުން ގެރިއެއް ކަތިލުމަށް މާތްއަމުރު ކުރައްވައެވެ.] އެބައިމީހުން މިކަމާ ޢަޖާއިބުވެ ދެންނެވިއެވެ. [ތިމަންމެންނީ ކަލޭގެފާނު ފުރައްސާރަ ކުރާ ބަޔަކުކަމުގައި ހައްދަވަނީތޯއެވެ؟] މޫސާގެފާނު ވިދާޅުވިއެވެ. [ތިމަންކަލޭގެފާނު ޖާހިލުންގެ ތެރެއިން ވެވަޑައިގަތުމުން ރައްކާތެރިކަން ދެއްވުމަށް މާތްﷲ ގެ ޙަޟްރަތުން އެދިވަޑައިގެންނަވަމެވެ.] ދެން އެބައިމީހުން ދެންނެވިއެވެ. [އެއީ ކޮންވައްތަރެއްގެ ގެރިއަށްކަން ތިމަންމެންނަށް އަންގަވައި ދެއްވަފާނުތޯއެވެ؟ އެއީ ކޮންކަލަ ގެރިއެއްކަން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދަންނަވައި ދެއްވަ ބައްލަވާށެވެ.]

މޫސާގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، މާތް، ވަޙީ ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް އަމުރު ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ!] އެއުރެން ދެންނެވޫއެވެ. [އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ!] އެކަލޭގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެކަލާނގެ ވަޙީ ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ.]

އެއުރެން ދެންނެވޫއެވެ. [އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދަންނަވައިދެއްވާށެވެ! (އެހެނީ) ހަމަކަށަވަރުން (ތިޔަ ސިފަކުރައްވާ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ (އެކަމަށް) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ.]

މޫސާގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެކަލާނގެ ވަޙީ ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. ޢައިބުތަކުން ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ.] އެއުރެން ދެންނެވޫއެވެ. [މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ.] ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ. އެއުރެންތިބީ، އެކަން ކުރާހިތަކުން ނޫނެވެ.

އަބުލް ޢާލިޔާ ވިދާޅުވެފައިވެއެވެ. [އެބައިމީހުން ފުރަތަމަވެސް ކޮންމެ ކަހަލަ ގެރިއެއް ކަތިލިކަމުގައި ވިޔަސް އެބައިމީހުންގެ މަޤުޞަދު ޙާޞިލުވީސްކަން ކަށަވަރެވެ. ނަމަވެސް އެބައިމީހުން، ސުވާލުކުރުމުގެ ބުރައުފުލުމުން، އަރަހުށި މާތްﷲ އެބައިމީހުންނަށް އެބުރަ ޖެއްސެވީއެވެ. އަދި އެބައިމީހުން މާތްﷲ ގެ އިރާދަފުޅުގެ ވާހަކަ ނަންނުގެންނަމަ، ދުވަހަކުވެސް އެބައިމީހުންނަށް އެގެރިއެއް ނުފެނުނީހެވެ.]

އަދިވެސް އަބުލް ޢާލިޔާ ވިދާޅުވެފައިވެއެވެ. [ތިމަންމެންނަށް ޚަބަރު ލިބިވައިވާ ގޮތުގައި އެގެރި އެބައިމީހުންނަށް ލިބުނީ ޔަތީމުކުއްޖެއްގެ އަތުންނެވެ. އެ ޔަތީމު ކުއްޖާގެ ކަންތައްތައް ބަލަހައްޓަނީ މުސްކުޅި އަންހެކެވެ. އެގެރީގެ އަގުބޮޑުކަމުގެ ވާހަކަ މޫސާގެފާނަށް އެބައިމީހުން ދެންނެވިއެވެ. އަދި ގެރި އޮތްތަނުގެ ވާހަކަވެސް އެބައިމީހުން ދެންނެވިއެވެ. އެއަށްފަހު އެބައިމީހުން ގޮސް އެ އަންހެން މީހާ ރުހޭ އަގެއްދީފައި އެގެރި ގަނެގެން އައިސް ކަތިލައިފިއެވެ.

ދެން އެގެރީގެ މަސްކޮޅަކުން ނުވަތަ ގެރީގެ އެތިކޮޅަކުން މަރުވެފައިވާ މީހާގެ ގައިގައި ޖެހުމަށް މޫސާގެފާނު އެންގެވިއެވެ. ހަމަޖެހުމާއެކު މަރުވެފައިވާ މީހާ ދިރިގެން ތެދުވެއްޖެއެވެ. އަދި އޭނާގެ ޙަޤީޤީ ޤާތިލަކީ ކޮބައިކަން ބުނުމަށްފަހު އޭނާ މަރުވެއްޖެއެވެ. ދެން އެބައިމީހުން އެ ޤާތިލު ހޯދިއެވެ. ޤާތިލެއްކަމުގައިވީ މޫސާގެފާނުގެ އަރިހަށް މައްސަލައާގެ އައި މީހާއެވެ.] {އިބްނު ޖަރީރުއް ޠަބަރީ، ޖާމިޢުލް ބަޔާން ފީ ތަފްސީރުލް ޤުރްއާން، ދެވަނަ ޖިލްދު، ޞަފްޙާ 77-78، ޕަބްލިޝް ކުރީ دار هجر للطباعة والنشر}

ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ގެރިކަތިލައި އޭގެ ބަޔަކުން މަރުވެފައިވާ މީހާގެ ގައިގައި ޖެހުމުން އޭނާއަށް ދިރުން ލިބުނެވެ. އޭނާ އަށް ދެންނެވުނެވެ. [ކަލޭ ޤަތުލުކުރީ ކާކު ހެއްޔެވެ؟] އޭނާ ބުންނެވެ. [ތިމަންނާ ޤަތުލުކުރީ، ތިމަންނައަށް ބޮޑުބޭބެ ކިޔާ ކުއްޖާއެވެ.] އެހެން ބުނުމަށްފަހު އޭނާ މަރުވެއްޖެއެވެ. އޭނާ މަރުވުމުން އޭނާއަށް ބޮޑުބޭ ކިޔާ ކުއްޖާ ބުނެފިއެވެ. [މާތްގަންދެމެވެ. އަހަރެން އޭނާ ޤަތުލެއް ނުކުރަމެވެ.] މިހެން ކިޔައި އެކަން ދެކެދެނެތިބެމެ، ޙައްޤަށް އިންކާރު ކުރަންފެށިއެވެ. ދެން އެބައިމީހުންނާމެދު މާތްވަޙީ ކުރެއްވިއެވެ. فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ މާނައީ: ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 263}

މިދެންނެވި ރިވާޔަތުގައި ބަޔާންކޮށްފައިއެވަނީ ސޫރަތުލް ބަޤަރާގެ 74 ވަނަ އާޔަތުން ބައެކެވެ. އެ އާޔަތުގެ ފުރިހަމަ މާނަ އަންނަނީ މި ދަންނަވާ ޢިބާރާތުންނެވެ.

ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّـهِ ۗ وَمَا اللَّـهُ بِغَافِلٍ عَمَّا تَعْمَلُونَ ﴿٧٤

މާނައީ: [ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ދުވަސްތައް ފަށްފަށްވަމުން ދިޔަ ވަރަކަށް ބަނީ އިސްރާއީލުންގެ ހިތްތައް ދިޔައީ ގާވެ ހަރުކަށިވަމުންނެވެ. އެއްވެސް ކަހަލަ ވަޢުޡަކުން އެބައިމީހުންގެ ހިތްތަކަށް އަސަރެއްނުކުރެއެވެ. މުޢުޖިޒާތްތަކާއި އާޔަތައް ފެނުމަށްފަހުވެސް، އެބައިމީހުންނަށް އެއްވެސް ކަހަލަ އަސަރެއް ނުކުރެއެވެ. އެބައިމީހުންގެ ހިތްތައް ހަރު ހިލަޔަށްވުރެވެސް ހަރުވެގެން ދިޔައެވެ. ހިލަތަކުގެ ތެރޭގައިވެސް އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަވެއެވެ. އަނެއްބައި ހިލަތައް އަރަހުށި މާތް އަށް ބިރުން ފަރުބަދަމަތީން ވެއްޓި ކުދިކުދިވެގެންދެއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 263}

 

މިއަދު އޮންލައިން