އަހުރެންގެ ވިސްނުމުން ބުނާނަމަ ބުނާނީ މުޅިރޭގަނޑު ހަތަރުދަމު ރޭއަޅުކަންކުރުމަށްވުރެ ވެސް އެމީހަކު މާފުކުރަންޖެހޭ މީހަކަށް ނުވަތަ މީހުންނަށް މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުކަމަށެވެ. މާނައަކީ މާފުކުރުމަކީ އެހައިވެސް މަތިވެރި އަޅުކަމެއް ކަމަށެވެ.
މިހެން މިބުނާ ސަބަބަކީ ތިބާއަށް ދެރަގޮތް ހަދައި ނިކަމެތިކުރާ މީހުންނަށް ﷲ ތަޢާލާއަށްޓަކައި މާފުކުރާ މީހުންނަށް ރުހިވޮޑިގެން އެމީހުންނަށް ކުރެވިފައިވާ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތީއެވެ.
އަނިޔާ ކުރުމުން ނުވަތަ ދެރައެއް ދިނުމުން ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ހިތުގައިވެސް ޖެހޭނެއެވެ. އަދި އެކަންކުރީ، ތިމާ އެމީހަކަށް ފުރިހަމަ އިތުބާރުކޮށްގެން ކައިވެނިކުރި ތިމާގެ ބައިވެރިޔާ ނުވަތަ ޢާއިލާގެ މީހެއް ނުވަތަ ގާތް އެކުވެރިއެއް ނަމަ ކުރާނެ އަސަރުވެސް ބޮޑުވާނެއެވެ. އެހެންކަމާއިއެކުވެސް މާފުކުރަން ފަސްނުޖެހޭށެވެ. މާފުކުރަން އުނދަގޫވާނެއެވެ. މާފުކުރާ ވަޤުތު އެމީހެއްގެ ޖަޒުބާތުތައް ކެކިގެންދާނެއެވެ.
ނަމަވެސް ބުނަން ހެއްޔެވެ؟ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ﷲ ތަޢާލާއަށްޓަކައި އޭނާއަށް މާފުކޮށް އެކަން ނިންމައިލާށެވެ! ދާދިއަވަހަށް އެކަން ތިބާގެ ހިތުން ފިލައިގެންވެސް ހިނގައިދާނެއެވެ. އިން ޝާ ﷲ. މާފުކުރިކަމަށް ބުނި ނަމަވެސް ބޮޑު ކަންތައްގަނޑެއްގެ ގޮތުގައި އެކަން ހިތުގައި ހަރުލަނީ ﷲ ތަޢާލާއަށްޓަކައި އެކަން ނުކުރެވޭތީއެވެ. އިޚްލާޞްތެރިކަމާއިއެކު ބާފުނުކުރެވޭތީއެވެ. ﷲ ތަޢާލާއަށްޓަކައި މާފުކުރުމުން އެމީހަކަށް ހުރިހާ ގޮތަކުންވެސް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ހިތްވަރުވެސް ދެއްވަވާނެތެވެ.
ދެން ބުނަން ހެއްޔެވެވެ؟ ޔޫސުފްގެފާނަށް އެކަލޭގެފާނުގެ އަޚުން ނުކުރަނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ނުދެނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެކަމަކު ﷲ ތަޢާލާއަށްޓަކައި ހުރިހާ ކަމަކަށް މާފުކުރެއްވެވި ނޫންހެއްޔެވެ؟ ﷲ ތަޢާލާ ޔޫސުފްގެފާނަށް ލެއްވެވި ރަޙްމަތުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާއީ އެކަލާނގެ ރުހިވޮޑިގަތުން ލިބިގެންފި އަޅަކަށް ދުނިޔެއާއި އާޚިރަތުގައިވެސް އެއްވެސް އިމެއް ނެތި ރަޙްމަތް ލައްވަވާ ރަސްކަލާނގެއެވެ.
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން