ފާފައެއް ކުރެވުމުން އެކަން ޤަބޫލުނުކޮށް އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމްދީނުގެ ޙުކުމް ކުށްވެރިކުރުމަކީ ކުރެވުނު ފާފައަށްވުރެ ބޮޑު ކުށެކެވެ! (5)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 21ސ
ފާފައެއް ކުރެވުމުން އެކަން ޤަބޫލުނުކޮށް އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމްދީނުގެ ޙުކުމް ކުށްވެރިކުރުމަކީ ކުރެވުނު ފާފައަށްވުރެ ބޮޑު ކުށެކެވެ! (5)

އިއްޔެގެ ޢަދަދާ ގުޅޭ 

އިސްލާމީ ޝަރީޢަތުގައިވާ އަދަބުތަކަށް ކުރެވޭ ފުރައްސާރަ: 

ވައްކަމުގެ ޙުކުމަކީ އެންމެ ގިނައިން މިފަދަ މީހުން ޝިކާރައަކަށް ހަދާ ޙުކުމެވެ. ވައްކަމުގެ އަދަބަކީ ލާދީނީ މީހުން ދެކޭ ގޮތުގައި ހަރުކަށި އަދަބެކެވެ. ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ކުރަން ބޭނުން ނުވާ ކަމެކެވެ.

ފުރަތަމަ ޖަވާބަކީ، އެއީ މުއުމިނަކު ބުނެގެންވާނޭ ބަހެއް ނޫނެވެ. އީމާންކަން ނަފީކޮށްލާ ވަރުގެ ބޮޑު ބަހެއް ކަމުންނެވެ.

ދެވަނަ ޖަވާބަކީ ސުވާލެކެވެ. ވަޟަޢީ ޤާނޫނުގެ ދަށުން ނެރެވުނު ނަތީޖާ ކޮބައިތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ނަތީޖާ ހަމަ ސުމެކެވެ. ވައްކަން ކުރާ މީހުން ހަމަ ވައްކަން ކުރަނީއެވެ. ފޭރޭ މީހުން ހަމަ ފޭރެނީއެވެ. ރިޝްވަތު ހިފާ މީހުން ހަމަ ރިޝްވަތު ހިފަނީއެވެ. ދެވަނަ ފުރުސަތެއް ދިނީމަވެސް، ހަމަ އެކުށްތައް ތަކުރާރު ކުރަނީއެވެ. މުޖުމަތަމަޢުގެ އަމަންކަން ގެއްލިއްޖެއެވެ. މުދަލަށް އޮންނަ ޔަޤީންކަން ގެއްލިއްޖެއެވެ. 

އަތްކެނޑުމަށް ޙުކުމް ކުރެވެނީ ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ:

އަތް ކެނޑުމަކީ ބޮޑު ކަމަކަށް ވާއިރު އަތް ކެނޑުމުގެ ޙުކުމާ ހަމައަށް ދެވެނީ ކިހިނެއްކަން ވެސް ބަލައިލަން ޖެހޭނެއެވެ. އަތް ކެނޑޭނީ، ވަގަށް ނެގި މުދަލުގައި ވަކި ނިސާބެއް ހަމަވާ ނަމައެވެ. އަދި ރައްކާތެރި ތަނެއްގައި ބަހައްޓާފައި ހުރިނަމައެވެ. ވެރި މީހާގެ އިހްމާލު އޮވެގެން ނުވާނެއެވެ. މީހަކު ވައްކަން ކުރީ ބަނޑުހައި ހޫނުކަން މުއްތިކުރާނެ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވަނީނަމަ، އޭނަގެ މައްޗަށް އަތް ކެނޑުމުގެ ޙުކުމެއް ނުކުރާނެއެވެ. އޭނާ ވައްކަން ކުރީ ކީއްވެތޯ ރަނގަޅަށް ބަލައި ތަޙްޤީޤު ކުރެވޭނެއެވެ. އޭނާ ވައްކަން ކުރީ އެހެން ގޮތެއް ނެތިގެން ކަމަށް ސާބިތުވެއްޖެނަމަ، މުޖުތަމަޢުގެ އަފްރާދުން އޭނާއަށް މާލީ އެހީތެރިވުމަށް ގޮވާލެވެނޭއެވެ. ދައުލަތުގެ ބައިތުލް މާލުން އެފަދަ މީހުންނަށް ކޮންމެވެސް މަސައްކަތެއް ފަށައިގަތުމަށް މާލީ އެހީ ދެވޭނެއެވެ. އެއީ އޭނާއަށް ވަޒީފާއެއް ހޯދައި ދިނުން ކަމުގައި ވިޔަސް، ރަނގަޅު ތަޢުލީމެއް އުނގަންނައިދިނުން ކަމުގައިވިޔަސް، ނުވަތަ މާލީގޮތުން އަތެއް ފޯރުކޮށްދިނުން ކަމުގައިވެސް ވެދާނެއެވެ. ބޭނުމަކީ، ވައްކަން ކުރުމުގެ ނުބައި އާދަ މުޖުތަމަޢުން ލުހެލުމެވެ. ވައްކަމާ ދިމާލަންދާން މަޖުބޫރުވި ކުރިވި ހާލަތު ނައްތައިލުމެވެ.

މިފަދަ ފުރިހަމަ ނިޒާމެއް ވަޟަޢީ ޤާނޫނުން ގެނެސްދީފައިވޭތޯއެވެ. އިސްލާމީ ޝަރީޢަތަކީ ކިހައި ފުރިހަމަ ޝަރީޢަތެއްތޯއެވެ. އިސްލާމީ ޝަރީޢަތަކީ އަދަބު ދިނުމަށް އިސްކަންދޭ ޝަރީޢަތެއް ނޫނެވެ. އިސްލާމީ ޝަރީޢަތުން އިސްކަންދެނީ މުޖުތަމަޢުގެ މަސްލަޙަތަށެވެ. ކުށްކުރުން މުލުން ލުހެލުމަށެވެ. ހުރިހާ މަރުހަލާއެއް ފަހަނައަޅައި ގޮސް، އަދަބު ދޭން ޖެހިއްޖެނަމަ، އިސްލާމީ ޝަރީޢަތުން އަދަބު ދޭނެއެވެ. މުޖުތަމަޢަށް އިބުރަތަކަށެވެ. މުޖުތަމަޢުގެ މަސްލަޙަތަށެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނުތަކުގައިވާ ގޮތާ ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ބައެއް ހައްދުތައް ޤާއިމުކުރެވެނީ މުޖުތަމަޢުގެ ކުރިމަތީގައެވެ. އިޢްލާނު ކުރެވިގެންނެވެ. 

އިންސާނީ ޙައްޤުތަކަށް ނުހައްޤުން އަރައިގަނެވެނީ ވަޟަޢީ ޤާނޫނުތަކުގައެވެ:

ހުޅަނގުގެ އަދި އެހެނިހެން ވަޟަޢީ ޤާނޫނުތަކުގައި ވަނީ މަޒްލޫމަށް (އަނިޔާ ލިބުނު ފަރާތަށް) ވުރެ ބޮޑަށް ޒާލިމަށް (އަނިޔާވެރިޔާއަށް) ޙައްޤުތަކެއް ދެވިފައެވެ. މިކަމުގެ ސަބަބުން ނުބައި ނުލަފާ މުޖުރިމުންނަށް ނިކަމެތި ރައްޔިތުންގެ މުދަލާއި ލެއަކީ މާ ބޮޑު އެއްޗަކަށް ނުވެއެވެ. އެބައިމީހުންނަށް ލިބިގެންދާ މެސެޖަކީ ތިމަންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް މާދަމާ ސަލާމަތްވާނެ ކަމުގެ މެސެޖެވެ. އެކަމުގެ އިޙްސާސެވެ.

އަތް ކެނޑުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުން ކަމަށް ފާހަގަކުރާ މީހުން ވެސް އުޅެއެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނަކީ އެންމެ އެކަށީގެންވާ ޤާނޫނުކަމަށް މިބައިމީހުން ބުނެ އުޅެތެވެ.

ވަޟަޢީ ޤާނޫނުތަކަށް ބަލާއިރު، މީހެއްގެ މައްޗަށް ކިތަންމެ ބޮޑު ވައްކަމެއްގެ ކުށް ސާބިތުވިކަމުގައި ވިޔަސް، ކޮންމެވެސް މުއްދަތަކަށް އަރުވާލާނީއެވެ. އަހަރު ތަކަކަށެވެ. އާޚިރުގައި، އެ ނަގާލެވެނީ އޭނާގެ މިނިވަންކަމުގެ ޙައްޤެވެ. އަނބި ދަރީންނާ އެކު ދިރިއުޅުމުގެ ހައްޤު ނިގުޅައިގަނެވުނީއެވެ. އޭނާގެ އަނބިދަރީންގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އެހެނީ، ފިރިމީހާއާއެކު ވުމުގެ ޙައްޤު އަނބިމީހާގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ބައްޕައާއެކު ވުމުގެ ޙައްޤު ދަރިންގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ދިރިހުރުމަށް މަސައްކަތެއް ކުރުމުގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އަނބިދަރީންނަށް ހަރަދު ކުރުމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުނީއެވެ. އަޅާލާނެ އެހެން ފަރާތެއް ނެތްނަމަ، އޭނަގެ އަނބިދަރިން ބިކަވީއެވެ. ދަރިންތައް ބައްޕަގެ ލޯބިން މަހްރޫމްވީއެވެ. ދަރިންތައް މަގުމަތިވީއެވެ. އަނބިމީހާއަށް ފިރިމީހާގެ ލޯބިން މަހްރޫމް ކޮށްލެވުނީއެވެ. ފަހަރެއްގައި އޭނާގެ އަނބިމީހާ އޭނަ ކައިރިން ވަރި ވެދާނެއެވެ. ނުވަތަ އޭނާގެ އިއްފަތް ވެއްޔާ މޮޑެލާނެއެވެ. އަދި ހަމައެހެންމެ، ޖަލުތަކުގައި އޭނާއާ ދިމާވާ އެހެނިހެން މުޖުރިމުންގެ ސަބަބުން އޭނާގެ ނުބައި ނުލަފާކަން އިންތިހާއަށް ގޮސްދާނެއެވެ. އެބައިމީހުންގެ ކައިރިން އިތުރު ނުބައި ކަންތައްތައް އޭނާ ދަސްކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ޖަލަކީ އިސްލާޙުވުމަށް ދެވޭ މާހައުލަކަށްވުރެން ގޯސް ވުމަށް ދެވޭ މާހައުލަކަށް ވުން އޮންނާނީ ކައިރީގައެވެ. މިހުރީ ހައްތާވެސް އޭނާގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކެވެ. ޖިސްމާނީ އަދި މައުނަވީ ގޮތުން އޭނާއަށް ދެވޭ އަނިޔާތަކެވެ.

ނަމަވެސް، އިސްލާމީ ޝަރީޢަތުގައި މިފަދަ އެއްވެސް ގެއްލުމެއް ނުހިމެނެއެވެ. ވައްކަން ކުރުމުގެ ނުބައިކަން ވަނީ އިސްލާމްދީނުގައި ބަޔާންކުރައްވާފައެވެ. އަނެކުންގެ މުދަލާއި، ލެޔާއި، އަބުރަކީ އެންމެ މަތީ ދަރަޖައިގެ ޙުރުމަތް ލިބިގެންވާ އެއްޗެހިކަމުގައި ވަނީ ބަޔާންކުރެވިފައެވެ. ނަމަވެސް މިހުރިހާ ތަޢުލީމެއް ބޮލާލައި ޖަހައިލުމާއެކު، މުޖުތަމަޢުގައި އަމަންކަމާއި ރައްކާތެރިކަން ނަގައިލުމުގެ ޖަރީމާއަކީ ކުޑަ ޖަރީމާއެއް ނޫނެވެ. އެފަދަ ކަމަކަށް އިންސާނުން ޚަލްޤުކުރެއްވި ފަރާތުން ހުއްދައެއް ނުދެއްވަައެވެ.

އެހެންކަމުން، މިފަދަ ޖަރީމާތަކުގެ ރަތް ލައިނު އޭނާ ހުރަސް ކުރުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމަށް އޭނާއަށް ޙައްޤު އަދަބު ދެވޭނެއެވެ. އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމެއް ނަމަ، ޝަރުޢީ ޙުކުމް އޭނާގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އާޚިރުގައި އޭނާ އެނބުރި ދާނީ ގެއަށެވެ. އަނބި ދަރިންގެ ކައިރިއަށެވެ. އެއީ އޭނާއަށް ލިބުނު ފިލާވަޅެކެވެ. އެފަދަ ނުބައިކަމަކަށް ނޭރުމަށް ޢަޒުމު ކަނޑައަޅަން އޭނާއަށް މަޖުބޫރުވާނެއެވެ. އަދި އެކަމާމެދު ވިސްނުންތަކެއް ވިސްނާނެއެވެ.

އަދި ހަމައެހެންމެ، އޭނާ ފަދަ އެހެން މީހުންނަށް ދެވުނު އިންޒާރެކެވެ. މުޖުތަމަޢުގެ އަފުރާދުންނަށް އެބައިމީހުންގެ މުދަލަށާއި ޙައްޤުތަކަށް އޮންނަ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުވެގެންދާނެއެވެ. އަދި ވައްކަން ކުރުން ފަދަ ނުބައި ޖަރީމާތަކަކީ އެ މުޖުތަމަޢެއްގައި ބީރަށްޓެހި ކަންތައްތަކަކަށް ވެގެން ހިނގައިދާނެއެވެ. ހަމައެހެންމެ މަހަތުމާ ގާންދީ ވިދާޅުވާ، ލޮލަކަށް ލޮލެއް ދޭން ޖެހިއްޖެނަމަ، މުޅި ދުނިޔެ އަނދިރިވެދާނޭ ކަމުގެ ފަލްސަފާއަކީ ދޮގެއްކަން ސާބިތުވާނެއެވެ. އެހެނީ، ހުރިހާ އިންސާނުންނަކީ މުޖުރިމުންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ އަނިޔާވެރިންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ ވަގުންނެއްވެސް ނޫނެވެ. 

ނިންމުން: 

އިންސާނުންގެ މަޞްލަޙަތު މި ޝަރީޢަތުގައި ހިމެނިގެންވާ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ ޙިކުމަތްވަންތަ މާތް ﷲ އެވެ. އަޅުގަނޑު މި ލިޔުމުގައި މި ބަޔާންކޮށްލީ، އިސްލާމީ ޝަރީޢަތާމެދު އަޅުގަނޑަށް ތަޞައްވަރުވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކައެވެ. އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމުގެ ވާހަކައެވެ. އެ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ހުރިހާ ތަނަކަށް ފެތޭ ޝަރީޢަތެއްކަމުގެ ވާހަކައެވެ.

ބުއްދީގެ ތަރަހައިން އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޝަރީޢަތުގެ މައްޗަށް އެއްލާލި ނަޒަރެކެވެ. މުޖުތަމަޢުގައި އިސްލާމީ ޝަރީޢަތަށް ފާޑުކިޔޭތީ އަޅުގަނޑުގެ ޟަމީރަށް ކެތްނުކުރެވުނީއެވެ. އަޅުގަނޑަކީ މިފަދަ މައުޟޫޢަކަށް އިންސާފު ކުރަން އެންމެ އެކަށީގެންވާ މީހެއް ނޫންކަންވެސް ޤަބޫލުކުރާ ހާލުގައެވެ. އަޅުގަނޑުގެ ލިޔުމުގައި ކުށެއްވާނަމަ، އެއީ އަޅުގަނޑުގެ ފުށުން އައިސްފައި  ކުށެކެވެ. އިސްލާމީ ޝަރީޢަތް އެކަމުން ބަރީއަވެގެން ވެއެވެ. މާތް ﷲ މިއަޅާގެ ކުށްތައް އަފޫ ކުރައްވާ މިއަޅާއާއި ތިބާގެ ފާފަތައް ފުއްސަވާފައިދޭއެވެ. އާމީން! (ނިމުނީ)

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

މިއަދު އޮންލައިން