ތިމާގެ އުފަލަށްޓަކައި ބައިވެރިޔާގެ ހިތުގަ ޖެއްސުވުމަކީ އެމީހަކަށް އެއަށްވުރެ ބޮޑު ހިތާމަކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިމާގެ އުފަލަށްޓަކައި ބައިވެރިޔާގެ ހިތުގަ ޖެއްސުވުމަކީ އެމީހަކަށް އެއަށްވުރެ ބޮޑު ހިތާމަކުރަންޖެހޭނެ ކަމެއް!

އަނެކާއަށް ކުރި ކޮންމެ އަނިޔާއެއް، އެއަނިޔާކުރި މީހަކަށް ޙައްޤުވާނެއެވެ. ވީމާ ކޮންމެވެސް ސިފައެއްގައި އެކަން އައިސް ތިބާއާއި ކުރިމަތިލާނެއެވެ. އަތުލައިގަންނާނެއެވެ. ތިބާ އަނިޔާކުރި މީހާއަށް ދިން ގެއްލުމުގެ އެތައް ގުނައެއް އިތުރަށް ދޭނެއެވެ.  

އެހެންވެ އަހުރެމެންގެ ދީނުގައި މީސްތަކުންނަށް އެންމެ ކުޑަމިނުން ބަސްބުނަންވެސް އޮންނަނީ އެމީހާގެ ޙާލަތަށް ބަލައިގެންނެވެ. އެމީހަކީ ހިތާމައެއްގައި އުޅޭ މީހަކުނަމަ ސަމާސައަށްވެސް ބަސްބުނަންޖެހޭނީ އެމީހަކަށް އެކަން ބަލައިގަނެވޭނެ މިންވަރުންނެވެ. އޭނާގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއްވެސް ބުނުން ހުއްދައެއް ނޫނެވެ.  

އެހެންކަމަށްވާއިރު އެއްވެސް މީހެއްގެ ހިތުގައި ޖައްސުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް ހިތާމައެއް ކުރިމަތިވެދާނެ ކަމެއް ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ އޭނާގެ ލޮލުން ކަރުނަ އޮހޮރަންޖެހޭނެ ފަދަ ކަމެއް ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  

ދަރިވަރަކު އޭނާގެ އަނބިމީހާއަށް ދެރަ ނިކަމެތި ގޮތް ހަދާފައި ގޮސް އޭނާގެ އުސްތާޛަށް އެވާހަކަ ކިޔައިދިނެވެ. އަނބިމީހާ ކުރި ކުށްތައްވެސް ކިޔައިދިނެވެ. އުސްތާޛްގެ ޖަވާބު އެނގޭހެއްޔެވެ؟ ވިދާޅުވީ އަނބިމީހާ ކުރީ ކިތަންމެ ބޮޑު ކުށެއް ނަމަވެސް އޭނާގެ ހިތުގައި ޖެއްސުވިކަން އެއީ އޭނާކުރި ބޮޑު ކުށެކެވެ. ވަރިކުރަން ބޭނުންނަމަ ރިވެތިގޮތުގައި ވަރިކުރާނީއެވެ. އެކަމަކު ދެރަކޮށް ނިކަމެތިކޮށްލުން ހުއްދައެއް ނޫނެވެ. ވީމާ ގޮސް އޭނާގެ ކިބައިން މާފަށް އެދޭށެވެ. އަދި ޢިއްދައިގެ ޚަރަދުވެސް ދޭށެވެ. ނޫންނަމަ ތިބާގެ ބޮލުގައި އެޅޭނެ ފާފައިގެ ބޮޑުމިން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ކުރިކުށަށް ﷲ ތަޢާލާ އޭނާއަށް ޝަޒާ ދެއްވަވާނެއެވެ. އެއީ ތިބާ އޭނާއަށް އަނިޔާވެރިވާންޖެހޭ ސަބަބެއް ނޫނެވެ.  

މިއީ ކުށްކުރި އަނބިމީހާއާއިމެދު ވިދާޅުވި ބަސްފުޅެވެ. ކަން އޮތީ މިފަދައިން ކަމަށްވާއިރު ތިމާގެ އަމިއްލަ އުފަލަށްޓަކައި އަނބިމީހާ ހިތުގައި ޖައްސުވާ މީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަދި ފިރިމީހާގެ ހިތުގައި ޖެއްސުވިނަމަވެސް ކަންއޮތީ ހަމަ މިގޮތަށެވެ.  

ދިރިއުޅުމުގައި އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ ކަމަކާއިވެސް ކުރިމަތިލާންވާނީ ތިމާ ފާފަވެރިނުވާނެ މަގުންނެވެ. ތިމާއަށް ހެޔޮ ގޮތްތައް ތަނަވަސްވަމުންދާނީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން