އެހެން ރަސޫލް ބޭކަލުންނަށްވެސް މުޢްޖިޒާތްތައް ދެއްވެވިއެވެ! ރަސޫލް ޞޢޥ އަށް ޚާއްޞަވެގެންވާ މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެހެން ރަސޫލް ބޭކަލުންނަށްވެސް މުޢްޖިޒާތްތައް ދެއްވެވިއެވެ! ރަސޫލް ޞޢޥ އަށް ޚާއްޞަވެގެންވާ މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟

އެހެން ރަސޫލް ބޭކަލުންނަށްވެސް މުޢްޖިޒާތްތައް ދެއްވެވިއެވެ! ރަސޫލް (ޞޢޥ) އަށް ޚާއްޞަވެގެންވާ މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟ 

މިއީ ބައެއް މީހުން ކުރިމަތިކުރުވާ ސުވާލެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަވެގެންވާ މުޢުޖިޒާތްތައް ބައިވަރެވެ. އެކަންކަމުގެ ވާހަކަ ދައްކާނަމަ އެކަންކަން (އެމުޢުޖިޒާތްތައް) ލޮލަށް ނުފެންނަ ބައަކަށް ޔަޤީން ނުކުރެވިދާނެއެވެ. 

ނަމަވެސް މިއަދާއި ހަމައަށްވެސް ފެންނަން އޮތް މުޢްޖިޒާތެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރްޢާނެވެ. ކީރިތި ޤުރްއާނުގައިވާ މި ޗެލެންޖެވެ. (ގޮންޖެހުމެވެ.) 

"ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ޤުރްއާނާމެދު) ތިޔަބައިމީހުން ޝައްކުކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ނަޞްރު ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"

(އަލް ބަޤަރާ: 23) 

"ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އާޔަތްތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ ސޫރަތް ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ!"

(ހޫދު: 13) 

ކީރިތި ޤުރްއާން ބާވައިލެއްވެވިތާ 1450 އަހަރަށްވުރެ ގިނަވީއެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވީންސުރެ އިސްލާމް ދީން ޤަބޫލު ނުކުރާ އެންމެން އެއަންނަނީ މިފަދަ އާޔަތްތަކަށް ގޮންޖަހަން މަސައްކަތްކުރަމުންނެވެ. އެއްވެސް ކުރިއެރުމެއް ނުހޯދުނީ ކީއްވެގެންހެއްޔެވެ؟ މިފަދަ އާޔަތްތަކަށް ދޭނެ ޖަވާބެއް ނުހޯދުނީ ކީއްވެގެން ހެއްޔެވެ؟ 

ހަމައެކަނި މިކަމަށް ބަލައިލި ނަމަވެސް ކީރިތި ޤުރްއާނަކީ ﷲ ތަޢާލާ، މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވެވި އެންމެ ބޮޑު މޫޢްޖިޒާތްކަން ޔަޤީންކުރެވޭނެއެވެ. އަދި މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާކަންވެސް ޔަޤީންކުރެވޭނެއެވެ. 

ވީމާ މުސްލިމުންގެ ބޮލަށް ޗިޕެއްޖެހޭތޯ މީހުން ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ! ޙައްޤުމަގަކީ ހަމައެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން