ހަނދުމަކޮށްދިނުމެއް! ރަސޫލް ޞޢވ ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަނދުމަކޮށްދިނުމެއް! ރަސޫލް ޞޢވ ގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅު!

އިންސާނުންނަށް އެންމެ މަތީ ދަރަޖައަށް ވާސިލްވެވެނީ އެމީހުންގެ އަޚްލާޤުންނެވެ. އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ހުރެގެންނެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ދެވޭނެ ގިނަ ބައަކީވެސް ރިވެތި އަޚްލާޤްގެ މަތީގައި ދުނިޔޭގައި އުޅުނު މީހުން ކަމަށްވުމަކީ އެކަމުގެ ދަލީލަކަށް ފުދެއެވެ.

ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދާންކުރެވޭނީވެސް އަދި ފާފަކުރުމުން އެކަމަށް ދެރަވެ ތައުބާވެވޭނީވެސް މީސްތަކުންނާއި ރިވެތި ގޮތުގައި ކުރިމަތިލެވޭނީވެސް އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ހުރެގެންނެވެ. ވީމާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިން ވަރަށް ފަސޭހައިން ޢަމަލުކުރެވިދާނެ 3 ވަޞިއްޔަތްފުޅާއިމެދު ވިސްނައިލާށެވެ.  

"ކޮންމެ ތަނެއްގައި ހުރިނަމަ ﷲ ގެ މަތިން ހަނދުމަކުރާށެވެ!

ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން ހެޔޮ އަމަލެއްކޮށް ފާފަ ފުހެލާށެވެ!

ރިވެތި އަޚްލާޤާއިއެކު މީސްތަކުންނާއި ކުރިމަތިލާށެވެ!"

ފުރަތަމަ އެއޮތީ ކޮންމެ ތަނެއްގައި ހުރިނަމަވެސް އަބަދުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. އެއީ ކުރަން ކިހައި ފަސޭހަކަމެއްހެއްޔެވެ؟ އެހެނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭ މީހަކަށް ފާފައަކަށް އަރައިގަނެވުން ވަރަށް މަދުވާނެއެވެ. ޖުމުލަކޮށް ބުނާނަމަ ފާފަކުރުމުން ސަލާމަތްވެވޭނެއެވެ. ދުރުހެލިވެވޭނެއެވެ.

ދެން އެއޮތީ "ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން ހެޔޮ އަމަލެއްކޮށް ފާފަ ފުހެލާށެވެ!" މިއީ ވެސް ހަމަ އެހާ ފަސޭހައިން ކޮށްލެވެން އޮތް ކަމެކެވެ. މިސާލަކަށް އިންސާނުން ކަމުގައިވީތީ ފާފައެއް ކުރެވުނީއެވެ. ވިއްދައިގެން ހެޔޮކަމެއް ކޮށްލާށެވެ. 2 ރަކްޢަތް ނަމާދެއް ނަމަވެސް ނަމާދެއްކޮށްލުން. އިސްތިޣްފާރުކުރުން، ޞަދަޤާތެއްކޮށްލުން ފަދަ ކޮންމެވެސް ހެޔޮ ޢަމަލެއް ކޮށްލާށެވެ.

ދެން މިއޮތީ "ރިވެތި އަޚްލާޤާއިއެކު މީސްތަކުންނާއި ކުރިމަތިލާށެވެ!" މިއީ ހަމައެކަނި މުސްލިމަކަށްވީތީވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އިންސާނަކަށްވީތީ ކުރަންޖެހޭނެ ކަމެކެވެ. ކޮންމެ މީހަކާއި ބައްދަލުވާއިރުވެސް އެކަންކުރަންވާނީ ރިވެތިއަޚްލާޤާއިއެކުގައެވެ. އެއީ، ފިރިން، އަނބިން، ދަރިން، މައިންބަފައިން، ޢާއިލާގެ މީހުން އަދި ކިތަންމެ ދުރު މީހަކު ކަމުގައިވީނަމަވެސްމެއެވެ. އެއިރުން އެމީހަކަށް އެކަމުން ހުރިހާ ގޮތަކުންވެސް މަންފާ ކުރާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

 

 

 

 

މިއަދު އޮންލައިން