ބައިވެރިޔާއަށް ނަމަވެސް މާފުނުކޮށް ބަދަލުހިފަން ބޭނުންވާ މީހުންނަށް އެންމެ ބޮޑީ ނަރަކައިން ސަލާމަތް ނުވެދާނެކަމުގެ ބިރު!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ބައިވެރިޔާއަށް ނަމަވެސް މާފުނުކޮށް ބަދަލުހިފަން ބޭނުންވާ މީހުންނަށް އެންމެ ބޮޑީ ނަރަކައިން ސަލާމަތް ނުވެދާނެކަމުގެ ބިރު!: ޝައިޚް މުޙައްމަދު ހޮބްލޮސް

މިއަދު އަހަރެމެންގެ ޙާލަތު މިއޮތީ ކޮންފަދައަކުންހެއްޔެވެ؟ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަނީ އެކުގައެވެ. ސަލާމް ދީފައި ފައިބައިގެންދާއިރު އެކަކު އަނެކަކަށް ސަލާމް ނުކުރާ ތަނުގައި ބަލައިވެސް ނުލައެވެ! ކައިވެނީގެ ޙަފްލާތައް ފަދަ އުފާވެރި މާޙައުލުތަކުގައި ތިބޭއިރު އެކަކު އަނެކަކަށް ހިނިތުންވެލުމެއްނޯވެއެވެ. ހީނލައިފިނަމަ ހީކުރާނީ ކަމަކު ބޭނުންވެގެން އުޅޭހެންނެވެ.  

ބައެއް ގޭގޭގައި އެންމެން އެކުގައި އެއްމޭޒެއްގައި ތިބެގެން ކައި ނިންމާލާފައި ތެދުވާއިރު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ! ބައެއް ގޭގޭގައި އެއްގެއެއްގައި ދިރިއުޅޭއިރު އަޚުންނާއި އުޚުތުން ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ! އަދި ކީއްހެއްޔެވެ؟ ދެބެއިން އެކަކު އަނެކަކާއި ވާހަކަ ނުދައްކާތާ ފާއިތުވީ ކިތައް އަހަރުކަން ނުއެނގޭ މީހުން ވެސް އެބަ އުޅެއެވެ.  

މިފަދަ އެންމެންވެސް ބުނަނީ އެމީހުންނަކީ މުސްލިމުން ކަމަށެވެ! ނަމަވެސް އެމީހުންނަކީ ފުރިހަމަ މުސްލިމުން ކަމަށް ބުނެވެން އޮތީ ކިހިނަކުން ހެއްޔެވެ؟  

އެމީހުންގެ މިފަދަ ޢަމަލުތަކަކީ އިންޞާފުވެރި ޢަމަލުކަން ބަޔާންކުރަން ބައެއް މީހުން ބުނަނީ މިވެނި އެވެނި އުޚުތަކު ނުވަތަ އަޚަކު ތިމަންނާއަށް މިވެނި އެވެނި އަނިޔާއެއް ކޮށްފައިވާ ކަމަށާއި އިސްލާމް ދީނުގައި އޮންނަ ފަދައިން ޤިޞާޞް ހިފަން ބޭނުން ކަމަށެވެ. އެމީހަކަށް ލިބުނު އަނިޔާ އާއި އެއްވަރުގެ އަނިޔާއެއްކޮށް ބަދަލުހިފަން ބޭނުން ކަމަށެވެ!  

މިކަމުގައި ހުރި ބިރުވެރިކަމަށް ވިސްނައިލަމާ ހެއްޔެވެ؟ އަހަރެން ބުނަމެވެ! މިފަދައިން ވިސްނައި ބުނެ ޢަމަލުކުރާ މީހުންނަކީ ލަޢްނަތް ލެއްވެވިގެންވާ ބައެކެވެ. އަހަރެންނަށް އެނގިހުރި ކަންކަމުގެ މައްޗަށް ބުރަވެ ބުނަމެވެ. މިގޮތަށް ބަދަލު ހިފަން ބޭނުންވެގެން ހަސަދަވެރިކަމުގައި ތިބޭ މީހުންނާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ވެސް ކަންކަން މިންވަރުކުރައްވަވާނީ ހަމައެފަދައިންނެވެ! ބަދަލަށް ބަދަލު ހިއްޕަވާނެތެވެ!  

މާނައަކީ އެމީހާ ކޮށްފައިވާ ފާފަތަކަށް ޙައްޤު ޢަޒާބު ދެއްވަވާނެތެވެ! އޭނާގެ އަޚުންނަށް މާފު ނުކުރީތީ އެވެ! ޙސަވެރިކަމުގައި ދެމިހުރީތީއެވެ! މާފުކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކުރީތީއެވެ!  

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވޭ މީހެކެވެ! އެފާފަތައް ﷲ ތަޢާލާ ޢަފޫނުކުރައްވަވައިފިނަމަ ދާން ޖެހޭނީ ނަރަކައަށް ނޫންހެއްޔެވެ؟ ވީމާ ކުރިން ބަޔާންކުރި ފަދައިން ހަސަދަވެރިކަމުގައި މާފުނުކޮށް ތިބޭ މީހުންނަށް ދާން ޖެހޭނީ ނަރަކައަށް ކަމުގައި ވެދާނެ ކަމަށްޓަކައި ބިރުވެތިނުވެ ނަރަކައިން ސަލާމަތްވެވިދާނެ ހެއްޔެވެ؟  

މީސްތަކުންނޭވެ! ކޮންމެ މީހަކުވެސް އުންމީދުކުރަނީ އެމީހަކަށް ކުރެވޭ ކުދި ބޮޑު ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައި ސީދާ ސުވަރުގެ ވަދެވުމަށެވެ! ނަމަވެސް އެމީހާގެ އަޚާއަށް ކުރެވޭ ކުޑަކުޑަ ކުށަކަށް ތިމާ މާފުކުރަން ބޭނުމެއް ނުވެއެވެ! މިއީ ކޮންފަދަ ނުބައިކަން ބޮޑު ވިސްނުމެއް ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ތިބާ އެތައް އަހަރެއް ވަންދެން ކުރި ޒިނޭތަކާއި ބުއި ރާތަކާއި ވެފައިވާ ޚިޔާނާތްތަކަށާއި މީހުންނަށް ކުރި ބޮޑެތި އަނިޔާތަކަށާއި ކުރި އެހެން ބޮޑެތި ފާފަތައް ފުއްސަވައި ދެއްވެވުމަށް ﷲ ތައާލާގެ ޙަޟްރަތުން ތިބާ އެބަ އެދުމުއެވެ. ނަމަވެސް ތިބާގެ މުސްލިމް އަޚާއަށް ކުރެވޭ ކުޑަކުޑަ ކުށަކަށް ފާފަކުރުމުގެ ހިތްވަރު ތިބާގެ ކިބައި ނެތުމުން ދެން މިކުރެވެނީ ކީއްހެއްޔެވެ؟  

މީސްތަކުންނޭވެ! ލޯބިވާ އަނބިން ފިރިންނަށް، ފިރިން އަނބިންނަށް ކުރެވޭ ކުށްތަކަށް މާފުކުރަން ފަސް ނުޖެހޭށެވެ! މައިންބަފައިންނަށް ބުނެވޭ ބަސްތައް ހިތުގައި ބާއްވައި ރުޅިވެރިކަން ނުބާއްވާށެވެ! ޢާއިލާގެ މީހުންނާއި މުސްލިމް އަޚުންނާއި އުޚުތުންނަށާއި އެންމެންނަށް ދީލަތި ކަމާއިއެކު މާފުކުރާށެވެ!  

މީސްތަކުންނޭވެ! ތަކުރާރުކޮށް ބުނަމެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭނަމަ ތިބާގެ މުސްލިމް އަޚުންނަށް މާފުކުރާށެވެ! ޙަސަދަވެރިކަން ހިތުގައި ނުބާއްވާށެވެ! އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ކޮންމެވެސް މިންވަރަކަށް ބުނެދެވިއްޖެ ކަމަށް އުންމީދުކުރަމެވެ! އިބްރަތް ޙާޞިލުކުރާށެވެ!  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން