މޫސާގެފާނު ވާހަކަ- 21: ބަނީ އިސްރާއީލުން މޫސާގެފާނަށް ކުރި ދުއްތުރާ

ކިޔުމަށް ހޭދަވާނީ 5މ 5ސ
މޫސާގެފާނު ވާހަކަ- 21: ބަނީ އިސްރާއީލުން މޫސާގެފާނަށް ކުރި ދުއްތުރާ

ޢަލީ އިޙްޞާން ފިރާޤް

 

ބަނީ އިސްރާއީލުން މޫސާގެފާނަށް ކުރި ދުއްތުރާ- 

ބަނީ އިސްރާއީލުބާގައިގެ މީސްތަކުން އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި މާތް ނަބިއްޔާ މޫސާގެފާނަށް އެތައް އުނދަގޫތަކެއްދީ، ދުއްތުރާކޮށް އުޅުނުކަން ކީރިތި ޤުރްއާނުންނާއި، މާތް ރަސޫލާގެ ސުންނަތުން ސާބިތުވެއެވެ. ކީރިތި ޤުރްއާނުގެ އަޙްޒާބު ސޫރަތުގެ 69 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ آذَوْا مُوسَىٰ فَبَرَّأَهُ اللَّـهُ مِمَّا قَالُوا ۚ وَكَانَ عِندَ اللَّـهِ وَجِيهًا ﴿٦٩﴾ 

މާނައީ: [އޭ إيمان ވެއްޖެ މީސްތަކުންނޭވެ! موسى ގެފާނަށް އުނދަގޫކޮށް އުޅުނު މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނާމެދު ދެއްކި ވާހަކައިން، اللَّه، އެކަލޭގެފާނު ބަރީއަކުރެއްވިއެވެ. އަދި اللَّه ގެ حضرة ގައި އެކަލޭގެފާނު، قدر އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ.]

އަބޫ ހުރައިރާ ރަޟިޔަ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

[ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ފެންވަރަނީ ބަރަހަނާކޮށްތިބެ، އެއްބަޔަކު އަނެއްބަޔަކަށް ފެންނަގޮތަށެވެ. ނަމަވެސް މޫސާގެފާނަކީ ވަރަށް ލަދުވެތި ބޭކަލެއްކަމުން، އެކަލޭގެފާނު ނާނޭފުޅު ފިއްލަވަމުން ގެންދެވީ ގިނިކަންޏާއެވެ. މިކަންތައް ބަނީ އިސްރާއީލުބާގައިގެ މީހުންނަށް ބޮޑުވެގެން ޒާތްޒާތުގެ ވާހަކަތައް ދައްކަންފަށައިފިއެވެ. އެބައިމީހުން ބުނަމުން ގެންދިޔައެވެ.

[މޫސާގެފާނު އަހަރެމެންނާއެކު، އަހަރެމެން ފެންވަރާހެން ނާނޭފުޅު ނުފިއްލަވަނީ އެހެން އެއްވެސް ކަމެއްވެގެނެއްނޫނެވެ. އެއީ އެކަލޭގެފާނުގެ ކުރިމަތި ފަރާތަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅެއްގެ ސަބަބުންނެވެ.]

އެއްފަހަރަކު މޫސާގެފާނު ނާނޭފުޅު ފިއްލެވުމަށްޓަކައި، އެކަލޭގެފާނުގެ ހެދުންކޮޅު ބާލުވައި ހިލައެއްގެ މަތީގައި ބޭއްވެވިއެވެ. ނަމަވެސް އެ ހިލަގަނޑު އެކަލޭގެފާނުގެ ހެދުންކޮޅާގެން ދުއްވައިގަތެވެ. މޫސާގެފާނުވެސް އެ ހިލައިގެ ފަހަތުން [އޭ ހިލަޔާއޭ ތިމަންކަލޭގެފާނުގެ ހެދުންކޮޅޭ އޭ ހިލަޔާއޭ ތިމަންކަލޭގެފާނުގެ ހެދުންކޮޅޭ] ވިދާޅުވަމުން ދުވެވަޑައިގެންފައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދުވެވަޑައިގެންފައި ވަޑައިގެން މަގުމަތީން ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނަށް އެކަލޭގެފާނުގެ މާތް ހަށިކޮޅު އެއްވެސް ފޭރާމެއްނެތި ފެނުނެވެ. އެބައިމީހުން ބުންޏެވެ.

[މާތް ގަންދެމެވެ. މޫސާގެފާނުގެ ހަށިކޮޅުގައި އެއްވެސް ޢައިބެއް ނުވަތަ އާލާސްކަންފުޅުގެ ނިޝާނެއް ނެތެވެ.]

ދެން މޫސާގެފާނު އެކަލޭގެފާނުގެ ހެދުންކޮޅު ނަންގަވައި، ތުރުކުރެއްވުމަށްފަހު އެ ހިލައިގައި ތަޅުއްވަން ފެއްޓެވިއެވެ. އަބޫ ހުރައިރާ ރަޟިޔަޢަންހު ވިދާޅުވެފައިވެއެވެ. [މޫސާގެފާނު އެ ހިލައިގައި ބާރަށް ތެޅުއްވުމުގެ ސަބަބުން، އެ ހިލައިގެ ހައެއް ނުވަތަ ހަތްތަނެއް ރަނގަޅަށް ފާހަގަވާން ހުއްޓެވެ.] {صحيح البخاري، كتاب الغسل، باب مَنِ اغْتَسَلَ عُرْيَانًا وَحْدَهُ فِي الْخَلْوَةِ، وَمَنْ تَسَتَّرَ فَالتَّسَتُّرُ أَفْضَلُ، ޙަދީޘް ނަންބަރު 278}

ޢަބްދުބިން މަސްޢޫދު ރަޟިޔަ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަޞްޙާބުންގެ މެދުގައި ޣަނީމާ މުދާ ބައްސަވަމުން ގެންދެވިއެވެ. އެތަންދެކެ، އަންޞާރުންގެ ބޭކަލަކު ބުންޏެވެ. [މާތްގަންދެމެވެ. މުޙައްމަދުގެފާނު އެތަކެތި އެ ބައްސަވަނީ މާތްގެ ރުއްސެވުން އަދައިގެނެއް ނޫނެވެ.] އިބްނު މަސްޢޫދު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަލޭގެފާނު ވަޑައިގެން މާތް ރަސޫލާގެ އަރިހުގައި އެ ވާހަކަ ދަންނަވައިފީމެވެ.

ހަމައެވަގުތު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ މޫނުފުޅު މަތީން ކޯފާގެ އަސަރުތައް ފާޅުވެ، އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަކޮޅު ބަދަލުވެގެން ދިޔައެވެ. ޙަދީޘް ކުރެއްވިއެވެ. [މާތް މޫސާގެފާނަށް ރަޙްމަތް ލައްވާށިއެވެ. އެކަލޭގެފާނަށް މިއަށްވުރެ ބޮޑަށް އުނދަގޫފުޅާއި ދުއްތުރާ ލިބިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު އެކަމާ ކެތްތެރިވެވަޑައިގެންނެވިއެވެ.] {صحيح البخاري،كتاب الأدب،باب مَنْ أَخْبَرَ صَاحِبَهُ، بِمَا يُقَالُ فِيهِ، ޙަދީޘް ނަންބަރު 6059}

 

މިއަދު އޮންލައިން