ތިމާ މީހަކުދެކެ ލޯބިވެގެން ކުރާ ކައިވެންޏެއް ރޫޅެން ބޭނުންވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ވަރިކުރީއެވެ. ދެން އެހިސާބުން ތިމާއަށް ގޮތްހުސްވީ ކަމަށް އެބަބަލައެވެ. ތިމާ ދެކެ ލޯބިވާނެ ނުވަތަ ތިމާއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށް ބަލައި އުފާވެރިކަން ހޯދުމުގެ ބޭނުމުގައި ބޮޑެތި ފާފަތަކަށް އަރައިގަނެވޭތަން އެބަ އައުދެއެވެ. އެވަރަކުންވެސް ނުފުދެއެވެ. އަޅުކަންކުރުންވެސް ހުއްޓައިލަނީއެވެ.
ބަލަ ތިބާ ހުރީ ރަނގަޅުގޮތުގައި ކަމުގައިވާނަމަ ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ނުއެނގެނީހެއްޔެވެ؟ ﷲ ތަޢާލާ ތިބާއާއިއެކު ވޮޑިގެންވާނަމަ ތިބާ ދެރަވެ ނިކަމެތިވާން ދޫކޮށްލައްވަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ.
އެފަދަ ވަޤުތުގައި އަޅުކަމާއި ދުރަށް ޖެހުމުގެ ބަދަލުގައި އަޅުކަންކުރުން އިތުރުކުރާށެވެ! ކެތްތެރިވެލާށެވެ! ކެތްތެރިކަމަކީ އިމެއްނެތި ﷲ ތަޢާލާ ޖަޒާ ދެއްވަވާކަމެއްކަން ކީރިތި ޤުރްއާނުން ނުއެނގެނީ ހެއްޔެވެ؟ ވީއިރު ކަންބޮޑުވާންވީ ކޮންކަމަކަށް ހެއްޔެވެ؟
ﷲ ތަޢާލާ އިމެއްނެތި ޖަޒާދެއްވަވާނެކަމަށް އޮތުމުން އެނގެނީ އިމެއް ނެތި އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެކަމެވެ. ނުއެނގެނީ އެކަން މިންވަރުކުރައްވަވާނީ ކޮން އިރަކު ކަމެވެ. ވީމާ އޮތީ އެވަޤުތަށް އިންތިޒާރުކޮށް ކެތްތެރިވެލުމެވެ. ވީމާ މިބުނި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެއީ އިމެއް ނެތި ﷲ ތަޢާލާ ތިމާއަށް ލައްވަވާ ރަޙްމަތް ލިބިގަތުމަށް އޮތް ފުރުޞަތުކަމަށް ދެކޭށެވެ. އެކަން ޔަޤީންކުރާށެވެ! ކެތްތެރިވެލައި ހިތްވަރުކޮށްލާށެވެ! ﷲ ތަޢާލާ ލައްވަވާ ރަޙްމަތް ތިބާއާއި ބައްދަލުކުރާ ވަޤުތު ތިބާއަށް ލިބޭނެ އުފާވެރިކަން މާބޮޑުވެގެންދާނެކަން ޔަޤީންކުރާށެވެ!
މިކަން އެކި ޢިބާރާތުން މިހައި ގިނައިން ހަނދުމަކޮށްމިދެނީ މިކަންކަން ނުވިސްނި މަގުއޮޅި ﷲ ތަޢާލާގެ ރަޙްމަތް ލިބިގަތުމުގެ ބަދަލުގައި ދެދުނިޔެ ދޫކޮށްލެވުން ގިނަވާތީއެވެ. އެކަންކަމުން ސަލާމަތްވެ ތިބެން ނަޞޭޙަތް ދިނުމަށެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން